ބާސެލޯނާ މޮޅުވެ ދެވަނަ ބުރަށް، ޓޮޓެންހަމްއަށް މޮޅެއް

07 Nov 2018 | 06:18

ބާސެލޯނާ އަދި އިންޓަ މިލާން ޗެންޕިއަންސް ލީގުގައި ބައްދަލުކުރި މެޗު 1-1 ކުން އެއްވަރުވެ ދެވަނަ ބުރު ބާސެލޯނާއަށް ޔަގީން ވެއްޖެއެވެ.

މީޑިއާތަކުން މި މެޗުގައި މެސީ ފެނިގެންދާނެކަމަށް ކުރިން ރިޕޯޓް ކުރި ނަމަވެސް ބާސެލޯނާގެ ސްކްޑަކުގައި އޭނާ ހިމަނާފައެއް ނުވެއެވެ.

އިންޓަ މިލާންގެ ދަނޑުގައި ކުޅެވުނު މި މެޗުގައި ބާސެލޯނާއިންވަނި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ބާސެލޯނާވަނީ ގިނަވަގުތު ބޯޅަ ގެންގުޅެ ޖުމްލަ 26 ޝޮޓު ހަދާފައެވެ.

ބާސެލޯނާ އަދި އިންޓަ މިލާންގެ ލަނޑުވެސް ފެނިފައިވަނީ މެޗުގެ ފަހު ދިހަ މިނެޓް ތެރޭގައެވެ. އެގޮތުން ބާސެލޯނާގެ ފުރަތަމަ ލަނޑު 83 ވަނަ މިނެޓގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް މެލްކޮމް ޖަހައިދިން އިރު އިންޓަ މިލާންއަށް ނަތީޖާ އެއްވަރުކޮށްދިން ލަނޑު ޖަހައިދިނީ ކެޕްޓަން އިކާޑީއެވެ.

މި ގުރޫޕުގައި ކުޅެވުނު އަނެއް މެޗުން ޓޮޓެންހަމް ވަނީ މޮޅުވެފައެވެ. ޓޮޓެންހަމް މި މެޗުން މޮޅުވީ ފަހަތުން އަރައި 2-1 ކުން ޕީއެސްވީ ބަލިކޮށްގެންނެވެ.

ޕީއެސްވީގެ ޑި ޖޮންގް މެޗުގެ 2 ވަނަ މިނެޓުގައި ލަނޑުޖަހައި އޭނާގެ ޓީމަށް ކުރި ހޯދަދިން އިރު ޓޮޓެންހަމްގެ ދެ ލަނޑުވެސް ޖަހއިދިނީ ހެރީ ކޭންއެވެ. ހެރީ ކޭން މި ލަނޑުތައް ޖަހީ މެޗުގެ 78 އަދި 89 ވަނަ މިނެޓުގައެވެ.

މި ނަތީޖާތަކަށް ފަހު މި ގުރޫޕްގެ އެއްވަނައިގަ 10 ޕޮއިންޓާއެކު އޮތީ ބާސެލޯނާއެވެ. 7 ޕޮއިންޓާއެކު ދެވަނައިގަ އިންޓަ މިލާން އޮތް އިރު ޓޮޓެންހަމް އޮތީ 4 ޕޮއިންޓާއެކު ގުރޫޕުގެ ތިންވަނައިގައެވެ.   

Advertisement

ކޮމެންޓް