Advertisement

''ރަށްވެހި ފަތިސް'' ނިމިއްޖެ، އަލިވިލުނީ ވަރުގަދަ މެސެޖަކާއެކު!

22 Feb 2020 | 21:40

''ރަށްވެހި ފަތިސް'' ގެ ނަމުގައި އެމްޑީޕީން ލޯކަލް ކައުންސިލު އިންތިހާބުގެ ކެމްޕެއިން މުޅި ރާއްޖޭގައި ރޭ ފެށިއިރު، ރައްޔިތުންނަށް ލިބިގެންދިޔައީ ވަރަށް ބޮޑު މެސެޖެކެވެ.

މާލޭ ކާނިވާ ސަރަހައްދުގައި ''ރަށްވެހި ފަތިސް'' ބާއްވައި މިއަދަށް އަލިވިލުނު އިރު، އެމްޑީޕީއާއި ސަރުކާރާ މެދު ރައްޔިތުން ދެކޭ ގޮތް ހާމަވެއްޖެއެވެެ.

ބިޔަބޮޑު ޖަލްސާއަކަށް ތައްޔާރުކުރި ހޯލް، ފެނިގެންދިޔައީ ހުސްގޮނޑިތަކެކެވެ. ކުރީ ސަރުގައި ތިއްބެވި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ޕާޓީގެ އިސް ވެރިން ފިޔަވައި ރަށްވެހި ފަތިސް ބަލަން ދާނެ މީހަކު ނުވިއެވެ. އެންމެ ބޮޑު ޕާޓީކަމަށް ދައުވާކުރާ ޕާޓީގެ މެންބަރުން ދިޔަނަމަވެސް ރީތި ފަތިހަކާއެކު އަލިވލި، މަންޒަރު ވަރަށް ރީތިވީސްކަން ޔަގީނެވެ.

''ރަށްވެހި ފަތިސް'' ނިމި އާ ދުވަހަކަށް އިރު އެރުމުން މީޑިއާތަކުގައި ވެސް އަދި މީސް މީޑިއާގައިވެސް ރަށްވެހި ފަތިސް ފެނި ސަރުކާރާއި އެމްޑީޕީއަށް ރައްޔިތުން ކުރި އިތުބާރު ގެއްލިއްޖެ ކަމަށްބުނެ ދަނީ ޝުއޫރުފާޅުކުރަމުންނެވެ.

ދުރާލައި ރާވައި، ވަރުގަދަ އިންތިޒާމްތަކަކާއެކު އެމްޑީޕީން ބާއްވާ ޖަލްސާތަކުގައި މިއީ، މީގެކުރިން ނުފެންނަ މަންޒަރެކެވެ. ވެހެމުންދާ ބޯ ވާރޭތެރޭގައި ވެސް ސަޕޯޓަރުން އޭރު ޖަލްސާތަކުގައި ތިބެނީ ޕާޓީ އަށް މަރުދޭތީ އެވެ. ޕާޓީގެ ރައީސް ނަޝީދު ދެކެވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އެކަމަކު ރައީސް ނަޝީދާއި ރައީސް ސޯލިހުވެސް ބައިވެރިވެ ވަޑައިގެންނެވި މިޖަލްސާގައި ރަށްވެހި ފަތިސް ބަލަން ދާނެ ސަޕޯޓަރަކުވެސް ނުުވުމުން ސަރުކާރާ މެދު ޚުދު އެމްޑީޕީ މެންބަރުންވެސް ދެކޭ ގޮތް ހާމަވެއްޖެއެވެ.

ޖަލްސާ އަށް ދިއުމަށް ގޮވާލައި މުޅި މާލޭގައި ޕިކަޕެއްގައި އަޑުގަދަކުރާ ބޭނުންކޮށްގެން ތިން ދުވަސް ވަންދެން ދުއްވި އެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ޖަލްސާތައް ވަރަށް ފޯރިގަދަވާނެ ކަމަށް ބުނަމުންދިޔައިރު އަނެއްކޮޅުން ރައީސް ނަޝީދު ދެއްވާ ހާއްސަ ހިތޯބެއްގެ ވާހަކަވެސް އަޑުގަދަކުރާ ބޭނުންކޮށްގެން ގޮވިއެވެ. ނަމަވެސް ހިތޯބު އަޑުއަހަންދާނެ މީހަކުވެސް ނުވިއެވެ.

