Advertisement

އާދިއްލީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި 20މީހަކު މަރުވެއްޖެ

26 Feb 2020 | 13:57

އިންޑިޔާގެ ވެރިރަށްކަމުގައިވާ އާދިއްލީގައި މުސްލިމުންނާާއި ހިންދޫންނާއި ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 20މީހަކު މަރުވެއްޖެއެވެ.

މިފަހުގެ ތާރީޚެއްގައި ދިއްލީގައި ހިނގި އެންމެ ނުރައްކާތެރި ހަމަނުޖެހުންތަކުގައި ދިއްލީގެ އަޝޯކް ނަގަރު ސަަރަހައްދުގައި ހުރި މިސްކިތެއްގައި ހުޅުޖަހާފައެވެ. މި ހާދިސާގެ ވީޑިޔޯތަކުން ފެންނަ ގޮތުގައި އެ މިސްކިތުގައި ހުޅުޖަހައި، އެ ސަރަހައްދުގެ ގެތަކަށް ހަމަލާދިން މީހުން ދިޔައީ ހިންދޫ ކަލާނގެއެއް ކަމުގައިވާ ރާމްއަށް ތައުރީފްކޮށް އަޑުގަދަކުރަމުންނެވެ.

މިފަރާތްތަކުން ވަނީ އެ މިސްކިތުގެ މުންނާރުގައި ހިންދޫންގެ ދީނީ ދިދައެއްވެސް ނަގާފައެވެ.

މިފަދަ ނުރައްކާތެރި ހަމަނުޖެހުންތަކެއް ދިއްލީގައި ހިނގަމުންދާއިރު، ގިނަބަޔެއްގެ ފާޑުކިޔުން ވަނީ ދިއްލީގެ ފުލުހުންނަށް އަމާޒުވެފައެވެ. އެގޮތުން ހަމަނުޖެހުންތައް ހުއްޓުވަން އެކަށީގެންވާ މަސައްކަތްތަކެއްނުކޮށް، މުސްލިމުންނަށް އަނިޔާކުރަމުންދާކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

އިންޑިޔާގެ މަޝްރަހު މިހާ ހޫނުވެފައިވަނީ ސިޓިޒެންޝިޕް އެމެންޑްމެންޓް އެކްޓް ފާސްކުރުމާއި ގުޅިގެންނެވެ.

Advertisement

ކޮމެންޓް