އެއް ޓަނުގެ ހިލޭ ފެނަކީ ކިހާވަރެއްކަން އެނގޭތަ؟

17 Mar 2020 | 09:13

ކޮވިޑް-19އަކީ އިންސާނުންގެ ދިފާއީ ނިޒާމަށް ވަރުގަދަ ހަމަލާތަކެއް ފޮނުވާލާ ވައިރަހެއް ކަމުގައިިވިޔަސް، އެ ވައިރަހުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް މިވަނީ ބޮޑެތި ލޮޅުންތަކެއް ފޯރާފައެވެ. އެ ލޮޅުންތަކުން އާންމު ރައްޔިތުން ދިފާއުކުރުމަށް ސަރުކާރުތަކުން ދަނީ ރައްޔިތުންނަށް ގިނަ ލުއިތަކެއް ހޯދައިދޭން މަސައްކަތް ކުރަމުންނެވެ. މިގޮތުން އެއް ގައުމަކަށް ވެގެންދާނީ އަޅުގަނޑުމެންގެ ކުޑަކުޑަ ދިވެހިރާއްޖެއެވެ.

އެގޮތުން ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ވަނީ އެމްޑަބްލިޔުއެސްސީގެ ފަރާތުން ކޮންމެ ގޭބީސީއަކަށް، އެއް ޓަނުގެ ފެން ހިލޭ ފޯރުކޮށްދޭން ނިންމާފައިވާކަން އިއުލާާންކޮށްފައެވެ. މި ފެން ފޯރުކޮށްދޭނެ ގޮތެއް އަދި ހާާމަކޮށްފައި ނުވާއިރު، ގިނަބަޔަކު ދަނީ އެ ކުންފުންޏަށް ތައުރީފް ކުރަމުންނެވެ.

ދިވެހިރާއްޖޭގައި މުހިންމު ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުން މި ނާޒުކު ދަނޑިވަޅުގައި ޚިދުމަތުގެ ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމަށް އާންމުން އެދިއެދި ތިއްބާ، އެކަމަށް އިޖާބަދިނީ ހަަމައެކަނި އެކުންފުނިންނެވެ. އެކަމަށްޓަކައި އެމްޑަބްލިޔުއެސްސީގެ މެނޭޖްމަންޓާއި މުވައްޒަފުންނަށް އައްސަރިބަހާއި ސާބަހެވެ.

އެއް ޓަނު ފެނަށް 22 ރުފިޔާ!

މި ނިންމުން ދިރާސާ ކޮށްލާނަމަ، މިއީ ފަހަރުގައި އެހާާ ބޮޑު ފަރަގަކަށް ނުވެދާނެއެވެ. ދިވެހިރާއްޖޭގައި ފެން ބޭނުންކުރާ މިންވަރު ބަަލަނީ ކޮޑިމީޓަރު ނުވަތަ ކިއުބިކް މީޓަރުންނެވެ. އެއް ކިިއުބިކް މީޓަރަކީ އެއް ޓަނެވެ.

ބޭންޑް-އޭ: 22 ރުފިޔާ (ކިއުބިކް މީޓަރަކަށް 22 ރުފިޔާގެ ރޭޓުން)

ބޭންޑް- ބީ: 70 ރުފިޔާ (ކިއުބިކް މީޓަރަކަށް 70 ރުފިޔާގެ ރޭޓުން)

ބޭންޑް- ސީ: 95 ރުފިޔާ (ކިއުބިކް މީޓަރަކަށް 95 ރުފިޔާގެ ރޭޓުން)

ދުވާލަކަށް އެވްރެޖްކޮށް ބޭނުންކުރާ ފެނުގެ ޢަދަދުން 100 ލީޓަރު ހަމަވާ ޢަދަދަށް ނަގާނީ ބޭންޑްـއޭއިންނެވެ. 100އިން ފެށިގެން 500 ލީޓަރު ހަމަވާ ޢަދަދަށް ބޭންޑްـބީއިންނެވެ. އަދި 500 ލީޓަރަށްވުރެ މައްޗަށް ދާ ޢަދަދު ބޭންޑްـސީއިންނެވެ. 

އެހެންކަމުން ފުރަތަމަ 1ޓަނު ހިލޭ ދޭނަމަ ގެއަކަށް ހިލޭ ދެވޭނީ 22 ރުފިޔާގެ ފެނެވެ.

ހިސާބު ހަދާނެގޮތް: 

މިސާލެއް ގެންނާނަމެވެ. މާލޭގައި ހަ ބޮޑު މީހުން އުޅޭ ގެއެއްގެ ފެން ބިލަށް އެއް މަހުގައި އަރާފައިވަނީ 1003.45 ރުފިޔާއެވެ. އެ މަހުގައި އެގޭގައި ޖުމްލަކޮށް ފެން ބޭނުން ކުރެވިފައިވާ އަދަދަކީ 15.71 ކިއުބިކް މީޓަރު ނުވަތަ ކޮޑިމީޓަރެވެ. 

(ބިލުގެ މެދައްވާގޮތައް ކިއުބިކް މީޓަރުން ބޭނުންކުރެވިފައިވާ ވަރު އެނގެން ހުންނާނެއެވެ.) މި އަދަދު ގެންނަ ގޮތަކީ ކޮޑިމީޓަރަކަށް ބޭންޑް އޭ، ބީ އަދި ސީ އިން ކަނޑައަޅާފައިވާާ ރޭޓަކުން ބޭނުންކުރާ އަދަދުތައް އެއްކުރުމެވެ. ޓަނުން ބަލާނަމަ އެއީ 15.71 ޓަނުގެ ފެނެވެ.

އެހެން ގެއަކަށް ބަލާލާނަމެވެ. ހަތް މީހުން އުޅޭ ގެއެއްގެ ފެން ބިލަށް އަރާފައިވަނީ 1584.30އެވެ. އެގޭގައި ފެން ބޭނުން ކުރެވުނު އަދަދަކީ 21.46 ކޮޑިމީޓަރެވެ. އެއީ 21.46 ޓަނެވެ.

އެހެންކަމުން އެމްޑަބްލިޔުއެސްސީން ކޮންމެ ގެއަކަށް އެއް ޓަނުގެ ފެން، އާންމު ފެނުގެ ޚިދުމަތް އަގުނެގުން ހުއްޓާލައިގެން ހަދިޔާކުރާނަމަ އެއީ އެއް ދުވަހުގެ ނުވަތަ ދެ ދުވަހުގެ ފެން ހިލޭ ވުމެވެ.

ކުރިން ބުނެވުނުގޮތަށް ސަރުކާރުން ހިލޭ ފޯރުކޮށްދެއްވަނީ 22 ރުފިޔާގެ ފެނެވެ.

ފެން ހަރަދުކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް

ފެނުގެ ހަރަދުކުޑަކުރުމަށް ފެން އިސްކުރުން ފެން ލީކުވޭތޯ ބަލާ މައްސަލަ ހައްލުކުރާށެވެ. އަދި ވުލޫޢު ކުރުމާއި، ދަތް އުނގުޅަމުން ދާއިރު އިސްކުރު އަބަދު ދޫކޮށްފައި ބެހެއްޓުމުގެ ބަދަލުގައި ބޭނުން ކުރަން ވީމައި އިސްކުރު ދޫކޮށްލާށެވެ. 

ފެންވެރުމަށް ގިނަ ވަގުތު ހޭދަނުކުރަންވީއެވެ. އަދި ފެންވަރާ ފެން ފާހާނަ ފްލަޝްކުރުމަށް ބޭނުންކުރެވިދާނެއެވެ. ހަނޑޫ ދޮންނަ ފެން އުކާނުލައި، އެފެނުން ގަސްތަކަށް ފެން ދެވިދާނެއެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުން ވާރޭފެން ރައްކާކުރާށެވެ.

ކުށުގެ އިސްލާޙު: ކުރިން 1ކޮޑިމީޓަރަކީ 0.35ޓަނު ކަމަށް ލިޔެވިފައިވީނަމަވެސް ރަނގަޅު ގޮތަކީ 1ކޮޑިމީޓަރަކީ 1ޓަނުގެ ފެނެވެ.

Advertisement

ކޮމެންޓް