Advertisement

އައިއޭސީން ކޮވިޑް-19 އާއި ގުޅިގެން މީހުންނަށް އެހީވުުމުގެ ޚާއްސަ ކެމްޕޭނެއް ފަށައިފި

04 Apr 2020 | 19:06

ލޯތްބާއެކު 2020 ޕެންޑެމިކް ރިލީފްގެ ނަމުގައި އެހީގެ ބޮޑު ކެމްޕޭނެއް ފަށައިފިއެވެ.

 ލޯތްބާއެކު ކެމްޕޭނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ އަޙުންނާއި އުޙްތުންނަށް އެހީތެރިވުމުގެ ގޮތުން 2018 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ ފަރާތުން ކުރިޔަށް ގެންދާ ހަރަކާތެކެވެ.

 އެގޮތުން މި ކެމްޕޭނުގެ ދަށުން 2018 ވަނަ އަހަރު ފަލަސްތީނުގެ ލޮބުވެތި އަޙުންނާއި އުޙްތުންނަށް ކާބޯތަކެތީގެ އެހީތެރިކަމާއި އެކު ފެން ރައްކާ ކުރާނެ ހަން އަދި ގޭބީސީ ތަކުގައި ބޭނުން ކުރެވޭ ފަދަ ބެޓަރީއާއި ލެޑް ލައިޓް ފޯރުކޮށްދީ އިންސްޓޯލް ކޮށްދީފައިވެއެވެ. 2019 ވަނަ އަހަރު މި ކެމްޕޭން ޙާއްސަކުރެވިފައިވާނީ ސީރިޔާ އަދި ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށެވެ. އެގޮތުން 2019 ވަނަ އަހަރު އެ ދެ ގައުމުގެ ރައްޔިތުންނަށް ވަނީ ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އައިއޭސީ ގެ އިންޓަނޭޝަނަލް ރިލޭޝަން ޑިރެކްޓަރ މުޙައްމަދު އަލީ މަޢުލޫމާތު ދެއްވި ގޮތުގައި މި އަހަރުގެ ކެމްޕޭން މި މަހުގެ 1 ވަނަ ދުވަހު އިއުލާން ކޮށްފައި ވަނީ " ލޮތްބާއެކު 2020 ޕެންޑެމިކް ރިލީފް" ގެ ނަމުގައެވެ. މި ކެމްޕޭން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މޭ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. ބަލިމަޑު ކަމުގެ ކާރިސާ ކަމަށްވާ ކޮވިޑް 19 ގެ ސަބަބުން، ބޭރުތެރޭގައި މީހުން އެއްވެ އެޅޭގޮތަށް ހިންގޭ އެއްވެސް ހަރަކާތެއް ނުހިންގާނެ ކަމަށް އައިއޭސީއިން ހާމަކުރެއެވެ.

މި އަހަރުގެ ކެމްޕޭން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިހާރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް 19 ރޯގާގެ ބަލިމަޑު ކަމަށް ޙާއްސަ ކޮށްގެން ކަމަށްވާތީ އައިއޭސީއިން ފޯރުކޮށްދޭ އެހީތެރިކަމުގެ ޕެކޭޖުގެ ތެރޭގައި ޙާއްސަ ހައިޖީން ޕެކެއް ހިމަނާފައިވާނެއެވެ. އައިއޭސީއިން މަޢުލޫމާތުދޭ ގޮތުގައި ޖުމުލަ 60 ޑޮލަރަަށް 6 މީހުންގެ އާއިލާއަކަށް އެއް މަސް ދުވަހުގެ ކާބޯތަކެތީގެ އިތުރުން އެއް މަހުގެ ހައިޖީން ޕެކެއް ދެވޭނެ އިންތިޒާމް ހަމަޖައްސާފަވެއެވެ. އައިއޭސީގެ އެކައުންޓް ނަންބަރު 7770000026259 މެދުވެރިކޮށް މި ކެމްޕޭނަށް ޑޮނޭޓް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ކެމްޕޭނާއި ބެހޭ އިތުރު މަޢުލޫމާތެއް ބޭނުންނަމަ އައިއޭސީގެ ހޮޓްލައިން ނަންބަރު 9122121 ގުޅޭނެއެވެ.

މި އަހަަރުގެ ކެމްޕޭން ޙާއްސަ ކުރެވިފައިވަނީ ޖުމުލަ 6 ގައުމަކަށެވެ. އެގޮތުން މި ކެމްޕޭން ޙާއްސަ ކުރެވިފައިވަނީ ނޭޕާލް، ޔުގެންޑާ، ސީރިޔާ، ފަލަސްތީނު، ޔަމަން އަދި ބަންގްލަދޭޝް އާއި މެލޭޝިއާގައި ތިބި ރޮހިންޔާ އަށް ނިސްބަތްވާ ރެފިއުޖީންނަށެވެ. އައިއޭސީއިން މަޢުލޫމާތުދޭ ގޮތުގައި، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީގެ ތަކެތި ފޯރުކޮށް ދިނުމުގައި ބޭރުގެ 10 އެންޖީއޯއަކުން ބައިވެރިވާން ހަމަޖެހިފައިވެއެވެ. މީގެއިތުރުން އިންޓަނޭޝަނަލް ފަންޑް ހޯދުމާއި އެއްކުރުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ޔޫކޭގެ އެންޖީއޯއެއް ކަމަށްވާ އޮލިވް ގްރޯވް ހަމަޖެހިފައިވެއެވެ.

Advertisement

ކޮމެންޓް