ދެކުނު ކޮރެޔާއިން އައި ދިވެހި މީހާ ހޯމް އައިސޮލޭޝަންގައި ނުހުރި: މަބްރޫކް

18 Mar 2020 | 04:59

މިއަދުގެ ވަގުތެއްގައި ވިލިމާލެއިން ފަރުކޮޅުފުއްޓަށް ގެންދެވުނު ދިވެހި މީހާ ގޭގައި އެކަހެރިވެ ހުރުމަށް ދެކޮޅުހެދިކަމަށް ހާމަވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުުވުމުގައި ވާހަކަ ދައްކަވަމުން ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މީގެ ދެ ދުވަސް ކުރިން ދެކުނު ކޮރެޔާއިން އައި ދިވެއްސަކު، އޭނާގެ ކިބައިން ކޮވިޑް-19ގެ އަލާމާާތްތައް ފެނުމުން އިއްޔެ އެކަން އެންގި ކަމަށެވެ. އަދި އެގޮތަށް އެންގުމުން އޭނާގެ ސާމްޕަލްތައް ނަގައި ފަރުކޮޅުފުއްޓަށް ގެންދެވެންދެން ގޭގައި އެކަހެރިވެގެން ހުރުމަށް އެންގުނުކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ނަމަވެސް މިއަދު އޭނާ ދިރިއުޅޭ ގެއަށް އެޗްޕީއޭއިން ދިއުމުން ފޯން ނުނަގާކަމަށާއި، އެގެ ތަޅުލާފައި ހުރިކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިއާއިއެކު އޭނާ ހޯދުމަށް އާއިލާގެ މެންބަރަކަށް ގުޅުމުން، އޭނާ ގޭގައި ނެތްކަމަށް އެނގުނުކަމަށް އެބޭފުޅާ ވިދާޅުވިއެވެ. މިއާއިއެކު، އެޗްޕީއޭގެ ފަރާތުން ފުލުހުންގެ ކިބައިން އެދިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރިކަމަށް މަބްރޫކް ވިދާޅުވިއެވެ. އެ މީހާ މިހާރު ވަނީ ފަރުކޮޅުފުއްޓަށް ގެންދެވިފައެވެ.

މިކަމާއި ގުޅިގެން ފުލުހުން ކުރި ޓްވީޓެއްގައި ބުނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމަކާއި ޚިލާފަށް އެކަހެރި ނުވެ ހުރި ފަރާތެއް ވިލިމާލެއިން ހައްޔަރުކޮށް، އެޗްޕީއޭއާއި މިއަދު ހަވާލުކުރެވުނު ކަމަށެވެ.

Advertisement

ކޮމެންޓް