ޖުމްހޫރީ މަތިވެރި ހިޔަލަށް ފަންސާސް

11 Nov 2018 | 11:06

މިނިވަންކަމަކީ އިންސާނީ ތަބިއްޔަތުގައިވާ ވަރަށް މަތިވެރި ސިފައެކެވެ. އެ ސިފައިން ލިބޭ އުފާ ހޯދުމަށް އިންސާނުން ގަދައަަޅައި މަސައްކަތްކުރާތާ ކިތަންމެ ޒަމާނެއް ވެދާނެއެވެ. އަޅުގަނޑުމެން ދިވެހިންނަކީވެސް އަބަދުވެސް މިނިވަންކަމާއި އޭގެ ފޮނިމީރުކަން ހޯދުމަށް އެދޭ ބައެއް ކަމީ ތާރީހުގެ ސަފުހާތަކުން ފުރިހަމައަށް އެނގެން އޮތް ކަމެކެވެ.

ދިވެހި ތާރީހުގެ މުއްސަނދި ސަފްހާތަކަށް ނަޒަރު ހިންގާލައިފިނަމަ، ތާރީހުގެ ބޮޑުބައެއް ހިއްސާކުރާނީ ރަސްކަމުގެ އެތެރެ ކޮއިލުގެ ވާހަކަތަކެވެ. ވެރިކަން ބަދަލުވުމާއި، ގައުމަށް ވެރިވުމާއި،ރަސްކަލުންގެ ހިތި އަނިޔާތަކާއި އުފާވެރި ރަބީއުގެ ވާހަކަތަކެވެ. މިފަދަ ވާހަކަތައް ބަލާލައިފިނަމަވެސް އިނގެން އޮތް ހަގީގަތަކީ އޭރު ވެރިކަމުގެ ބާރުތައް އޮތީ މަދުބައެއްގެ މުށުތެރޭގައި ކަމެވެ. ފައިސާއާއި އާރާއި ބާރުވެރިކަން ލިބި، އެތެރެ ކޮއިލުގެ ތެރޭގައި ބަސްބުނެވޭ މީހުން ހިތްރުހޭ މީހާއަކީ މުޅި ގައުމުގެ ވެރިޔާއަށް ވާކަމެވެ. ރައްޔިތުންގެ ވަލިއްޔުލްއަމްރަކީ ރައްޔިތުން ދެކެފަރިތަ، ނުވަތަ ރައްޔިތުން ހޮވާ މީހަކަށް ނުވާކަމެވެ.

މުހައްމަދު ފަރީދު، ރާއްޖޭގައި އެންމެ ފަހުން ރަސްކަން ކުރެއްވި ރަސްގެފާނު - ފޮޓޯ ހައްގުވެރިފަރާތައް

ބަވަނަ ވެފައިވާ މި ދުނިޔެއަށް ދިވެހިންގެ ލޯ ހުޅުވި، އާ ޚިޔާލާތުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދިޔަ އެއް ދުވަސްވަރަކަށް ވާނީ ދެވަނަ ބޮޑު ހަނގުރާމައެވެ. އޮޅުދޫކަރައާއި މިސުރު ފަދަ ތަންތަނުން ތައުލީމަ ހާސިލްކުރައްވައިގެން ތިއްބެވި ބޭކަލުން، ގައުމުގެ މަތީ މަގާމު ތަކާއި ހަވާލުވެ، ގައުމުގެ މިސްރާބު އާ ދިމާލަކަށް ހިފީ ހަމަ މި ދުވަސްވަރުގައި ކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. 

އެހެނަސް ދެވަނަ ބޮޑު ހަނގުރާމަ ވެގެންދިޔައީ ރާއްޖެ ބޮޑު ތަދުމަޑުކަމެއްގެ ތެރެއަށް ޣަރަގުވި ދުވަސްވަރެއް ކަމުގައެވެ. ވޯރާ ވިޔަފާރިވެރިންގެ އުނދަގުލާއި، އިންޑިޔާ ކަނޑުގައި އުޅުނު ޖަޕާނުގެ ސަބްމެރިންތަކުގެ ބިރުގެ ނަތީޖާއަކަށް ވެގެންދިޔައީ، އިންތިހާ ދަތި ހާލުގައި ދިވެހިން ތިބެ، ބަނޑަށް ޖެހުމެވެ.

މި ހާލުގައި ގައުމު ހިންގެވުމުގައި އެންމެ އިސްކޮށް ހުންނެވީ ތައުލީމީ އަދި ޒަމާނީ ފިކުރިއްޔާތުތައް އަށަގެންފައިވާ ބޭފުޅެކެވެ. ގައުމުގެ އަމީންގެ ނަމުން މަޝްހޫރުވެފައިވާ އަތިރީގޭ މުހައްމަދު އަމީން ދީދީއެވެ. ރަސްގެފާނާއި ބޮޑުވަޒީރު “ކުއްލިގޮތަކަށް" އިސްތިއުފާ ދެއްވުމުން، ވަލީ ކޮމެޓީގެ އިސްވެރިޔާގެ ގޮތުގައި ހުންނަވާ އެ ދީދީ ގައުމު ހިންގަވަމުން ގެންދެވިއިރު، މިސުރުގައި ރާއްޖޭގެ ރަސްކަމަށް އިސްވެވަޑައިގަންނަވަން ޖެހޭ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު، ދައުލަތުގެ އެހީގައި ވަރަށް އަރާމުގައި ދިރިއުޅުއްވަމުން ގެންދެވި ކަމަށް ތާރީހު ދިރާސާކުރައްވާ ފަރާތްތަކުން ބުނެއެވެ.

އަތިރީގޭ މުހައްމަދު އަމީން

މިފަދަ ކަންކަމާއި ޒަމާނީ ވިސްނުންތަކަށް ދިވެހި މަތީފަންތީގެ ފަރާތްތައް ލޯހުޅުވުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ފެންނަ ނުފެންނަ ވޯޓަކުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުވެގެން ދިއުމެވެ. އާދެ، ރަސްކަމަކުން ޖުމްހޫރިއްޔަތެއްގެ ހިޔަލަށް ދިވެހިން ބަދަލުވެގެން ދިއުމެވެ. 

ރައީސުލްޖުމްހޫރިއްޔާއެއްގެ މަގާމު އުފެދި، އެ މަގާމަށް ދިވެހިންގެ ފުރިހަމަ ތާއީދާއި އެކު މުހައްމަދު އަމީން ދީދީ އިސްވެގެން ދިއުމެވެ. 1953ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު ދިވެހިންނަށް އަލިވިލުނީ ޖުމްހޫރީ ދަރުބާރުގައި ގައުމުގެ ވަލިއްޔުލް އަމްރު އަދި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އަތިރީގޭ މުހައްމަދު އަމީން ދީދީ ހުވާކުރެވޭ އުފާވެެރިކަންމަތީގައެވެ.

ނަމަވެސް މި ޖުމްހޫރީ އުފާ ދެމިއޮތީ ވަރަށް މަދު ދުވަސްވަރަކަށެވެ. ބޮޑުން ހިތްނުރުހޭ ކަންކަން ކުރަން ފެށީމާ އެންމެފަހުން މުހައްމަދު އަމީން ދީދީވެސް ގޯސްވީއެވެ. މަކަރާއި ހީލަތާއި ގޮށްމުށުގެ އަނިޔާގެ ތެރެއިން ވެރިކަން ބަދަލުކޮށް، ގައުމުގެ އަމީންއަކީ ހަށިކޮޅު ޒަހަމްވެފައިވާ ހާލު، މާލެކައިރި ރަށެއްގައި އެކަނިމާއެކަނި އަވަހާރަވެގެންދިޔަ ނިކަމެއްޗަކަށް ވީހެވެ. 

ހަތްމަހާއި ދުވަސްކޮޅަކަށް ދެމިގެންދިޔަ މި ޖުމްހޫރިއްޔަތު 1953ވަނަ އަހަރުގެ އޮގަސްޓް މަހުގައި ނިމިގެން ދިޔައިރު، ޒަމާނީ ދައުލަތެއް އަދި ޑިމޮކްރަސީގެ ސިފަތައް މަޑުމަޑުން ދިވެހި ރަށްތަކުގައި އޮތީ އަށަގަންނަން ފައްޓާފައެވެ. ވުޒާރާތައް އުފެދި، ސްކޫލް މަދަރުސާތަކަށް އަންހެން ކުދިން ކިޔަވަން ދާން ފެށުނެވެ. ދިވެހި ރައްޔިތުންގެ މުތަގައްދިމް ޕާޓީގެ ނަމުގައި ސިޔާސީޕާޓީއެއް އުފެދި، ގައުމު ބިނާކުރުމުގެ ޕްލޭނެއްވެސް އޮތީ ހެދިފައެވެ.

މުހައްމަދު އަމީން ދީދީގެ ވެރިކަން ގިލަނުގެ ތެރޭގައި ނިމިގެން ދިއުމަށްފަހު، ރާއްޖެ އަނެއްކާވެސް ބަދަލުވެގެންދިޔައީ ރަސްކަމުގެ ސިންގާސަނާއިން ބާރު ހިނގާ ގައުމަކަށެވެ. އަލަށް އުފެދިގެންދިޔަ ޚާއްސަ މަޖިލީހަކުން ނެގި ސިއްރު ވޯޓަކުން ރަސްކަމަށް އިސްވެވަޑައިގެންނެވީ ކުރިން ބޮޑުވަޒީރުކަންވެސް ކުރައްވާފައިވާ އަލްއަމީރު މުހައްމަދު ފަރީދު ދީދީއެވެ. 

