ޔުނައިޓެޑް ފަހަތުން އަރައި ޔުވެންޓަސް ބަލިކޮށްލައިފި

08 Nov 2018 | 09:00

މި ސީޒަނުގެ ޗެންޕިއަންސް ލީގުގެ ފޭވަރިޓުންކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޔުވެންޓަސް، މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެއްޖެއެވެ.

ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑް ކާމިޔާބުކުރީ 1-2 ކުން ނެވެ. ޔުނައިޓެޑް މޮޅުވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށްވެފައި ވަނިކޮށް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް މަޓާ ޖަހައިދިން ރީތި ހިލޭ ޖެހުމުންނާއި ކެޕްޓަން ޔަންގް ހިލޭ ޖެހުމަކުން ނަގައިދިން ހުރަހެއް ޔުވެންޓަސްގެ ޑިފެންޑަރު އެލެކްސް ސާންޑްރޯ އަތުން ބައިކޮޅަށް ވަދެގެންނެވެ.

ޔުވެންޓަސްގެ ލަނޑު ކާމިޔާބު ކޮށްދިނީ ކުރީގެ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯ މި ލަނޑު ޖެހީ ބޮނޫޗީ ޔުނައިޓެޑުގެ ކުޅުންތެރިންގެ ބޯމަތިން ނަގައިދިން ރީތި ހުރަހަކުންނެވެ.

ރޮނާލްޑޯގެ މި ލަނޑަކީ ރެއާލް މެޑްރިޑް ދޫކޮށް ޔުވެންޓަސްއަށް ބަދަލުވި ފަހުން އޭނާ ޗެންޕިއަންސް ލީގުގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ.

މެޗުގައި ފެނުނު ހުރިހާ ލަނޑެއްވެސް ދެވަނަ ހާފުގަ ޖަހާފައިވާއިރު ފުރަތަމަ ހާފުގައި ޔުވެންޓަސްވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދާފައެވެ. ނަމަވެސް ޔުވެންޓަސްގެ ކުޅުންތެރިން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ގޯލު ދަނޑިއާއި ކީޕަރު ޑި ގެއާއެވެ.

އަނިޔާގެ ސަބަބުން ފޯވަޑް ލުކާކޫ ނުލާ ކުޅުނު ޔުނައިޓެޑްގެ ފަރާތުން ކުރިއަށް އަރާ ހަމަލާތަކެއް އުފައްދަން މަސައްކަތްކުރަން ފެށިތަން ފެނިގެންދިޔައީ މެޗުގެ ފަހު ދިހަ މިނެޓުތެރޭގައެވެ. ބަލިވަމުން ދިޔަ ޔުނައިޓެޑް ކޮޅަށް މެޗު އަނބުރާލުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރިތަން ފެނިގެން ދިޔައީ މޮރީނިއޯ ބަދަލު ކުޅުންތެރިންގެ ގޮތުގައި މެޗަށް އެރުވި މަޓާ އަދި ފެލައިނީގެ ފަރާތުންނެވެ.

މި މެޗަކީ ޔުވެންޓަސް މި ސީޒަނުގައި ޗެންޕިއަންސް ލީގުގެ މެޗަކުން ބަލިވި ފުރަތަމަ މެޗެވެ. އަދި މިއީ 2009ގެ ފަހުން ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި އެޓީމް ޗެންޕިއަންސް ލީގުގެ މެޗަކުން ބަލިވި ފުރަތަމަ ފަހަރުވެސްމެއެވެ.

ބަލިވި ނަމަވެސް ގުރޫޕުގެ އެއްވަނައިގަ އަދިވެސް އޮތީ ޔުވެންޓަސްއެވެ. އެއީ ހަތަރު މެޗުން ލިބުނު 9 ޕޮއިންޓާއެކީއެވެ. ޔުނައިޓެޑް 7 ޕޮއިންޓާއެކު ދެވަނައިގަ އޮތް އިރު ސްޕެއިންގެ ވެލެންސިއާ އޮތީ 5 ޕޮއިންޓާއެކީ ގުރޫޕުގެ ތިންވަނައިގައެވެ.

Advertisement

ކޮމެންޓް

Advertisement