ސްޓާލިން ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި

10 Nov 2018 | 05:28

މެންޗެސްޓާ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން އެ ކުލަބުގެ އިނގިރޭސި ތަރި ރަހީމް ސްޓާލިންގް އިތުރު ތިން އަހަރަށް އާ ކޮށްފިއެވެ. އަލަށް ވެވުނު މި އެއްބަސްވުމާއެކު ސްޓާލިން ސިޓީގައި 2023ގެ ނިޔަލަށް މަޑުކުރާނެއެވެ.

އުމުރުން 23 އަހަރުގެ ސްޓާލިންގް ކުރިން ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު އަލަށްވެވުނު އެއްބަސްވުމާއެކު އޭނާއަށް ހަފްތާއަކު 300,000 ޕައުންޑް ލިބޭނެއެވެ. މިއާއެކު ސްޓާލިންގް ހިމެނިގެންދާނީ މުޅި އިނގިރޭސި ލީގުގަވެސް އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިންގެ ތެރޭގައެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ސްޓާލިންގް ބުނީ އާ އެއްބަސްވުމުގައި ސޮއިކުރެވުމުން ވަރަށް އުފާވެއްޖެ ކަމަށާއި ސިޓީގައި ހުރެ އޭނާގެ ކުޅުން ވަރަށް ބޮޑުތަނުން ކުރިއަރާފައިވާ ކަމަށެވެ. ސިޓީއަށް ބަދަލުވުމަކީ އެޅުނު ރަނގަޅު ފިޔަވަޅެއް ކަމަށާއި މިއަދު އެކަން ސާބިތު ކޮށްދެވިއްޖެ ކަމަށްވެސް ސްޓާލިންގް ބުންޏެވެ.

މިހިނގާ ސީޒަނުގައި މިހާތަނަށް ސިޓީއަށް ހަތް ގޯލު ޖަހާދިފައިވާ ސްޓާލިންގް ސިޓީއަށް ބަދަލުވީ 2015 ވަނަ އަހަރު 49 މިލިއަން ޕައުންޑަށް ލިވަޕޫލުންނެވެ. އޭނާވަނީ މިދިޔަ ސީޒަނުގައި ސިޓީއާއެކު އިނގިރޭސި ޕްރިމިއަރ ލީގު އަދި ލީގު ކަޕްވެސް ކާމިޔާބުކޮށްފައެވެ.

ސިޓީއާއެކު ސްޓާލިންގް ހަދާފައިވާ އެއްބަސްވުން އާ ކުރުމުން ސިޓީގެ ޑައިރެކްޓަރ އޮފް ފުޓްބޯލް ބުނީ މިއީ ކްލަބަށް ވަރަށް މުހިންމު ދަނޑިވަޅެއް ކަމަށާއި ސްޓާލިންގް ވަނީ ފާއިތުވެދިޔަ ދެ ސީޒަނުގެ ތެރޭގައި ވަރަށް ބޮޑަށް ކުޅުން ރަނގަޅު ކޮށްފަކަމަށެވެ. އަދި ސްޓާލިންގް އަކީ މުޅި ލީގުގައިވެސް މިވަގުތު ހުރި އެންމެ މޮޅު އެއް އެޓޭކިންގް ކުޅުންތެރިޔާ ކަމަށްވެސް އޭނާގެ ވާހަކައިގަ ފާހަގަކުރިއެވެ.

ސްޓާލިން އެއްބަސްވުން އާ ކޮށްފައިވަނީ ޔުއެފާގެ ފައިނޭންޝިއަލް ފެއަރ ޕްލޭ ގަވައިދުތަކަށް ފެތުމަށްޓަކައި އަސްލު އަގަށްވުރެ މަތީ އަގުތަކަކަށް އެއްބަސްވެ ސްޕޮންސާޝިޕް ޑީލްތަކެއް ހަދާފައިވާ ކަމުގެ ތުހުމަތުތެކެއް ސިޓީއާމެދު ކުރެވިފައިވާ ދަނޑިވަޅެއްގައެވެ.

ސިޓީން މިކަމައި ބެހޭ ގޮތުން ބުނެފައިވަނީ އެ ވާހަކަތަކަކީ ކްލަބުގެ އަގު ވައްޓާލުމަށްޓަކައި ބަޔަކު ރާވައިގެން ފަތުރާ ވާހަކަތަކެއް ކަމުގައެވެ.  

Advertisement

ކޮމެންޓް