Advertisement

ކޮވިޑް-19 އާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ލަންކާގެ ބޮޑުވަޒީރާއި ދެމެދު މަޝްވަރާކުރައްވައިފި

04 Apr 2020 | 19:13

ކޯވިޑް-19 ޕެންޑެމިކް އާއި ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އަށް ފޯނުން ގުޅުއްވާ މަޝްވަރާކުރައްވައިފިއެވެ.

މިއަދު ހެނދުނު ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައި، ދެ ބޭފުޅުންވެސް ވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ މި ނުރައްކާތެރި ޙާލަތުން އަރައިގަތުމަށް ދެ ޤައުމުންވެސް އަޅާފައިވާ އަދި އަޅަމުންގެންދާ ހަރުދަނާ ފިޔަވަޅުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ކޯވިޑް-19 ބަލި ބާރަށް ފެތުރެންފަށައިފި ނަމަ ކުރިމަތިވެދާނެ ދަތިތަކާބެހޭގޮތުން މަޝްވަރާކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ އާއި ލަންކާގެ ބޮޑުވަޒީރު ވަނީ ބަލި ފެތުރޭ މިންވަރަށް ފަރުވާދޭ ވަޞީލަތްތައް އިތުރުކުރުމާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ހަމަ އެއާއެކު، ކުއްލިއަކަށް ބަލިމީހުން އިތުރުވެދާނެ ޙާލަތަކަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ބަލިމީހުންނަށް ބޭނުންވާނެ އެނދާއި، އެހެނިހެން ވަޞީލަތްތައް ފޯރުކޮށްދެވޭނެ ގޮތްތަކާއި ބެހޭގޮތުންނާއި، އަދި ބަލިން ރައްކާތެރިވުމުގެ ގޮތުން މިހާރުވެސް އަމަކުރަމުންގެންދާ ގޮތްތައް ކަމުގައިވާ ބޭރަށް ނިކުމު އުޅުމުގައި ގައިދުރުކަމަށް އިސްކަންދިނުން ފަދަ ރައްކާތެރިވުމުގެ ގޮތުން އެޅެންހުރި ފިޔަވަޅުތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައި ވެއެވެ.

މީގެ އިތުރުން ދެ ބޭފުޅުން ވަނީ ދެޤައުމުން ވެސް، ބައެއް ދަތުރުފަތުރު ހުއްޓާލުންފަދަ ހަރުދަނާ ފިޔަވަޅުތަކާއި،މިދުވަސްވަރު ގައިދުރުކަން ބެހެއްޓުން ފަދަ ކަންކަމަށް ބާރުއަޅާ ފިޔަވަޅުތައް އަޅާފައިވާކަން ފާހަގަކުރައްވާފައެވެ.

އޭގެ އިތުރުން ދެޤައުމުގެ ލީޑަރުންވެސް ވަނީ މި ހާލަތުން އަރައިގަތުމަށް އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަމަށާއި، ދެޤައުމުގެ ދޭދޭ ގުޅުން އިތުރަށް ވަރުގަދަކުރުމާއި، މި ސަރަހައްދަށް ކުރިމަތިވާ ދަތިތަކުން ސަލާމަތްވުމަށް ސަރަހައްދުގެ ޤައުމުތައް ގުޅިގެން އެކުގައި މަސައްކަތްކުރުމަށް ބާރުއަޅުއްވައި ވާހަކަފުޅު ދައްކަވާފައެވެ.

Advertisement

ކޮމެންޓް