ދައުލަތުން ކުރީގެ ނައިބު ރައީސް ޖިހާދުގެ ކިބައިން އެއް މިލިޔަން ރުފިޔާާ ހޯދަން ދައުވާކޮށްފި

26 Feb 2020 | 12:39

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ އަތުން އެއް މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް ދައުލަތުން ދައުވާ އުފުލައިފިއެވެ.

މިކަން ވަނީ އެޓަރނީ ޖެނެރަލްގެ އޮފީހުން ދެންމެއަކު ނެރުނު ނޫސް ބަޔާާނެއްގައި ހާމަކޮށްފައެވެ.

އޭޖީ އޮފީހުން ބުނީ ނިމިދިޔަ ރިޔާސީ ދައުރުގައި އޭރުގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ދިރިއުޅުއްވުމަށް ދައުލަތުގެ ފަރާާތުން ރެހެންދި ތިނަކުން ދެ ފްލެޓް ހަމަޖައްސަވައިދެއްވި ކަމަށެވެ. ނަމަވެސް ރިޔާސީ ދައުރު ނިމުމުން އެތަން ހުސްކުރަން އެންގުމުންވެސް ގާނޫނީ ހައިސިއްޔަތެއް ނެތި، އެއް އަހަރާއި ތިންމަސް ވަންދެން ޖިހާދު އެތަން ބޭނުންކުރައްވަމުން ގެންދެވިކަމަށް ވަނީ ބުނެފައެވެ.

ޖިހާދު އެ ފްލެޓްތައް ހުސްކުރެއްވީ މިމަހުގެ 17ވަނަ ދުވަހުގައެވެ.

އެހެންކަމުން ގާނޫނީ ހައިސިއްޔަތެއް ނެތި ޖިހާދު ދައުލަތުގެ މުދަލެއް ބޭނުންކޮށްފައިވާ މުއްދަތަށް އޭނާާގެ ކިބައިން ކުއްޔާއި، މެއިންޓްނެންސް އަދި ޔުޓިލިޓީ ފީސްގެ ގޮތުގައި ޖުމްލަ 1،109،227.36 ރުފިޔާ ހޯދަން ސިވިލް ކޯޓަށް މިއަދު ވަނީ ދައުވާ ހުށައަޅާފައެވެ.

Advertisement

ކޮމެންޓް

Advertisement