Advertisement

ކޮވިޑް-19 ގެ އުސްއަލި: ބައެއް ރިސޯޓްތަކާއި ސަފާރީތަކުގެ މުވައްޒަފުންނަށް ފޭބުމުގެ ފުރުސަތުދީފި

05 Apr 2020 | 23:18

ދިވެހިރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 19 އަށް ޕޮޒިޓިވްވެފައިވާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މިރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް 1573 ސާމްޕަލް ނެގިފައިވާ ކަމަށެވެ. މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި 12މީހުން ތިބިއިރު، ކަރަންޓީން ފެސިލިޓީތަކުގައި ތިބީ 809 މީހުންކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ. ކަރަންޓީން ފެސިލިޓީތަކުގައި ތިބި ބައެއް ފަރާތްތައް ވަނީ ސާދަ ދުވަހުގެ މުއްދަތު ނިމުމުން އިއްޔެއާއި މިއަދު ޓެސްޓްކުރުމަށްފަހު ދޫކޮށްލާފައެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ރިސޯޓްތަކާާއި ސަފާރީތަކުގައި ތިބި މުވައްޒަފުންނަށް އެތަންތަނުން ފޭބުމުގެ ހުއްދަ ދެވުނުކަމަށް ވަނީ ހާމަކޮށްފައެވެ.

މިއާއި، މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކޮށްލެވުނު އެހެން އުސްއަލިތަކަށް މި ހިސާބުން ބަލާލާނަމެވެ.


ބައެއް ރިސޯޓްތަކާއި ސަފާރީތަކުން މުވައްޒަފުން ފޭބުމުގެ ހުއްދަ ދީފި

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ އެންމެ ފަހުގެ ފަތުރުވެރިޔާ ފުރިތާ 14 ދުވަސް ފުރިހަމަވުމުން ފަނަރަ ރިސޯޓަކަށާއި ނުވަ ސަފާރީއަކަށް، އެތަންތަނުން މުވައްޒަފުން ފޭބުމުގެ ހުއްދަ މިއަދު ދެވުނު ކަމަށެވެ.

ނަމަވެސް މިފަރާތްތަކަށް އެހެން ރަށަކަށް ދެވޭނީ ކޮވިޑަށް ޓެސްޓްކުރުމަށް ފަހުގައެވެ.


މިދިޔަ މަހުގައި އަނިޔާގެ މައްސަލަތައް ރިޕޯޓްކުރި މިންވަރު ދަށްވެއްޖެ

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖެންޑާ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ މިިދިޔަ މާޗް މަހުގައި އަނިޔާގެ މައްސަލަތައް ރިޕޯޓްކުރެވުނު މިންވަރު އަހަރުގެ އެހެން މަސްތަކާއި އަޅާބަލާއިރު މަދުކަމަށެވެ. އެގޮތުން މިދިޔަ މަހުގައި ގެވެށި އަނިޔާގެ 26 މައްސަލައަކާާއި، ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ 101 މައްސަލަ ރިޕޯޓް ކުރެވުނުކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެކަމަނާ ވިދާޅުވީ އުންމީދުކުރައްވަނީ މިދިޔަ މަހުގައި ހިނގައިދިޔަ އަނިޔާގެ މައްސަލަތައް މަދުވެގެންދިޔަ ކަމަށް ކަމަށާއި ނަމަވެސް ފަހަރުގައި އެއީ ހަގީގަތަަކަށް ނުވެދާނެކަމަށެވެ. އެގޮތުން އަނިޔާކުރާ ފަރާތްތަކާއި އެކު ގިނައިން ގޭގައި އުޅެންޖެހުމުން ރިޕޯޓްކުރާ މިންވަރު މަދުވުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ޖެންޑާ މިނިސްޓަރ ވިދާޅުވިއެވެ.

މިއީ އެޕްރީލް މަހުގެ ފަސްވަނަ ދުވަހުގެ ރޭ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގެ އުސްއަލިތަކެވެ.

Advertisement

ކޮމެންޓް

Advertisement