Advertisement

ޤައިދީންނަށާއި ބަންދުމީހުންނަށް ވީޑިއޯ ކޯލް މެދުވެރިކޮށް ޢާއިލާއާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި

04 Apr 2020 | 19:10

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނަށާއި ބަންދުމީހުންނަށް ވީޑިއޯ ކޯލް މެދުވެރިކޮށް ޢާއިލާއާ ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ވީޑިއޯ ކޯލް ދިނުމުގެ މަޤްސަދަކީ، ދިމާވާ ކުއްލި ޙާއްލަތްތަކުގައި، ޢާއިލީ ބައްދަލުވުން މިސަރވިސްއިން މެދުކަނޑާލަން ޖެހޭ ޙާލަތްތަކުގައްޔާއި، ޢާއިލީ ބައްދަލުވުންތަކަށް ޖަލަށް ޒިޔާރަތް ނުކުރެވޭ ޢާއިލާތަކަށާއި އަދި އެނޫންވެސް ޟަރޫރީ ޙާލަތްތަކުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ޢާއިލާ މެމްބަރުންނާ ބައްދަލުކޮށް ޢާއިލާއާ އޮންނަ ގުޅުމަށް ހީނަރުކަމެއް އަޔަނުދީ، އެގުޅުން ހެޔޮގޮތުގައި ދެމެހެއްޓުންކަމަށް ކަރެކްޝަންސްއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، އެ ސަރވިސްއިން އެއްވެސް ޙާލަތަކާ ގުޅިގެން ވަކީލު ބައްދަލުވުންތައް މެދުކަނޑާލަން ޖެހިއްޖެ ނަމަ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވަކީލުންނާ ވެސް ބައްދަލު ކުރެވޭނެ ގޮތްވެސް ވަނީ ހަމަޖައްސާފައެވެ.

އަލަށް އެކުލަވާލެވުނު އުސޫލުގައިވާ ގޮތުން ކޮންމެ ޤައިދީއަކަށާއި ބަންދުމީހަކަށް ޢާއިލީ ބައްދަލުވުމުގެ ގޮތުގައި “ސްކައިޕް” މެދުވެރިކޮށް މަހަކު 2 ފަހަރު 15 މިނެޓުގެ ވީޑިއޯ ކޯލެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ވީޑިއޯ ކޯލުގެ ފުރުޞަތު ލިބިގެންދާނެ އިތުރު ޙާލަތްތަކެއް ވެސް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އެ ގޮތުން ޢާއިލާ މެމްބަރަކު ބަލި ޙާލަތު ބޮޑުވެ އެޑްމިޓްކޮށްފައިވަނިކޮށް، ޤައިދީ ނުވަތަ ބަންދުމީހާ ނުގެންދެވުމާއި ޢާއިލާ މެމްބަރެއްގެ ޖަނާޒާގައި ބައިވެރިވުމަށް ނުގެންދެވުމާއި އަނިބިމީހާ ވިހެއުމާ ގުޅިގެން ނުގެންދެވުމާއި ދަރިފުޅު ހިތާނަ ކުރުމާ ގުޅިގެން ނުގެންދެވޭ ހާލަތްތަކުގައި ވެސް 15 މިނެޓުގެ ވީޑިއޯ ކޯލެއް ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

ވީޑިއޯ ކޯލް މެދުވެރިކޮށް އާއިލީ ބައްދަލުވުމަށް ހޯދަން އެދޭ ފަރާތްތަކުން 2020 އޭޕްރީލް 05 ވަނަ ދުވަހުން ފެށިގެން އެކަމަށް އެދި ފޯމް ހުށަހެޅުމުން އެ ބައްދަލުވުމުން އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މިކަމަށް އެދޭ ފޯމް މިސަރވިސްގެ ވެބްސައިޓް www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ފޯމް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމޭލް ކުރުމުން ބައްދަލުވުމެއް ހަމަޖެހިގެންދާނެއެވެ. އަލަށް އެކުލަވާލި މި އުސޫލު މިސަރވިސްގެ ވެބްސައިޓުން https://corrections.gov.mv/aanmu-usoolu އިން ފެނިވަޑައިގަންނަވާނެއެވެ.

Advertisement

ކޮމެންޓް