އދ.ގެ އިންސާނީ ހައްގުތަކާާއި ބެހޭ ކައުންސިލްގެ ގޮނޑިއަކަށް ރާއްޖެއިން ކުރިމަތިލަނީ

26 Feb 2020 | 12:22

އދގެ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލްގެ ގޮނޑިއަކަށް ރާއްޖެއިން ކުރިމަތިލާނެކަން އިއުލާންކޮށްފިއެވެ.

2023 އިން 2025 އަށް ކުރިއަށްދާނެ ކައުންސިލް ދައުރުގެ ގޮނޑިއަކަށް ރާއްޖެއިން ކުރިމަތިލާނެކަން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިއުލާންކުރެއްވީ މިހާރު ކުރިއަށްދާ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގެ ހަވާސާގައި، ކޮންޓެކްޓް ގްރޫޕް އޮން ކައުންސިލް މެމްބަރޝިޕްގެ ބައްދަލުވުމެއްގައި މިއަދުއެވެ.

މިނިސްޓަރ ޝާހިދުވަނީ އިންސާނީ ހައްޤުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އަރުވައި، މެމްބަރު ޤައުމުގެ އަޑު އުފުލައިދޭނެކަމުގެ ޔަޤީންކަން ޤައުމުތަކަށް އަރުވާފައެވެ.

2011 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ދެމެދު ޖެހިޖެހިގެން ކައުންސިލްގެ ދެ ދައުރު ދިވެހިރާއްޖެއިން ފުރިހަމަކޮށްފައިވެއެވެ. އަދި އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ އޮތް މުއްދަތުގައި މޫސުމީ ބަދަލުތަކާ އިންސާނީ ހައްޤުތަކާ ބެހޭ ހުރި ގުޅުން ބައިނަލްއަޤްވާމީ މުޖްތަމައަށް ހާމަކޮށް، ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މިމަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ވޮލަންޓަރީ ޓްރަސްޓް ފަންޑް ފޮރ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް އުފެދިގެން ދިޔައެވެ.

ރާއްޖޭގެ މެމްބަރޝިޕް އިއުލާންކުރެއްވި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ޖެނީވާގައި ހުންނަ އދގެ އޮފީހަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ހާލާ ހަމީދު އާއި، މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާރޖް ޑރ އާސިމް އަހުމަދުގެ އިތުރުން ޖެނީވާގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

Advertisement

ކޮމެންޓް