ސްކޫލްތަކުގައި ބުލީކުރުމަކީ ކުށަކަށް ހެދުމަށް ގޮވާލައިފި

19 Feb 2020 | 01:06

ސްކޫލްތަކުގައި ކުދިންނަށް ބުލީކުރުމަކީ ކުށަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލްެއުސްތާާޛު ހަސަން ލަތީފް ގޮވާލައްވައިފިއެވެ.

ހަސަން ލަތީފް މިފަދައިން ގޮވާލެއްވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ތައުލީމުގެ ބިލުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ ބުލީކުރުމަކީ ރާއްޖޭގެ ސްކޫލްތަކުގައި ޒަމާނުއްސުރެ ހިނގަމުންދާ ކަމެއްކަމަށާއި ނަަމަވެސް އެއީ މާބޮޑު ކަމެއް ނޫންކަމުގައި ދެކި އެކަން ހުއްޓުވިފައި ނުވާކަމަށެވެ. ނަމަވެސް އެކަމުގެ ނަތީޖާ މިހާރުވެސް ފެންނަމުންދާކަމަށް ހަސަން ލަތީފް ފާހަގަކުރެއްވިއެވެ.

އެގޮތުން ސްކޫލް ދައުރުގައި ބުލީ ކުރެވިފައި ތިބި ފަރާތްތައް ދައުލަތުގެ ޒިންމާދާރު މަގާމުތައް އަދާކުރަމުންދާއިރު ބުލީ ކުރެވުނު އަސަރު އެ ފަރާތްތަކުގެ ކިބައިން ފެންނަމުންދާކަމަށް މެންބަރު ވިދާޅުވިއެވެ. އޭގެ ތެރޭގައި މީސް މީހުންނާއި މެދު ޒާތީ ގޮތުން އަމަލުކުރެވެން ފެށުން ފަދަ ކަންތައްތައް ހިމެނޭކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އެހެންކަމުން ތައުލީމްގެ ބިލްގައި ބުލީކުރުމަކީ ކުށެއް ކަމަށް ހިމަނައި، އެކަމަށް އަދަބެއް ކަނޑައެޅުމަކީ މުހިންމު ކަމެއްކަމުގައި ދެކިލައްވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް