ފިޔާ، ބިސް އަދި އަލުވީގެ އަގު ކޮންޓްރޯލްކޮށްފި، އަގުބޮޑުކޮށް ވިއްކާނަަމަ އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކުރާނެ!

04 Apr 2020 | 19:02

އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ދިވެހިރާއްޖޭގައި ފިޔާ، ބިސް، އަލުވި، އަދި ރީނދޫ މުގު ވިއްކޭނެ އެންމެ ބޮޑުއަގު ކަނޑައަޅައިފިއެވެ.

އެ މިނިސްޓްރީގެ ފަރާތުން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މިމަހުގެ ހަވަނަ ދުވަހުން ފެށިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ފިޔާ އަދި އަލުވި ކިލޯއެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 20 ރުފިޔާއެވެ. ބިހެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 1.80 ރުފިޔާކަމަށް ކަނޑައަޅާފައިވާއިރު، ރީނދޫ މުގު ކިލޯއެއް އެންމެ ބޮޑުކޮށް ވިއްކޭނެ އަގަކީ 45 ރުފިޔާއެވެ.

މި އަގަށްވުރެ ބޮޑުކޮށް މިތަކެތި ވިއްކާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ވަނީ ނިންމާާފައެވެ.

އެގޮތުން ކޮންޓްރޯލްކޮށްފައިވާ އަގަށްވުރެ ބޮޑަށް ވިއްކާާ ފުރަތަމަ ފަހަރު އެ ފަރާތެއް ގިނަވެގެން 100,000 ރުފިޔާ އިން ޖޫރިމަނާކުރާނެއެވެ. އަދި ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު އެ ފަރާތް އެންމެ ގިނަވެގެން 100,000 ރުފިޔާއިން ޖޫރިމަނާކޮށް، ހަ މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ވިޔަފާރިކުރާ ތަން ބަންދުކުރުމަށް މިނިސްޓްރީން އަންގާނެކަމަށް ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ބާޒާރުމަތީގައި ވަނީ ބިސް، ފިޔާ އަދި އަލުވީގެ އަގުތައް ވަރަށް ބޮޑަށް އުފުލިފައެވެ. މިކަން ހައްލުކުރުމަށް ސަރުކާރު ހިއްސާވާ އެސްޓީއޯއިންވެސް ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ.

Advertisement

ކޮމެންޓް