ކޮވިޑް-19ގެ އުސްއަލި: މާލޭގައި އެކަހެރިކޮށްފައި 61 މީހަކު އެބަހުރި

29 Mar 2020 | 21:05

ދިވެހިރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 16 އަށް އަރައިފިކަމަށް ސަރުކާާރުން ވަނީ ހާާމަކޮށްފައެވެ.

މިރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިވަގުތު ދިވެހިރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާދެމުންދަނީ އެންެމެ ތިން މީހުންނަށް ކަމަށެވެ.

އެބޭފުޅާ ވިދާޅުވީ ދިވެހިރާއްޖޭގައި މިހާތަަނަށް ކޮވިޑް-19 އަށް ޓެސްޓް ކުރެވިފައިވަނީ ޖުމްލަ 891 ސާމްޕަލް ކަމަށާއި، އޭގެ ތެރެއިން މިހާތަނަށް ނަތީޖާ ނުލިބި ވަނީ އެންމެ ސާމްޕަލެއްގެ ކަމަށެވެ. ދިވެހިރާއްޖޭގައި މިހާތަަނަށް 826 މީހަކު ކަރަންޓީންގައި ހުރިއިރު، އައިސޮލޭޝަންގައިވެސް ގިނަ ބަޔަކު ތިބިކަން މަބްރޫކް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ހޯމް އައިސޮލޭޝަންގައި ތިބުމަށްވެސް ބައެއް ފަރާތްތަކަށް އަންގާފައިވާއިރު، އޭގެ ތެެރެއިން ބައެއް ފަރާތްތައް މާާލޭގައި ތިބޭނެކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ.

މިއާއި ނޫސްވެރިންގެ ބައްދަލުވުުމުގައި ދެކެވުނު އެހެނިހެން ވާހަަކަތަކުގެ އުސްއަލިތަކަށް މިހިސާބުން ބަލާލާނަމެވެ.

މާލޭގައި 61 މީހަކު އެކަހެރިކޮށް ހުރުމަށް އަންގާފައިވޭ!

ކޮވިޑް-19 އާއި ގުޅިގެން އަމަލުކުރަމުންދާ ކޮންޓެކްޓް ޓްރޭސިންގގެ އުސޫލުތަކުގެ ދަށުން މިހާތަނަށް 61 މީހަކަށް މާލޭގައި އެކަހެރިކޮށް ހުރުމަށް އަންގާފައިވާނެކަމަށް މަބްރޫކް މިރޭ ވަނީ ހާމަކުރައްވާފައެވެ.

އެގޮތުން ހޯމް އައިސޮލޭޝަންގައި 13 ދިވެހިން އަދި ހަތަރު ބިދޭސީން ތިބިއިރު، ހޯމް ކަރަންޓީންގައި 43 ދިވެހިންނާއި އެއް ބިދޭސީއަކު އެބަހުރި ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

އިންޓަރނެޓްގެ ޚިދުމަތަށް ލުއިތަކެއް ހޯދަން މަޝްވަރާކުރަނީ

ކޮވިޑް-19 އާއި ގުޅިގެން މިއީ ގިނަބަޔަކު ގޭތެރޭގައި ތިބި ދުވަސްވަރަކަށް ވުމުން، އިންޓަރނެޓްގެ ޚިދުމަތްތަކުން ލުޔެއް ހޯދުމަށް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި އެކު ވާާހަކަ ދައްކަވަމުންދާ ކަމަށްވެސް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މަބްރޫކް ވިދާޅުވީ އެކަމާއި ގުޅިގެން މަޝްވަރާތައް ކުރެވި އުރީދޫ އާއި ދިރާގާއި އެކު މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަދި މާދަމާާ ހިސާބުގައި އެކަމާއި ގުޅޭގޮތުން ޖަވާބެއް ލިބިގެންދާނެ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މިއީ 28 މާރިޗު ވީ ދުވަހުގެ ރޭގަނޑު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގެ އުސްއަލިތަކެވެ.

Advertisement

ކޮމެންޓް