މުޅި ރާއްޖޭގައި ''ރަށްވެހި ފަތިސް'' ފެށިއިރު ކޮންމެ ރަށެއްގެ ހާލަތުވެސް އޮތީ ހަމަ އެގޮތަށެވެ. ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ހޯދާނެ ކަމުގެ ވައުދާއެކު، މުޅި ރާއްޖޭގައި ބޭއްވި ޖަލްސާގެ ފޯރިއެއް ނެތެވެ. ރަށްވެހި ފަތިސް ބަލަން ދިޔަ މީހުންގެ މޫނުމަތިން ފެނިގެންދިޔައީ މާޔޫސްކަމެވެ.

ރައްޔިތުން ގަބޫލުކުރާ ގޮތުގައި އެހެންވާންޖެހުނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ވެރިކަން ލިބިއްޖެނަމަ ރައްޔިތުންނަށް ކޮށްދޭނެ ކަމަށް ވިދާޅުވި ވައުދުތައް ނުފުއްދި އުޅެނިކޮށް، ދެން ކުރިމަތިވި މަޖިލިސް އިންތިހާބުގައި މަތިމައްޗަށް އަނެއްކާވެސް ހޮޅި ވައުދުތަކެއްވެ، އެންމެ ފަހުން އެކަންވެސް ނުވެ، ދެންކުރިމަތިލާން ޖެހުނު ކައުންސިލް އިންތިހާބުގައި ރައްޔިތުން ތިބި ގޮތް ސަރުކާރަށް ސާފުކޮށްދިނީއެވެ. ދައުލަތުގެ މީޑިއާއިން ލައިވްކޮށްގެން ބޭއްވި ޖަލްސާގެ ސަބަބުން ރައްޔިތުންގެ ކުރިމަތީ އިތުރަށް ބޭޒާރުވެއްޖެއެވެ.

މިއީ ފަހުގެ ތާރީހެއްގައި އެންމެ މަދު އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި އެމްޑީޕީގެ ޖަލްސާއެވެ.

ވެރިކަމުގެ ދަހިވެތިކަމުގައި ރައްޔިތުންގެ ވިސްނުމާއި ކުޅެލުމަށް ނުފުއްދޭހާ ނަދުރުތައް ގޮވައި، ވެރިކަމަށް ދޮޅު އަހަރުވެގެން ދިޔައިރުވެސް މިސަރުކާރުން އާ މަޝްރޫޢުއެއް ފެށިފައެއް ނެތެވެ. މިއަދުވެސް ކުރިޔަށްދަނީ ރައީސް ޔާމީންގެ ސަރުކާރުން ފެށި ތަރައްގީގެ މަޝްރޫއުތަކެވެ.

ކޮންމެ އިންތިހާބަކާ ދިމާކޮށް ރަށްރަށަށް ސަރުކާރުގެ ވެރިން ޒިޔާރަތްކުރައްވައި ރިޔާސީ އިންތިހާބުގައި ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަންކަން ކުރަން އުޅޭކަން ދެއްކުމުގެ ގޮތުން ރަށުގެ ކަމުވޮށިގެންވާ މީހުންނާ ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރެއްވި ނަމަވެސް އެއީ އިންތިހާބަށް ދައްކާ ''ދަޅަ'' އެއްކަން ރައްޔިތުންނަށް ގަބޫލު ކުރެވިއްޖެއެވެ.

ވެރިކަމަށް ވަޑައިގަތުމާއެކު ވައުދާއި އަހުދު އުވާލައި، އަމިއްލަ އެދުން އިސްކޮށް ކުރެއްވި ކަންކަމުގެ ނަތީޖާ ވަރަށް ހިތިވާނެ ކަމަށް ސިޔާސީ ތަޖުރިބާކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެރިން ޒިންމާދާރުކުރަން ޖެހިއްޖެ ކޮންމެ ވަގުތެއްގައި ރައްޔިތުން ފަސްނުޖެހި ކުރިއަށްދާ ކަމަށެވެ. އެއްވެސް ސަރުކާރެއް ބޮޑާވެ، ކިބުރުވެރިކަން އިސްކޮށްފިނަމަ ރައްޔިތުންގެ ލޯބި އިސާހިތަކު ގެއްލިގެން ދާ ކަމީ ރާއްޖޭގެ ޑިމޮކްރަސީގެ ހަގީގަތް ކަމަށް ވިދާޅުވި އެެވެ.

