އާދައިގެ ރެޑް ސްޓާ ބެލްގްރޭޑް އަތުން ލިވަޕޫލް ބަލިވެއްޖެ

07 Nov 2018 | 06:28

ޔުއޭފާ ޗެންޕިއަންސްލީގުގެ ގުރޫޕް ސީ ގައި ރެޑް ސްޓާ ބެލްގްރޭޑް އަދި ލިވަޕޫލް ބައްދަލު ކުރި މެޗު އެންމެން ހައިރާން ކޮށްލުމަށްފަހު ރެޑް ސްޓާ ބެލްގްރޭޑް ކާމިޔާބުކޮށްފިއެވެ.

މިއީ ރެޑް ސްޓާ ބެލްގްރޭޑް ޗެންޕިއަންސް ލީގުގެ މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ. 1991 ވަނަ އަހަރު ކުޅެވުނު ޔޫރަޕިއަން ކަޕް މުބާރާތް ރެޑް ސްޓާ ބެލްގްރޭޑް ކާމިޔާބު ކުރިފަހުން މިއީ ޗެންޕިއަންސް ލީގަށް އެ ޓީމް ކޮލިފައިވި ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޕީއެސްޖީ އަދި ނަޕޯލީވެސް ހިމެނޭ ވަރުގަދަ މި ގުރޫޕްގެ އެންމެ ފުލުގައި އޮތް ރެޑް ސްޓާ ބެލްގްރޭޑް މި މެޗުން މޮޅުވެފައިވަނީ 2-0 ކުންނެވެ.

ލިވޕޫލް ކޮޅަށް ޖެހި ދެ ލަނޑުވެސް ރެޑް ސްޓާ ބެލްގްރޭޑްއަށް ޖަހައިދިނީ އެ ޓީމުގެ ފޯވަޑް މިލާން ޕަކޯވްއެވެ. ކައިރި ކައިރީގައި ފެނުނު މި ލަނޑުތައް މިލާން ޕަކޯވް ޖެހީ ފުރަތަމަ ހާފުގެ 22 އަދި 29 ވަނަ މިނެޓުގައެވެ.

ކުލޮޕްގެ އިރުޝާދާއެކު ވަރުގަދަ އަދި މޮޅު ޑައިރެކްޓް ފުޓްބޯޅައެއް ކުޅޭ ލިވަޕޫލް މި މެޗުގައި ފެނުނީ ވަރަށް އާދައިގެކޮށެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު ރެޑް ސްޓާ ބެލްގްރޭޑްއަށް ޖެހުނު ދެ ލަނޑާއެކު އެޓީމުން ފަހަތަށް ފައިބައިގެން ކުޅުމުން ލިވަޕޫލަށްވަނީ ގިނަ ވަގުތު ބޯޅަ ގެންގުޅުމުގެ ފުރުސަތު ލިބިފައެވެ.

ލިވަޕޫލުން އުފެއްދި ފުރުސަތު ތަކުގެ ބޭނުންކޮށް ނުރައްކާތެރި ހަމަލާތަކެއް އިދިކޮޅު ގޯލަށް ފޮނުވާލި ނަމަވެސް ގިނަ ހަމަލާތައް އަމާޒުވީ ކީޕަރު އަތަށާއި ގޯލު ދަނޑިއަށެވެ.

މިދެޓީމު ޗެންޕިއަންސް ލީގުގެ ފުރަތަމަ ލެގުގައި ބައްދަލުކުރި މެޗު 4-0 ކުން ކާމިޔާބު ކުރީ ލިވަޕޫލްއެވެ.

ވާދަވެރިކޮށް ފެންނަ މި ގުރޫޕްގަ ލިވަޕޫލް އަދި ނަޕޯލީއަށްވެސް ވަނީ 6 ޕޮއިންޓް ލިބިފައެވެ. ޕީއެސްޖީއަށް 5 ޕޮއިންޓް ލިބިފައިވާއިރު ރެޑް ސްޓާ ބެލްގްރޭޑް އަށް ލިބިފައިވަނީ 4 ޕޮއިންޓެވެ. މި ގުރޫޕުގެ ކޮންމެ ޓީމަކަށްވެސް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އަދި އެބޯތެވެ.

Advertisement

ކޮމެންޓް