ކުންފުނިތަކުގެ ހަރަދު ކުޑަކުރަން ނުވަ ކަމެއް ކުރަން ފިނޭންސް މިނިސްޓްރީން އަންގައިފި
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ނުވަ ކަމެއް އެކުލަވާލައި، އެކަންކަމަށް އަމަލުކުރުމަށް ފިނޭންސް މިނިސްޓްރީން ކުންފުނިތަކަށް އަންގައިފި އެވެ.
ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސާކިއުލާގައި، ކުންފުނިގެ ބަޖެޓުން ޚަރަދު ކުރަންޖެހޭ ދަތުރުތަކުގެ ތެރެއިން ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށާއި ރާއްޖެއިން ބޭރަށް ކުރާދަތުރުތަކުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންގެ ރަސްމީ ދަތުރުތައް ހަމަޖެއްސުމުގައި ގެންގުޅެންޖެހޭ އުސޫލާއި އެއްގޮތަށް އަމަލުކުރުމަށް އަންގާފައި ވެއެވެ.
ލިޔުމަކުން ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެން މެނުވީ، ކުންފުނީގެ އިދާރީ އޮނިގަނޑަށާއި މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުމަށް އަންގާފައިވެއެވެ. އަދި ބަޖެޓްގައި ހިމެނިފައިވީނަމަވެސް މިހާރު ދޭން ފަށާފައިނުވާ އެއްވެސް އެލަވެންސެއް އަހަރުތެރޭގައި އަލަށް ދޭން ފަށައިގެން ނުވާނެކަމަށްވެސް ސާކިއުލާގައި ވެއެވެ.
މުވައްޒަފުންގެ އޯވަރޓައިމް ލިމިޓްކުރުމަށްވެސް ވަނީ ކުންފުނިތަކަށް އަންގާފަ އެވެ.
މީގެއިތުރުން އޮފީހުގައި ކަރަންޓު ބޭނުންކުރާ މެޝިނަރީ އާއި އިކުއިޕްމަންޓާއި އެހެނިހެން އާލާތްތައް ބޭނުންނުކުރާ ވަގުތުތަކުގައި އެތަކެތި ނިއްވާލުމަށާއި އޮފީހުގެ ތެރޭގައި ކުރަންޖެހޭ މުއާމަލާތްތަކުގައި ވީހާވެސް މަދުން ކަރުދާސް ބޭނުންކުރާގޮތަށް ހަމަޖެއްސުމަށްވެސް ފިނޭންސްގެ ސާކިއުލާގައި އަންގާފައިވެއެވެ. އޭގެއިތުރުންވެސް ކުންފުނިން ދެމުންގެންދާ ޚިދުމަތްތައް މެދުނުކެނޑި ދިނުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކެޕިޓަލް ޚަރަދުތައް ފިޔަވައި އެހެން ހުރިހާ ކެޕިޓަލް ޚަރަދެއްކުރުން ހުއްޓާލުމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފަ އެވެ.
އަދި މިއަހަރު ކޮންމެހެން ކުރަންޖެހޭ މަރާމާތުތައް ފިޔަވައި އިތުރު އެއްވެސް މަރާމާތެއް ނުކުރުމަށް ވަނީ އަންގާފައެވެ. އޭގެތެރޭޣައި ކާޕެޓް ބަދަލުކުރުމާއި ޕާޓިޝަން ޖެހުން ފަދަ މަސައްކަތްތަކަށް ކުރާ ޚަރަދުތައް މަދުކުރުމަށް އަންގާފަ އި ވެއެވެ.
ގައުމީ ފެންވަރުގައި ކޮންމެހެން ކުރަންޖެހޭ ފާހަގަކުރާ ދުވަސްތައް ފިޔަވައި ކުންފުނީގެ ބަޖެޓުން ޚަރަދުކޮށްގެން އެއްވެސް މުނާސަބަތެއް ފާހަގަނުކުރަންވެސް ފިނޭންސް އިން ވަނީ އަންގާފައެވެ.
އަދި ކުންފުނިތަކުގެ އަހަރީ ދުވަސް ފާހަގަކުރުން ހުއްޓާލުމަށްވެސް ވަނީ އަންގާފަ އެވެ. ފޯނާއި، އިންޓަރނެޓާއި ފެނާއި އަދި މިނޫންވެސް އޮފީސް ހިންގުމުގެ ޚަރަދުތައް ވީހާވެސް ކުޑަކޮށް ހަމަޖެއްސުމަށްވެސް ވަނީ ކުންފުނިތަކަށް އަންގާފަ އެވެ.
ދުނިޔޭގައި ހަލުއިކަމާއެކު މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސްއާއި ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް ބޮޑު ލޮޅުމެއް އަންނާނެތީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން މިދިޔަ ހަފްތާގައި ވަނީ އިދާރާތަކަށް އަންގާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists