ސްޓެލްކޯއިން ހިންމަފުއްޓާއި، ތުލުސްދޫގެ ނަރުދަމާ ނިޒާމް ހިންގުމާ ހަވާލުވެއްޖެ

27 Feb 2020 | 20:12

ސަރުކާރުން މާލެ އަތޮޅު ހިންމަފުއްޓާއި، ތުލުސްދޫގައި ގާއިމްކޮށްފައިވާ ނަރުދަމާގެ ނިޒާމް ހިންގުމާއި ސްޓެލްކޯއިން ހަވާލުވެއްޖެ އެވެ.

ހިންމަފުއްޓާއި، ތުލުސްދޫގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމް ހިންގުމާއި ހަވާލުވުމަށް ސްޓެލްކޯގެ އިސްވެރިންވަނީ މިއަދު އެ ދެރަށަށް ޒިޔާރަތް ކުރައްވާފަ އެވެ. އަދި އެކަމަށްޓަކައި އެ ދެރަށުގައި ވަކިން ބޭއްވި ރަސްމިއްޔާތު ތަކުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޢުނީ ވިދާޅުވީ، މިއަދަކީ ސްޓެލްކޯއަށް ވަރަށް ހާއްސަ ދުވަހެއްް ކަމަށާއި، ސްޓެލްކޯގެ ހިދުމަތަށް 70 އަހަރު ވެގެންދާއިރު، ހަމަ އެކަނި ކަރަންޓުގެ ހިދުމަތްދޭ ކުންފުންޏެއްގެ ގޮތުގައި ސްޓެލްކޯ އޮތް އޮތުމަށް ނިމުމެއްގެނެސް މިހާރު ފެނާއި، ނަރުދަމާގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އަދި ސްޓެލްކޯއިން ނަރުދަމާއާއި ހަވާލުވުމާއެކު، އެދެރަށުގެ ރައްޔިތުންގެވެސް ވަރަށް ބޮޑު އުމްމީދެއް ހާސިލްވެގެން ގޮސްފި ކަމަށެވެ. ތުލުސްދޫގައި ވާހަކަފުޅު ދައްކަވަމުން މުޢުނީ ވިދާޅުވީ، ނަރުދަމާ ނިޒާމުގެ މަސައްކަތް ނިމި، ބޭނުން ނުކުރެވި އޮތްތާ ދުވަސްކޮޅެއް ވެފައިވާ ކަމަށާއި، އެކަން އެގޮތަށް ދިމާވީ ސިސްޓަމް ގާއިމްކުރުމަށްފަހު ފާހަގަކުރެވުނު ތަފާތު މައްސަލަތަކާއި ހެދި ކަމަށެވެ.

"އެމައްސަލަތައް ހައްލު ކުރާނެ ގޮތާއި މެދު ސަރުކާރުގެ އިސްވެރިން މަޝްވަރާކުރުމަށްފަހު އަޅުގަނޑުމެންނާއި މިވަނީ ހަވާލުކޮށްފައި. ސްޓްލެކޯއިން ހަވާލުވުމާއެކު، އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ، މާތްﷲގެ އިރާދަފުޅާއެކު، ތިޔަ ރައްޔިތުން އެދޭގޮތަށް އެ ސިސްޓަމް މެއިންޓެއިންކޮށް، ބަލަހައްޓާ، ހިދުމަތްދެމުން ގެންދާނެކަން" މުޢުނީ ވިދާޅުވި އެވެ.

މީގެ އިތުރުން އަލަށް އެ ފަދަ ނިޒާމެއް ބޭނުންކުރަން ފަށާއިރު، ރައްޔިތުންނަށް އިނގެންޖެހޭ ކަންކަން ހުންނާނެ ކަމަށާއި، ނަރުދަމާ ނިޒާމްގެ ތެރެއަށް ދޫކޮށްލެވޭނެ އެއްޗެއްސާއި، ދޫކޮށްނުލެވޭނެ އެއްޗެހި ހުންނާނެ ކަމަށެވެ. އަދި އެ ފަދަ އެއްްޗެއް ދޫކޮށްލައިފިނަމަ ދިމާވާނެ މައްސަލަތައްވެސް ހުންނާނެ ކަމަށާއި، ސްޓެލްކޯއިން އިސްނަގައިގެން އެ މައުލޫމާތު އާންމު ރައްޔިތުންނަށް ދެމުންގެންދާނެ ކަމަށެވެ.

ކަރަންޓުގެ ހިދުމަތާއެކު، ރަށުގެ ތަރައްގީގެ ބައިވެރިއެއްގެ ދައުރު އަދާކުރަމުން އައި ގޮތައް ނަރުދަމާ ނިޒާމާއެކުވެސް ރަށުގެ ތަރައްގީއަށް ސްޓެލްކޯގެ ދައުރު ބޮޑުވެގެންދާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

Advertisement

ކޮމެންޓް