އިދިކޮޅު ކޯލިޝަނުން ވެސް ބުނެފައިވަނީ ވެރިކަން ލިބުމުން ވައުދުތަކާއި ހިލާފުވެފައިވާތީ ރައްޔިތުންގެ ތާއީދު ސަރުކާރަށް ނެތްކަން އެޖަލްސާއިން ދައްކައިދީފި ކަމަށެވެ.

އެމްޑީޕީގެ ބައެއް ސަޕޯޓަރުންވެސް މީސް މީޑިއާގައި ބުނެފައިވަނީ ސަރުކާރަށް ކުރިން އޮތް ތާއީދު ގެއްލިގެން ދިޔައީ ބަހާއި އަމަލު ދިމާނުވުމުން ކަމަށެވެ.

ސަރުކާރުގެ ވައުދުތަކެއް ނުފުއްދުނެވެ. އެޖެންޑާ 19 ތަންފީޒެއް ނުކުރެވުނެވެ. އޭގެ ބަދަލުގައި ވަޒީފާ އަދާކުރާ މީހުންނަށް ދެވޭ އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން މަޝްވަރާތައް ކުރަމުންދާއިރު، މިހާރު ލިބޭ މުސާރައަށްވުރެ އެތައްގުނައެއް ކުޑަވެ، އުފުލަންޖެހޭ ތަކުލީފު ބޮޑުވެއްޖެއެވެ.

ރިސޯޓު ވަޒީފާގައި ހުންނަ މީހާ ޑިއުޓީ ނިންމާފައި އަނބިމީހާ ކައިރިއަށް ނިދާލަން ދެވޭނެ ކަމަށް ބުނި ސިޔާސަތު ތަންފީޒު ނުކުރެވުނު އިރު، މިހާރު ބުނާގޮތުން ނަމަ މަސް ނިމުނީމާ އަނބިމީހާއަތަށް ދޭން ލިބޭ ފައިސާކޮޅުވެސް ބޮޑުތަނުން ކުޑަވީއެވެ.

ރައްޔިތުންގެ ޖީބު ބަރުކޮށްލާނެ ކަމަށް ބުނި ނަމަވެސް ޖީބަށްލާނެ ފައިސާފޮއްޗެއް ލިބޭނެ އިތުރު މަގެއް ނުފެނުނެވެ. މަސްވެރިންނަށް ހަމައަގު ލިބޭނެ ކަމަށާއި ދެ ގެ ދޭތެރޭގައި ކަންނެލި ޖަހަތައް ހަދައި މަސްވެރިންގެ ޖީބު ފުރާލަން ވީ ވައުދުވެސް ނުފުއްދުނު އިރު، މަސްވެރިންނަށް ހަމަ އަގުވެސް ނުލިބުނެވެ. ތިލަދުންމަތިން ބާނާ މަސް ކިރުވަން ހުވަދޫ އަތޮޅަށް ދާންޖެހުމުން މަސްވެރިން އަތުންދާ ހަރަދު އެތައް ގުނައެއް ބޮޑުވީއެވެ.

އުމްރާނީ ތަރައްގީއާއި އިގުތިސޯދީ ތަރައްގީގައި ފަހަތުފަޔަށް ބުރަވި އިރު، ގައުމުގެ މިނިވަންކަމާއި އިސްތިގުލާއި ނުރައްކާވާފަދަ އެއްބަސްވުންތައް ބޭރުގެ ބައެއް ގައުމުތަކާއެކުވުމުން، އޭގެ ނޭދެވޭ އަސަރު އަންނަން އޮތް ޖީލަށް ކުރާނެކަން ރައްޔިތުން ގަބޫލުކޮށްފިއެވެ.

މިހުރިހާ ސަބަބުތަކަށްޓަކައި ''ރަށްވެހި ފަތިސް'' ނިމި، އާ ދުވަހަކަށް އިރު އެރިއިރު ރައްޔިތުން މިވަނީ ހައިރާންކުރުވާފަދަ މެސެޖެއް ސަރުކާރަށާއި އެމްޑީޕީއަށް ދީފައެވެ.

Advertisement

ކޮމެންޓް

Advertisement