އެތެރެއާއި ބޭރުން އެންމެ ގިނަ ގޮންޖެހުންތައް ކުރިމަތިވި ވެރިޔަކީ ރައީސް ޔާމީން: ޑރ. ޖަމީލު

08 Feb 2020 | 15:14

ވެރިކަމުގެ ދުވަސްވަރު ރާއްޖެއާއި ބޭރު ދުނިޔެއިން އެންމެ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެވަޑައިގެންނެވި ވެރިޔަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް އެމަނިކުފާނުގެ އެންމެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވެރިކަމަކީ ބިޔަ ބޮޑު މަސްއޫލިއްޔަތެއް ކަމަށާއި ފަސޭހަ ވަގުތުތައް މަދުވެފައި ނުތަނަވަސްވެ ހާސްވާ ވަގުތުތައް ގިނަވާނެ ކަމަށެވެ.

އެންމެ ގިނަ ގޮންޖެހުންތައް ކުރިމަތިވި އެއް ވެރިޔަކީ ރައީސް ޔާމީން. ބޭރުންނާއި އެންމެން އިދިކޮޅުގައި. އެންމެ ފަހުން މުއައްސަސާތައްވެސް. ދެއްކެވި ސާބިތުކަމަށް ސާބަސް ޙައްޤު

''އެންމެ ގިނަ ގޮންޖެހުންތައް ކުރިމަތިވި އެއް ވެރިޔަކީ ރައީސް ޔާމީން. ބޭރުންނާއި އެންމެން އިދިކޮޅުގައި. އެންމެ ފަހުން މުއައްސަސާތައްވެސް. ދެއްކެވި ސާބިތުކަމަށް ސާބަސް ހައްގު،'' ޑރ. ޖަމީލު ވިދާޅުވިއެވެ.

ޑރ. ޖަމީލަކީ ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއްގައި ނަގައިނައިބު ރައީސް ކަމުގެ މަގާމުން ދުރުކުރެއްވި ބޭފުޅެކެވެ. އޭގެ ފަހުން ދުވަސްކޮޅަކު ގައުމުން ބޭރުގައި ހުންނަވައިގެން އިދިކޮޅޮ ކޯލިޝަނާއި ގުޅިވަޑައިގެން، މިސަރުކާރު ގެނައުމަށް ގިނަ މަސައްކަތަކެއް ކުރެއްވި ބޭފުޅެކެވެ.

ނަމަވެސް ސަރުކާރުން ރައްޔިތުންނާ މެދު ބޭއިންސާފުން ކަންކަން ކުރާ ކަމަށް ތުހުމަތު ކުރައްވައި، ޑރ. ޖަމީލު ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އަދި މަނީލޯންޑާގެ ކުށް ސާބިތުވެ ޖަލަަށްލާފައިވާ ކުރީގެ ރައީސް ޔާމީންގެ ދިފާޢުގައި މަސައްކަތް ކުރައްވާ ގާނޫނީ ޓީމުގައި މިހާރު އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އެއް ބޭފުޅަކީ ޑރ. ޖަމީލެވެ.

Advertisement

ކޮމެންޓް