ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް 3 މަހުގެ އެލަވަންސެއްދެނީ!

01 Apr 2020 | 23:58

ކޮރޯނާ ވައިރަސް އާ ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް ތިން މަސް ދުވަހުގެ އެލަވަންސެއް މިމަހުން (އޭޕްރިލް) ފެށިގެން ދޭން ސަރުކާރުން ނިންމައިފި އެވެ.

މިކަން ހާމަކޮށްފައިވަނީ މިރޭ ދަރުބާރުގޭގައި ބޭއްވި ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ އަމީރެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ އެލެވަންސް ދޭނީ އޭޕްރީލް މަހުގެ 1ވަނަ ދުވަހުންފެށިގެން ކޯވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށްކަމަށެވެ. ނަމަވެސް ވަޒީފާ ގެއްލޭ މީހުންނަށް ދޭނެ އެލެވެންސްގެ ޢަދަދު މިނިސްޓަރ ހާމައެއް ނުކުރައްވައެވެ.

ވަޒީފާ ގެއްލޭ ފަރާތްތައް އަވަހަށް ރެޖިސްޓަރ ކުރައްވާ:

މީގެ އިތުރުން ސަރުކާރުން އިޢުލާންކޮށްފައިވާ 1.5 ބިލިއަން ރުފިޔާގެ “ސްޓިމިއުލެސް ޕެކޭޖް”އިން ރިސޯޓްތަކަށް ފައިސާ ދޫކުރާނީ އެރިސޯޓްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެކަމުގެ ޔަޤީންކަންދިނުމުންކަމަށެވެ. އަދި ރިސޯޓްތަކުން ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް ފައިސާ ދޭނީ “ސްޓިމިއުލަސް ޕެކޭޖު”ގެ ތެރެއެންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

“ވަރަށް މުހިންމު ކަމެއް ވަޒީފާ ގެއްލޭ މީހުން ރަޖިސްޓރީކުރުން. “ޓީމް”އިން އެބައޮތް ޢަދަދެއް ޙިއްސާކޮށްފައި ރިސޯޓުތަކުން ވަޒީފާ ގެއްލުނު މީހުން. އެހެންވެ މިދަންނަވަނީ ފޯމަލް މެކޭނިޒަމެއްގެ ތެރެއިން މިކަންކުރަން. އަޅުގަނޑު އެދެން ޖޮބް ސެންޓަރގައި ރަޖިސްޓްރީކުރުން.” މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ސަރުކާރުން އިލްތިމާސްކުރައްވަނީ ކޯވިޑް-19އާ ގުޅިގެން ވަޒީފާ ގެއްލޭ މީހުން އިކޮނޮމިކިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގައި ރަޖިސްޓްރީކުރުމަށެވެ. މިހާތަނަށް އެ ސެންޓަރުގައި ރަޖިސްޓްރީކޮށްފައިވަނީ 292 މީހުންނެވެ.

ސަރުކާރުން ފައިސާ ހޯދާދެގޮތެއް ހާމަކުރެއްވުން:

ސަރުކާރުން ފައިސާ ހޯދުމަށް ދެގޮތަކަށް މަސައްކަތްކުރައްވަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއްގޮތަކީ ދިވެހި ސަރުކާރުން ބޭރުގެ ޤައުމުތަކާ މަޝްވަރާކޮށް ފައިސާ ހޯދުމާއި ދެވަނަ ގޮތަކީ ބައިނަލްޢަޤްވާމީ މާލީ އިދާރާތަކާއި މަޝްވަރާކޮށްގެން ފައިސާ ހޯދުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަމީރު ވިދާޅުވިގޮތުގައި މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި 150 މިލިއަން ޑޮލަރުގެ ހިލޭ އެހީ ލިބޭނެކަމަަށް ލަފާކޮށްފައިވާއިރު އޭގެ ތެރެއިން 50 މިލިއަން ޑޮލަރު ލިބިފައިވާކަމަށެވެ. މިނިސްޓަރ ވަނީ ބާކީ އޮތް ޢަދަދުވެސް ލިބޭނެކަމުގެ ޔަޤީންކަން އޮތްކަމަށް ވިދާޅުވެފައެވެ.

އަންނަ ހަފްތާއިންފެށިގެން ސަރުކާރުގެ “ސްޓިމިއުލަސް ޕެކޭޖު”ގެ ފައިސާ ދޫކުރަން ހަމަޖެހިފައިވާކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް