Advertisement

ޓްވިޓަރގައި ކުރީގެ ދެ ރައީސުންގެ އާއިލާގެ ބޮޑު ކޯޅުމެއް

23 Feb 2020 | 23:14

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމްގެ އާއިލާގެ މެންބަރުންނާއި މެދު ޓްވިޓަރގައި ހޫނު ޒުވާބެއް ފެށިއްޖެއެެވެ.

މި ޒުވާބު ފެށިގެން ދިޔައީ ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. 

ދުންޔާ ވިދާޅުވީ ކޮންމެ ރައީސަކުވެސް ޝަރުއީ ނިޒާމަށް ސިޔާސީ ނުފޫޒު ފޯރުވައިގެން އަނެއް ރައީސަކު ބަންދުކުރުމުގެ ސިލްސިލާ ކުރިއަށްދާކަމަށެވެ. އެގޮތުން ރައީސް ޔާމީން މިވަގުުތު ހުންނެވީ ޚުދު އެމަނިކުފާނު ހެއްދެވި ހޮސްޕިޓަލެއްގައި ކަމަށް ދުންޔާ ފާހަގަކުރެއްވިއެވެ. ނަަމަވެސް އައިޖީއެމްއެޗްގެ ކާޑިއަކް ސެންޓަރ ހުންނަނީ އެ ހޮސްޕިޓަލްގެ ބާ އިމާރާތުގައިކަން ފާހަގަކޮށްލެވެއެވެ.

އެކަމަނާގެ މިޓްވީޓަށް ގިނަބަޔަކު ފާޑުކިޔަމުން ދަނިކޮށް، އެކަމަށް އިތުރުވެގެންދިޔަ އެއް ފަރާތަކީ ކުރީގެ ރައީސް ނަޝީދުގެ ދޮށީ ދަރިކަނބަލުން މީރާ ލައިލާ ނަޝީދެވެ. މީރާ ބުނިގޮތުގައި ދުންޔާއާއި އެކަމަނާ ބައްޕާފުޅުގެ ގޯސްކަމުގެ ސަބަބުން، އެ ފަރާތްތަކުން އާންމުންނަށް ދިން ވޭނަށް ފިޔަވައި އެހެންކަމަކަށް އާންމުން އެފަރާތްތަކުގެ މަތިން ހަނދުމަވެސް ނުކުރާނެއެވެ.

އަދި މީރާގެ ބަހަށް ބާރުލިބިދޭ ގޮތަށް އޭނާގެ ކޮއްކޮ ޒާޔާ ލައިލާ ނަޝީދުވެސް ވަނީ ޓްވީޓްކޮށްފައެވެ. ޒާޔާ ބުނީ އެތަކެއް އަހަރުތަކެއް ވަންދެން ރައީސް ނަޝީދު ގާނޫނާއި ޚިލާފަށް ބަންދުކޮށް އަނިޔާ ދިނުމަކާއި، ރައީސް ނަޝީދުގެ ދައުރުގައި އެންމެ ފަހަރަކު ރައީސް މައުމޫން ފުލުހަށް ގެންދިއުމަކާއި އެއްހަމަ ނުކުރެވޭނެކަމަށެވެ.

މި ހޫނު ޒުވާބަށް މިއަދު ހެނދުނު ރައީސް ނަޝީދުވެސް ވަނީ ބަސްފުޅެއް ވިދާޅުވެފައެވެ. އެމަނިކުފާާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫންގެ ސަރުކާރުން އެތައް ދިވެހިންނަށް އަނިޔާކޮށް، ދިން އަދަބުތައް އަދަބު ފޮތެއްގައި ބަލަހައްޓާ ހެދުމަށްފަހު، އެ އާއިލާއިން ދެރަގޮތްތަކަށް އަމަލުކުރާާ ވާހަކަ ދައްކާާ އަޑުއަހަން އުނދަގޫކަމަށެވެ. އަދި އެފަރާތްތައް މަޑުން ތިބެ، ރައީސް ނަޝީދުގެ ދެ ދަރިންނަށް ތުރާ ނުކުރުން މާ ރަނގަޅުވާާނެކަމަށްވެސް ވިދާޅުވިއެވެ.

ފާާހަގަކޮށްލެވޭ ގޮތުގައި މި ޒުވާބާއި މެދު ރައީސް މައުމޫންގެ އެހެން އެއްވެސް ބޭފުޅަކު އެއްޗެއް ބުނެފައެއް ނުވެއެވެ.

Advertisement

ކޮމެންޓް