Advertisement

އިންތިޚާބު ފަސްކުރުމާއި މެދު އިދިކޮޅުގެ ރާގު ބަދަލުވެއްޖެ

13 Mar 2020 | 21:33

ކޮވިޑް-19 ވައިރަހާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަށް ތާއިދުކުރެވޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމުން ކަމަށް ބުނެފައިވަނިކޮށް، އިންތިޚާބު ފަސްކުރުމާާއި މެދު މައްސަލައެއް ނެތްކަމަށް ދޭހަވާާ މޭރުމަކުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވާހަކަ ދައްކަން ފަށައިިފިއެވެ.

އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ އިންތިޚާބު ފަސްކުރުމަކީ ސިޔާސީ ކަމެއްކަމަށާއި، އެކަން ކުރެވޭނީ މިވަގުތު ޖަލު ބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމުންކަމަށެވެ. އެހެނަސް އެބޭފުޅާ ވަނީ ރައްޔިތުންގެ ރައްކާތެރިކަމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އެއްބާރުލުންދޭނެކަަމަށްވެސް ވިދާޅުވެފައެވެ.

"މިކަމާއި ގުޅިގެން ޕީޕީއެމް-ޕީއެންސީ ޖޮއިންޓް ކައުންސިލް އިން ނިންމާފައި ވަނީ އިންތިހާބު ފަސް ކުރުމަކީ ސިޔާސީ ކަމެއް ކަމަށް. އަދި ސިޔާސީ އެއްވެސް ކަމެއްގައި ސަރުކާރާ އެކު މަޝްވަރާ ކުރާނީ ރައީސް ޔާމީން މިނިވަން ކުރުމުން. އޭގެ ފަހުގައި މަޝްވަރާ ކުރާނީ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

މިކަމަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް، ޕީޕީއެމް އަދި ޕީއެންސީން ވަނީ އިންތިޚާބު ފަސްކުރިޔަސް މައްސަލައެއް ނެތްކަމަށް ބުނެފައެވެ. އެގޮތުން ޕީޕީއެމްއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާާގެ މެންބަރު ޣައްސާން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކިޔަވައިގެން ތިިބި މޮޅު ގާބިލް ދިވެހި ދަރިން ހުރިހާާ ފަންނެއްގައި ގިނަގުނަކަމަށެވެ. ޣައްސާން ވިދާޅުވީ ކޮވިޑް-19 އިން ސަލާމަތްވުމަކީ ގައުމީ ޒިންމާއެއްކަމަށް ހަަދައިގެން ދެމުންދާ ނަސޭހަތްތައް ތަންފީޒުކުރަންވީ ކަމަށެވެ. އެގޮތުން ސްކޫލްތައް ބަންދުކޮށް އިންތިޚާބު ފަސްކުރަން ޣައްސާން ގޮވާލެއްވިއެވެ.

ޣައްސާންގެ އިތުރުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ އިންތިޚާބު ފަސްކުރުމަށް ތާއިދު ކުރައްވާ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. އަދުރޭ ވިދާޅުވީ ކޮރޯނާ ވައިރަހާއި ގުޅިގެން އިންތިޚާބު ފަސްކުރަން ޖެހޭފަދަ ހާލަތަކަށް ދިޔަކަމަށް ސަރުކާާރުން މިހާތަނަށް ހާމަނުކުރާ ކަމަށާއި، އެފަދަ ހާާލަތަކަށް ގައުމު ގޮސްފިނަމަ އިދިކޮޅުން އެކަމަށް ތާއިދުކުރާނެކަމަށެވެ. އަދި އަބަދުވެސް އިސްކަން ދޭނީ ގައުމާއި ރައްޔިތުންގެ ރައްކާތެރިކަމަށް ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement