Advertisement

އެކަށީގެންވާ ހެކި ނެތުމުން އަމްޖަދުގެ މައްސަލަ އޮތީ ފައިލްކޮށްފައި: ފުލުހުން

17 Mar 2020 | 19:36

އެމްޕްލޯއިމެންޓް ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމަށް އިއްޔެ އައްޔަންކުރެވުނު އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެންބަރު އަމްޖަދު މުސްތަފާގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ފުރައްސާރައިގެ މައްސަލަ އޮތީ ހެކި ނެތުމުގެ ސަބަބުން ފައިލްކުރެވިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި 2018ވަނަ އަހަރުގެ ފަހުކޮޅުގެ ތެރޭގައި މީސް މީޑިޔާގައި ވަނީ އީސީގެ އަންހެން މުވައްޒަފުންނަށް އަމްޖަދު ޖިންސީ ފުރައްސާރަ ކުރާކަމަށް ބުނާ މައްސަލަަތަކެއް ފެންމަތިވެފައެވެ. 

އެގޮތުން ރަސްމީ ދަތުރުފުޅެއްގައި ބޭރުގައުމަކަށް ވަޑައިގެން އުޅުއްވަނިކޮށް، ހުންނެވި ކޮޓަރިން ހިޔަންޏެއް ފެނުނުކަމަށް ވިދާޅުވެ ދެ އަންހެން މުވައްޒަފުންގެ ކޮޓަރީގައި މުސްތަފާ ނިދިކުރައްވަން މަސައްކަތް ކުރެއްވިކަމަށެވެ. މި މައްސަލަ ހުށައެޅުމަށްފަހު އެ ދެ މުވައްޒަފުން ވަޒީފާއިން ވަކިިވިކަމަށް މޯލްޑިވްސް އިންޑިޕެންޑެންޓް ނޫހުން ވަނީ މީގެކުރިން ބުނެފައެވެ.

އަދި މީގެ އިތުރުން އަމްޖަދު އެ އޮފީހުގެ އަންހެން މުވައްޒަފެއްގެ ނުރުހުމުގައި ބެއްދުމަށް މަސައްކަތްކޮށް، އޭނާ ފިޔަަވައި އެހެން ފިރިހެން މުވައްޒަފަކާއި ވާހަކަދެއްކުން މަނާކުރިކަމަށް ބުނާ ވާހަކަތަކެއްވެސް ވަނީ ފެންމަތިވެފައެވެ.

މިފަދަ ތުހުމަތުތަކެއް އަމްޖަދުގެ މައްޗަށް ކުރެވިފައި ވަނިކޮށް އޭނާ މިނިވަން މުއައްސަސާއެއްގެ އިސް މަގާމަކަށް އައްޔަން ކުރުމުން ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

މިކަމާއި ގުޅިގެން ވޮއިސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފުލުހުންގެ މީޑިޔާާ އޮފިޝަލް ވިދާޅުވީ ސަރުކާރުގެ އިދާރާއެއްގެ އިސްމަގާމުގައި ހުރި ފިރިހެނަކު އޭނާއާއި އެކު މަސައްކަތްކުރާާ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި 2018ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 28ވަނަ ދުވަހުގައި މައްސަލަ ހުށައެޅުނުކަމަށެވެ. 

މި މައްސަލަ ފުލުހުން ތަހުގީގުކުރުމުން ސާބިތުވާާ މިންވަރަށް ހެކި ނެތުމުން މައްސަލަ ފައިލް ކުރިކަމަށް ފުލުހުން ބުންޏެވެ.

Advertisement

ކޮމެންޓް