އެސްޓީއޯއިން ގަނެފައިވާ ބޭސްތައް އިންޑިއާއިން ގެނައުމަށް މަސައްކަތްކުރަނީ!

31 Mar 2020 | 14:32

ކޮވިޑް-19 އާ ގުޅިގެން މުޅި އިންޑިއާ ލޮކްޑައުން އަކަށް ދިޔުމާ ގުޅިގެން އެޤައުމުގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމަށް ބުރޫ އެރުމާ ގުޅިގެން ރާއްޖެއަށް ގެންނަން ތައްޔާރުކޮށްފައިވާ ބޭހުގެ ޝިޕްމަންޓްތައް ރާއްޖެ ނުގެނެވި ހުރުމާ ގުޅިގެން އެތަކެތި ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

މިވަގުތު އިންޑިއާގެ އެތެރޭގެ ދަތުރުފަތުރު އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފައިވުމުން ބޭސްތައް ހުރި ސިޓީތަކުން އެއްތަނަކަށް ގެންގޮސް، ރާއްޖެއަށް ބޭސް ގެނައުމުގައި ދަތިތަކެއް ހުރުމާ ގުޅިގެން، އެތަކެތި ގެނައުމަށް ރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ، އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ދަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ.

އެގޮތުން މާދަމާގެ ވަގުތެއްގައި އިންޑިއަން އެއަރފޯސްގެ މަތިންދާބޯޓެއްގައި އިންޑިއާގެ ނިއުދިއްލީ، މުމްބާއީ، ޗެންނާއީ އަދި މަދޫރާއީގައި ހުރި 8 ޓަނުގެ ބޭސް ރާއްޖެ ގެނައުމަށް އެއްތަނަކަށް ގެންދެވޭނެއެވެ. އަދި ބުރާސްފަތި ދުވަހު އިންޑިއަން އެއަރފޯސްގެ މަތިންދާބޯޓެއްގައި މިބޭސްތައް ރާއްޖެއަށް ގެނެވޭނެއެވެ.

މިއީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން އޯޑަރުކޮށްފައިވާ ބޭހުގެ ޝިޕްމަންޓަކެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބޭހުގެ 3 މަސްދުވަހުގެ ސްޓޮކެއް ހިލޭ އެހީގެ ގޮތުގައި އިންޑިއާއިން ދީފައިވެއެވެ. އަދި ލޮކްޑައުން ހާލަތާ ގުޅިގެން ކާޑުގެ ބައެއް ބާވަތްތައް ގެނައުމަށް ދިމާވި ދަތިތައްވެސް ހައްލުކޮށް، ކާޑުގެ ޝިޕްމަންޓްތައް ވަނީ ރާއްޖެ ގެނެސްފައެވެ.

މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރ މިއުވާން މުހައްމަދު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ވަރަށް ގިނަ މުދާ އިންޑިއާއިން އިމްޕޯޓްކުރަމުންދާއިރު، މިތަކެތި ރާއްޖެ ގެނައުމުގައި އެއްވެސް ދައްޗެއް ދިމާވިޔަ ނުދިނުމާ ބެހޭ ގޮތުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިދިޔަ ހަފްތާގައި އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ ސުބްރަމާނިއަމް ޖައިޝަންކަރާ މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

"ފޯނުން ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި އެއްވެސް މެދުކެނޑުމެއް ނެތި ބޭހުގެ ބާވަތްތަކާ ކާޑުގެ ބާވަތްތައް ރާއްޖެއަށް ލިބޭނެކަމުގެ ޔަޤީންކަން އިންޑިއާއިން ވަނީ މިނިސްޓަރ ޝާހިދަށް އަރުވާފައި. އެހެންކަމުން ލޮކްޑައުންގެ ހާލަތުގައިވެސް ރާއްޖެއަށް ކޮންމެހެން ބޭނުންވާ ބޭހުގެ ބާވަތްތައް ގެނައުމަށް ދެޤައުމުގެ ސަރުކާރުގެ މެދުގައި މަޝްވަރާކުރެވި، އިރާދަކުރެއްވިއްޔާ މިހަފްތާ ނިމުމުގެ ކުރިން ބޭސް ލިބޭ ގޮތް މިވީ"، މިއުވާން ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement