Advertisement

އާސެނަލް އަދި ޗެލްސީވެސް ޔޫރޯޕާ ލީގުގެ ގަދަ 32 އަށް

09 Nov 2018 | 05:10

ލަންޑަނުގެ ކްލަބްތައް ކަމަށްވާ އާސެނަލް އަދި ޗެލްސީ ޔޫރޯޕާ ލީގުގެ ޖެހިގެން އޮތް ބުރު ކަށަވަރު ކޮށްފިއެވެ.

އާސެނަލްއިން ދެވަނަ ބުރު ކަށަވަރުކުރީ އަމިއްލަ ދަނޑުގައި ސްޕޯޓިންގ ލިސްބަންއާއި ދެކޮޅަށް ކުޅުނު މެޗު 0-0 ކުން އެއްވަރު ކޮށްގެންނެވެ. މި މެޗުގައި ލަނޑެއް ނުޖެހުނު ނަމަވެސް އިދިކޮޅު ގޯލަށް ފޮނުވާލި ހަމަލާގެ އަދަދު އަދި ބޯޅަ ގެންގުޅުނު ނިސްބަތުންވެސް ކުރިހޯދާފައިވަނީ އާސެނަލްއެވެ.

ނިމިދިޔަ ހަފްތާގައި ލިވަޕޫލާއި ދެކޮޅަށް އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅުނު މެޗުގައި ހިމެނުނު އެންމެ ދެ ކުޅުންތެރިން ފުރަތަމަ އެގާރައަށް އަރުވައިގެން މި މެޗުގައި ކުޅުނު އާސެނަލްގެ ޑެނީ ވެލްބެކްއަށްވަނީ ސީރިއަސް އަނިޔާއެއްވެފައެވެ.

ވެލްބެކަށް އަނިޔާވީ މެޗުގެ 25 ވަނަ މިނެޓުގައި މަތިން ދިޔަ ބޯޅައެއް ހޯދަން ފުންމުމަށްފަހު ފައިއެޅުނު ގޮތަކުންނެވެ. އަނިޔާވުމައި ގުޅިގެން އޭނާއަށްވަނީ އޮކްސިޖަން ގުޅުމަށްފަހު ދަނޑުމަތީ ފަރުވާ ދެވިފައެވެ.

ސްޕޯޓިންގ ލިސްބަންގެ މެތިއުއަށްވަނީ 87 ވަނަ މިނެޓުގައި ރަތް ކާޑު ދައްކާ ދަނޑުންވެސް ފޮނުވާލާފައެވެ. އޭނާއަށް ރަތް ކާޑު ދެއްކީ އާސެނަލްގެ އަބޫމެޔާންގްއަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެންނެވެ.

މިމެޗުންވެސް ބަލިނުވެ ހިފަހައްޓާލުމައި ގުޅިގެން އާސެނަލްއަށްވަނީ ހުރިހާ މުބާރާތަކުން ބަލިނުވާތާ 15 މެޗު ހަމަވެފައެވެ.

ޗެލްސީ ޔޫރޯޕާ ލީގުގެ ދެވަނަ ބުރު ޔަގީންކުރީ ރަށުން ބޭރުގައި ބާޓޭ ބޮރިސޯވް 1-0 ކުން ބަލިކޮށްގެންނެވެ.

ޗެލްސީގެ ފަރާތުން މެޗުގައި ފެނުނު ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ފްރާންސްގެ ތަރި ޖިރޫޑްއެވެ. މިއީ ޗެލްސީގެ ކޯޗުކަމައި ސަރީ ހަވާލުވިފަހުން ޖިރޫޑް ޗެލްސީއަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

ޗެލްސީ ޔޫރޯޕާ ލީގުގަ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ހަތަރު މެޗު ކުޅެގެން ލިބުނު 12 ޕޮއިންޓާއެކު ދެވަނަ ބުރު ޔަގީން ކުރިއިރު އާސެނަލް ދެވަނަ ބުރަށް ދިޔައީ ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކީއެވެ. މި ދެޓީމަށްވެސް ޔޫރޯޕާ ލީގުގައި އަދި ބާކީ ދެ މެޗު ކުޅެން އެބޯތެވެ.

އާސެނަލް ކުރިއަށް އޮތް މެޗުގައި ވުލްވްސްއައި ބައްދަލު ކުރާއިރު ޗެލްސީ ކުޅެން ހަމަޖެހިފަ އޮތީ އެވަޓަންއާއެވެ. މި ދެމެޗަކީވެސް ލީގު ދެމެޗެވެ.   

Advertisement

ކޮމެންޓް

Advertisement