ކޮވިޑް-19 އާއި ގުޅިގެން ވޯލްޑް ބޭންކުން ރާއްޖެއަށް 7 މިލިޔަން ޑޮލަރުގެ އެހީއެއް ދެނީ

04 Apr 2020 | 19:02

 ކޮވިޑް-19 އިން ރައްކާތެރިވުމަށާއި، މި ބަލި ދެނެގަނެ، މި ބައްޔާ ދެކޮޅަށް މަސައްކަތްކުރުމަށް ދިވެހިރާއްޖެ އަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 7.3 މިލިއަން ޑޮލަރުގެ އަގުހުރި 'މޯލްޑިވްސް ކޮވިޑް-19 އިމަޖެންސީ ރެސްޕޮންސް އެންޑް ހެލްތު ޕްރިޕެއާޑްނެސް ޕްރޮޖެކްޓް' ވާލްޑް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފި އެވެ.

މި މަޝްރޫޢުގެ އިތުރުން، ކުރިމަތިވާ ކާރިޘާތަކާއި ކުއްލި ޙާލަތްތަކުގައި މާލީ ގޮތުން އެހީތެރިވުމަށްޓަކައި ދިވެހިރާއްޖެއާ އެކު 2019 ވަނަ އަހަރު ސޮއިކޮށްފައިވާ، ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕޮލިސީ ފައިނޭންސިން ވިތު އަ ކެޓެސްޓްރޮފީ ޑިފާޑް ޑްރޯޑައުން އޮޕްޝަން (ކެޓް ޑީޑީއޯ) ގެ ދަށުން، 10 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ވެސް ދިވެހިރާއްޖެ އަށް ވަނީ ހަމަޖައްސައިދެވިފައެވެ.

އަވަސް އެހީގެ ގޮތުގައި ދެވޭ 7.3 މިލިއަން ޑޮލަރުގެ ޕެކޭޖުގެ ދަށުން، ކޮވިޑް-19 ބަލި ޖެހޭ ފަރާތްތަކަށް އެކަށީގެންވާ ފަރުވާ ދިނުމަށާއި، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންކުރެވޭ އާލާތްތަކާއި ޞިއްހީ ފަރުވާ ދިނުމަށް ބޭނުންކުރެވޭ ތަކެތި ހޯދުމަށާއި، ބާރުބޮޑުވާ ހާލަތްތަކުގައި ވެސް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދެވޭކަން ކަށަވަރުކުރުމުގައި ހޮސްޕިޓަލްތަކަށް އެހީތެރިވުމާއި، ކޮރޯނާވައިރަސް ދެނެގަތުމަށްޓަކައި މާލެ އާއި އަތޮޅުތަކުގައި ހުރި ލެބޯޓްރީތަކުގެ ޤާބިލްކަން އިތުރުކުރުމަށާއި، އަދި ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާދިނުމުގައި ހަރަކާތްތެރިވާ ޞިއްހީ ޚިދުމަތްތެރިން ތަމްރީންކުރުމުގައި ދިވެހިރާއްޖެ އަށް އެހީތެރިވެދެވޭނެއެވެ.

މީގެ އިތުރުން، ތޮށްޖެހިފައިވުމުގެ ސަބަބުން ބަލި ފެތުރިގެންދިއުމުގެ ފުރުސަތު އެންމެ ބޮޑު ސަރަޙައްދު ކަމަށްވާ މާލެ އަށް ޚާއްސަ ސަމާލުކަމެއް ދީގެން، ޢާންމު ހޭލުންތެރިކަން އިތުރުކުމާއި، މުޖުތަމަޢުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި، އަދި މި ބަލިން ރައްކާތެރިވެ ތިބުމަށްޓަކައި ދިރިއުޅުމުގެ އާދަތަކަށް ގެންނަންޖެހޭ ބަދަލުތަކަށް މީހުން އަހުލުވެރިކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދެވޭނެކަމަށް ވޯލްޑް ބޭންކުން މައުލޫމާތުދެއެވެ.

"ކުއްލި ހާލަތުގައި ވާލްޑް ބޭންކުން ފޯރުކޮށްދޭ މި އެހީގެ ސަބަބުން، ކޮވިޑް-19 ގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށާއި، ޞިއްހީ ޚިދުމަތްތައް ހަރުދަނާކުރުމަށާއި، އަދި އެންމެހާ ދިވެހިން ސަލާމަތްކޮށް ފަރުވާދިނުމަށް ބޭނުންވާ ޞިއްހީ ފަރުވާގެ ތަކެތި ހޯދުމަށް ދިވެހި ސަރުކާރަށް އެހީތެރިވެދެވޭނެ،" ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު އައިޑާ ސްވަރާއީ-ރިޑިހޯ ވިދާޅުވި އެވެ.

މި މަޝްރޫޢު ހިންގުމަށް ބޭނުންވާ ފައިސާ ހަމަޖެހިގެންދާނީ، ކޮވިޑް-19 އާ ދެކޮޅަށް ދުނިޔޭގެ ކަންކޮޅުތަކުގައި ކުރެވެމުން އަންނަ މަސައްކަތްތަކަށް އެހީތެރިވުމަށް ވާލްޑް ބޭންކް ގްރޫޕުން ކަނޑައަޅާފައިވާ އަވަސް އެހީގެ ފެސިލިޓީގެ ދަށުން، ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ވާލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިންނެވެ.

މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، ވާލްޑް ބޭންކުން ދިވެހިރާއްޖޭގައި މިހާރު ވެސް ކުރިއަށްގެންދާ މަޝްރޫޢުތަކުގައި ޝާމިލްވާ ފަރާތްތަކުގެ އެހީތެރިކަމާ އެކު، މިނިސްޓްރީ އޮފް ހެލްތުންނެވެ.

Advertisement

ކޮމެންޓް