ދުވަހަކުވެސް ޓްރަމްޕްއަކަށް މާފެއް ނުކުރާނަން: މިޝޭލް އޮބާމާ

10 Nov 2018 | 05:46

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ އުފަންދުވަހުގެ ސެޓްފިކެޓްގެ ސައްހަ ކަމައިމެދު އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސުވާލު އުފެއްދުމައި ގުޅިގެން އޮބާމާ އާއިލާގެ ސަލާމަތަށް ކުރިމަތިވި ނުރައްކާތަކަށް ދުވަހަކުވެސް މާފެއް ނުކުރާނެކަމަށް ބަރަކް އޮބާމާގެ އަންހެނުން އަދި ކުރީގެ ފަސްޓް ލޭޑީ މިޝޭލް އޮބާމާ ބުނެފިކަމަށް އެމެރިކާގެ މީޑިއާތަކުން ހާމަކޮށްފިއެވެ.

މިޝޭލް އޮބާމާ މިމޭރުމުން ވާހަކަ ދައްކާފައިވަނި އޭނާގެ ނުކުންނަން ހަމަޖެހިފައިވާ ފޮތެއް ކަމުގައިވާ ''ބިކަމިންގ'' ގައި ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

ޓްރަމްޕްގެ އެވާހަކަތަކައި ގުޅިގެން ބުއްދި ހަމަނުޖެހޭ މީހަކު ބަޑިއެއް ހިފައިގެން ވޮޝިންގްޓަނަށް ގޮސް އޭނާގެ ދަރިން ހޯދައި އަނިޔާއެއް ދޭން މަސައްކަތް ކުރިނަމަ ދެން ހަދާނީ ކިހިނެއްތޯ ކަމާމެދުވެސް މި ފޮތުގައި މިޝޭލް އޮބާމާ ސުވާލު އުފައްދާފައިވާ ކަމަށް މީޑިއާތަކުން ބުނެއެވެ.

ޓްރަމްޕްވަނީ މި ހަބަރުތަކަށް ވަރުގަދަ ރައްދެއްވެސް ދީފައެވެ. އެގޮތުން، މިއަންނަ އަންގާރަ ދުވަހު ނުކުންނަން ހަމަޖެހިފައިވާ މި ފޮތައި ބެހޭ ގޮތުން ނޫސްވެރިންކައިރި ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ މިފޮތް ތައްޔާރު ކުރުމަށް މިޝޭލް އޮބާމާއަށް ބޮޑެތި އަދަދުތަކުން ފައިސާ ލިބިފައިވާކަމަށެވެ.

މިޝޭލް އޮބާމާގެ ފިރިމީހާ ބަރަކް އޮބާމާ އެމެރިކާގެ އަސްކަރިއްޔާއަށް ދީފައިވާ ގެއްލުންތަކަށް ދުވަހަކުވެސް މާފު ނުކުރާނެކަމަށްވެސް ޓްރަމްޕް ބުންޏެވެ.

އޮބާމާ ކަންތައްތައް ކޮށްފައިވާ ގޮތުން އަސްކަރިއްޔާއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އޭގެ ސަބަބުން އާންމުންގެ ރައްކަލަށް ނުރައްކާވި ކަމަށްވެސް ޓްރަމް ބުނެފައިވެއެވެ.

މިޝޭލް އޮބާމާގެ އަމިއްލަ ހަޔާތާއި ވައިޓް ހައުސްގައި ކުރިމަތިވި އެތައް ކަމެއްގެ ވާހަކަތައްވެސް ހިމެނޭ މިފޮތަށް ގިނަ ބަޔަކު ދަނީ މިހާރުވެސް އިންތިޒާރު ކުރަމުންނެވެ.    

Advertisement

ކޮމެންޓް