ފަރީދު ދީދީގެ ރަސްކަންވެސް ވެގެންދިޔައީ ސިޔާސީ ގޮތުން ބޮޑެތި ލޮޅުންތަކެއް އެރި ދުވަސްވަރަކަށެވެ. ދެ ބޮޑުވަޒީރުންނާއި، ދެކުނުގެ ތިން އަތޮޅުން ވަކިވެ ދައުލަތެއް އުފެއްދިއެވެ. ހަގީގަތަށް ދަންނަވަނީނަމަ މި ރަދުން ރަސްކަން ކުރެއްވިޔަސް، ގައުމުގެ ގިނަ ކަންކަމުގެ ޒިންމާ އުފުއްލެވީ އޭރުގެ ބޮޑުވަޒީރު ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުކަމެވެ. މިސާލަކަށް އުތުރު ގަޑުބަޑު މައިތިރިކުރެއްވުމާއި، އިނގިރޭސީންގެ ހިމާޔަތުގެ އުނގުން ދިވެހިން ވީއްލުން ފަދަ ކަންކަމެވެ.

އިބްރާހިމް ނާސިރު ރާއްޖެގެ މިނިވަން ކަމުގެ ލިޔުމުގައި ސޮއިކުރައްވަނީ

މިފަދަ ސަބަބުތަކާއި އެކު ރާއްޖެ އަނެއްކާވެސް މިސްރާބު ޖެހީ ޖުމްހޫރިއްޔަތެއްގެ ހިޔަލުގެ ދަށަށެވެ. 1968ވަނަ މާޗްމަހުގެ 15ވަނަ ދުވަހު ނެގުނު ވޯޓަކުން، ދިވެހިންގެ ފުރިހަމަ އަހުލަބިއްޔަތުން އަނެއްކާވެސް ޖުމްހޫރީ ވެރިކަމެއް އޮތުމަށް ފެންނަކަމަށް ނިންމިއެވެ. މިފަހަރުވެސް ގައުމުގެ ރައީސްކަމާއި ހަވާލުވެޑައިގެންނެވީ އޭރު ގައުމު ހިންގުމުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅާއެވެ. 

އާދެ، އެ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު، ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްކަމުގެ މަގާމަށް ވެލާނާގެ އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު، ހުވާކުރެވުނެވެ.

އިބްރާހިމް ނާސިރުގެ ޒައާމަތްވެސް ވެގެންދިޔައީ ތަރައްގީގެ އާއުސްމިންތަކަށް ދިވެހިން ވާސިލްކޮށްދިން ދުވަސްވަރަކަށެވެ. ޓީވީއަކާއި ރޭޑިޔޯ ސްޓޭޝަނެއް ހުޅުވި، އިނގިރޭސި މީޑިއަމްގެ ތައުލީމު ފެށި، ދޯނިފަހަރުގައި އިންޖީނު އެޅި، ތަރައްގީގެ ދުވެލި ބާރުވެގެންދިޔަ ދުވަސްވަރަކަށެވެ. މިއަދު އަޅުގަނޑުމެން ފާހަގަކުރަމުން މިދާ ޖުމްހޫރީ ދުވަހަކީ މި ދެންނެވި ދެވަނަ ޖުމްހޫރިއްޔާ އުފެދުނުތާ ފަންސާސް އަހަރު ފުރޭ ރަންޔޫބީލްގެ އުފާވެރި މުނާސަބަތެވެ.

ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ، ކާމިޔާބުކަމާއި އެކު ހިންގާތާާ ފަންސާސް އަހަރު ފުރުނީއެވެ. މި ފަންސާސް ވަރަކަށް އަހަރު ދިވެހި ގައުމަށް އުފާވެެރި ދުވަސްތަކެއް ފެނިއްޖެއެވެ.ތަރައްގީއާއި ތަމައްދުނުގެ ގޮތުން ކުރި އަރައިފިއެވެ. ނަމަވެސް ބައެއް ހިތާމަތަކާއި އެކުވެސްމެއެވެ. މިއަދު އަޅުގަނޑުމެން އެންމެންގެ އަމާޒަކަށް ވާންވީ ޖުމްހޫރީ ވެރިކަން، އަމާންކަމާއި އެކު އަންނަން އޮތް ޖީލަށް ވާސިލްކޮށްދިނުމެވެ. މިނިވަންކަމާއި ގައުމިއްޔަތުގެ ބަހާތައް ދިރުވާ އާލާކުރުމެވެ. މިކަން ކުރެވޭނެ ހަމައެކަނި ގޮތަކީ އެންމެން އަތުގުޅާލާ ހިތްވަރުކުރުމެވެ.

Advertisement

ކޮމެންޓް

Advertisement