ތިން ބާރު ވަކިންނެއް ނުހިނގާ: ސަލީމް

28 Feb 2020 | 16:20

ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަކީ މިހާރު ތިންބާރު ވަކިވެފައިވާ ނިޒާމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ބަޔާނަށް ޖަވާބުދެއްވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ މަޖިލީހުން ސަރުކާރުގެ ވަޒީރުންނަށް އިރުޝާދުތައް ދެމުންދާ މަންޒަރު ފެންނަކަމަށާއި، ގާނޫނު ހަދާ ބާރުން ވެރިކަން ހިންގުމުގެ ބާާރަށް ވަންނަމުންދާކަމަށެވެ. އަދި މިއީ ތިންބާާރު ވަކިން ނުހިނގާކަމުގެ ހެއްކެއްކަމަށްވެސް ސަލީމް ފާހަގަކުރެއްވިއެވެ.

ސަލީމްގެ ވާހަކަފުޅުގައި ވަނީ ދިވެހިރާއްޖޭގެ މިހާރުގެ ޚާރިޖީ ސިޔާސަތު އޮތްގޮތަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު ކެނޑެމުންދާ ކަމުގެ އިހްސާސްވާން ފަށައިފިކަމަށާއި، އެކަން އެގޮތަށް ވެއްޖެނަމަ ދިވެހިން އަޅުވެތިކަމަށް ދިއުމުގެ ފުރުސަތު ބޮޑުކަމަށް މައިނޯރިޓީ ލީޑަރު ވިދާޅުވިއެވެ.

އެބޭފުޅާ އިތުރަށް ވަނީ ޝަރުއީ ނިޒާމުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ޖޭއެސްސީ އެކުލަވާލެވިފައިވާ ގޮތް ބަދަލުކުރަންޖެހޭކަމަށްބުނެ، އެކަން ކުރުމަށްވެސް ސަރުކާރަށް ގޮވާލައްވާފައެވެ. އެގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަންގައި ސިޔާސީ މީހުން ތިބޭހާ ހިނދަކު ޝަރުއީ ނިޒާމަކަށް އިތުބާރެއް ނޯންނާނެކަމަށް ސަލީމް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ނުވަ އަހަރުގެ މެދު ކެނޑުމަކަށްފަހު މިއީ ރިޔާސީ ބަޔާނަކަށް އިދިކޮޅުން ޖަވާބުދިން ފުރަތަަމަ ފަހަރެވެ.

Advertisement

ކޮމެންޓް