Advertisement

ދިވެހިންގެ ހެޔޮއެދުންތަކާއި އެކު ހަދިޔާކުރި 1800 މަސްދަޅުކޭސް ސީރިއާއަށް ފޮނުވައިފި

31 Mar 2020 | 22:16

ސިރިއާގައި ހާލުގައި ޖެހިފައިވާ މުސްލިމު އަޚުނާއި އުހުތުންނަށް ފިނިމޫސުމުގައި އެހީވުމަށްޓަކައި ދިވެހިންގެ ފަރާތުން މަސްދަޅު ހަދިޔާކުރުމުގެ ހަރަކާތެއް، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން ވަނީ ކުރިޔަށް ގެންގޮސްފައެވެ. މިގޮތުން 29 އޮކްޓޫބަރު 2019އިން ފެށިގެން 22 ޑިސެމްބަރު 2019އަށް ކުރިޔަށް ގެންދިޔަ ހަރަކާތުން 1800 ކޭސް މަސްދަޅު ހަމަކުރެވިފައިވެއެވެ. މިއީ އެއްކޮންޓެއިނާއެވެ. ދިވެހިންގެ ފަރާތުން ހާލުގައި ޖެހިފައިވާ ސީރިއާގެ ރައްޔިތުންނަށްދޭ މަސްދަޅުގެ މިހަދިޔާ ބެހުމަށް ހަމަޖެހިފައިވަނީ، އިންސާނީ އެހީދޭ ތުރުކީގެ ޖަމިއްޔާ އެއް ކަމުގައިވާ، އިންސާނީ ޔަރްދިމް ވަޤުފީ (އައިއެޗްއެޗް) މެދުވެރިކޮށެވެ. މިގޮތުން މަސްދަޅުކޭސްތައް މިހާރު ގުދަން ކުރެވިފައި ވަނީ އެޖަމިއްޔާ އިން ތުރުކީގައި ޤާއިމްކޮށްފައިވާ ގުދަނެއްގައެވެ.

އެންމެ ފުރަތަމަ މަސްދަޅު ބެހުމަށް ނިންމާފައި އޮތީ، ފިނިމޫސުމުގައި ކަމަށް ވީނަމަވެސް، މިމަސްދަޅު ކޮންޓެއިނާ އެޤައުމަށް ފޯރާފައި ވަނީ ފެބުރުވަރީމަހުގައެވެ. ސަބަބަކީ ފެތުރެމުންދާ ކޯވިޑް-19 ރޯގާގެ ސަބަބުންނާއި، ސިއްހީގޮތުން ބޭނުންވާ ލިޔެކިޔުންތައް ލިބުމުގައި ދިމާވި ދަތިތަކަކުން ނެވެ. .

ކުރިން މަސްދަޅު ބަހަން ނިންމާފައި އޮތީ ފިނިމޫސުމާއި ދިމާކޮށް ކަމުގައި ވީނަމަވެސް، ފިނިމޫސުމްވެސް ނިމުމަކަށް އައުމާއި ކުރިޔަށް އޮތީ ރަމަޟާންމަސް ކަމުގައި ވާތީ، މަސްދަޅު މިހާރު ބެހުމަށް ހަމަޖެހިފައިވަނީ މި ރޯދަމަހާއިގުޅިގެން ނެވެ.

ސީރިއާގައި ދަތި ހާލުގައި ދިރިއުޅެމުންދާ އަޚުންނާއި އުޚުތުންނަށް ދިވެހިރައްޔިތުންގެ ފަރާތުން މީގެ ކުރިންވެސް ވަނީ އެކި ފަހަރު މަތިން ފައިސާގެ ގޮތުންނާއި ތަކެތީގެ ގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން( އައި އޭ ސީ) ގެ ފަރާތުން މި ރަމަޟާން މަހާއި ދިމާކޮށް ވަނީ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައެވެ.

ހާއްސަ ގޮތެއްގައި ދުނިޔޭގައި ފެތުރިގެން މިދާ ކޯވިޑް-19 ރޯގާޔާއި ގުޅިގެން ބޭނުންވާ މުހިންމު އެހީތައް ފޯރުކޮށްދިނުންހިމެނެއެވެ. އިތުރު މަޢުލޫމާތު އައި އޭ ސީ ގެ ހޮޓްލައިން 9122121 މެދުވެރިކޮށް ލިބިވަޑައިގަންނަވާނެ އެވެ. 

Advertisement

ކޮމެންޓް