އަންހެނެއްގެ ކޯމަތީގައި ޖެހި ފިރިހެނަކު 8އަހަރު ފަހުން 200ރުފިޔާއިން ޖޫރިމަނާކޮށްފި

25 Feb 2020 | 14:01

މާާރާމާރީ ހިންގައި އަންހެނެއްގެ ކޯމަތީގައި ޖެހި ފިރިހެނަކު ހާދިސާ ހިނގިތާ އަށް އަހަރުފަހުން ޖޫރިމަނާކޮށްފިއެވެ.

މިދިޔަ އަހަރު މި މައްސަލައިގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާ އުފުލާފައިވަނީ ލ.މާމެންދޫ/ހުދުފަސް، އަހުމަދު އިނާޒުގެ މައްޗަށެވެ. އިނާޒުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 4ވަނަ ޗެޕްޓަރގެ 126ވަނަ މާއްދާގެ ދަށުން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.

އޭނާާގެ މައްޗަށް މި ދައުވާކޮށްފައިވަނީ 2011ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15ވަނަ ދުވަހުގެ ރޭގަނޑު އަށެއް ޖަހާއެހާާކަށްހާާއިރު، އިނާޒާއި އެރަށު ދިލްޝާދުގެ މަރިޔަމް އަޒީފާއާއި ދެމެދު ބޯޅަދަނޑުގައި ހިިނގި ހަމަނުޖެހުމަކާއި ގުޅިގެންނެވެ. އެގޮތުން އިނާޒު ވަނީ އަޒީފާގެ ކޯމަތީގައި އެއް ފަހަރު ޖަހައި މާރާމާރީ ހިންގާާފައިކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި އިނާޒު ވަނީ ދައުވާާ ސާބިތުވެއްޖެ ކަމަށާއި، ދައުވާއަށް އިއުތިރާފްވާކަމަށް ބުނެފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ގާނޫނު އަސާސީގައި އޮންނަ ގޮތުގައި މިފަދަ މައްސަލައެއްގައި އިއުތިރާފުވެއްޖެނަމަ ލިބޭ އަދަބު ކުޑަވެގެންދާނެއެވެ.

އެހެންކަމުން ގާނޫނުލް އުގޫބާތުގެ 4ވަނަ ޗެޕްޓަރގެ 126ވަނަ މާއްދާގެ ދަށުން މާރާމާރީ ހިންގުމުގެ ކުށުން އޭނާާ ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، ކުށުގެ އުގޫބާތެއްގެ ދަށުން ގާނޫނުއަސާސީގެ 59ވަނަ މާއްދާގެ ހ އާއި ހަވާާލާދީ އޭނާ 200 ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ ތިންމަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކަން ވަނީ ކްރިމިނަލް ކޯޓުން ހުކުމްކޮށްފައެވެ.  

ފޮޓޯ: އަވަސް

Advertisement

ކޮމެންޓް

Advertisement