"މައިންބަފައިން ވަނީ މަރުވެފައި، ޖެކެޓެއް ގަނެދޭނެ މީހަކު ނެތް"

18 Feb 2020 | 13:48

ބިކަ ހާލުގައި ޖެހިފައިވާ މިހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަބަދުވެސް އުޅެމުންދެއެވެ. ޚާއްސަކޮށް މިދުވަސްވަރަކީ ޤުދުރަތީ ކާރިޘާތަކާއި ހަނގުރާމައިގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ނިކަމެތިކަންލިބި އުންމަތުގެ ވަރަށް ގިނަ އަޚުންނާއި އުޚްތުންނެއް އެތަކެއް ވޭންތަކެއް ތަޙައްމަލުކުރަމުން އަންނަ ދަނޑިވަޅެކެވެ.

މިގޮތުން އެތައް މިލިއަން މީހުނެއްވަނީ ގެދޮރު ދޫކޮށް އެކި ޤައުމުތަކަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަކުރުމަށް މަޖުބޫރުވެފައެވެ. ބައެއް މީހުންވަނީ ބޯހިޔާވަހިވެވޭނެ ގޮތެއްނެތި މަގުމަތިވެފައެވެ. އަނެއްބައި މީހުން ކާނެ އަދި ބޯނެ އެއްޗެއް ނެތި ބަނޑުހައިހޫނުކަން މަތީ މަރުވެގެންދަނީއެވެ. ގަދަ ފިންޏާއި ހޫނުގެ ސަބަބުން އެތަކެއް ބަޔަކުވަނީ ދުނިޔެދޫކޮށް ގޮސްފައެވެ. އުނުއޮރިޔާން ނިވާކޮށްލާނެ އެއްޗެއް ނެތި ބިކަވެފައިވާ އެތައް ބަޔަކު އެބަތިއްބެވެ.

ޒަޚަމްވެ ނުކުޅެދުންތެރި ހާލުގައި ތިބީ ކިތައް މީހުންތޯއެވެ. އެތަކެއް އުޚްތުން ހުވަފަތްވެ އުންމަތުގެ ދަރީންތަކެއްވަނީ ޔަތީމު ޙާލުގައެވެ. 

މިފަދަ ފަރާތްތަކަށް އެހީވުމަށް ދިވެހިންގެ ތެރެއިން ބަޔަކު އިސް ނަގައިގެން އުފައްދާފައިވާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭސީގެ ފަރާތުން ކުރިއަށްގެންދާ ސަވައިވިންގ ވިންޓާ ޕްރޮޖެކްޓްގެ ފަރާތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންޖެހިފައިވާ ފަރާތްތަކަށް ދަނީ ފިނި މޫސުމުން ސަލާމަތްވުމަށް ބޭނުންވާާނެ ހެދުން ފޯރުކޮށްދެމުންނެވެ.

މި ޕްރޮޖެކްޓްގެ ދަށުން ސީރިޔާގެ ކުޑަކުދިންނަށް ފިނި ހެދުން ފޯރުކޮށްދޭ ވީޑިޔޯއެއް ވަނީ ފޭސްބުކްގައި އިއްޔެ އާންމުކޮށްފައެވެ. މި ވީޑިޔޯއިން އެތައް ބަޔަކު ހިތްމޮޅި ކުރުވާފައިވާއިރު، ވީޑިޔޯއިން ފެންނަ ކުދިންގެ ކިބައިން ފެންނަމުންދަނީ އުފާވެރިކަމެވެ. މައިންބަފައިން މަރުވުމުންނާއި، ފައިސާ ނެތުމުން ޖެކެޓް ނުގަނެވި ތިބި ކުދިންގެ މޫނުމައްޗަށް އަޅުގަނޑުމެން ދިވެހިން ވަނީ ހިނިތުންވުން ގެނެސްދީފައެވެ.

Advertisement

ކޮމެންޓް

Advertisement