ކޮޗިންއާއި ޓްރިވެންޑްރަމްގައި ތިބި ދިވެހިންނަށް ކެއަރ ޕެކޭޖް ފޮނުވުމުގެ ފުރުސަތު ހުޅުވާލައިފި

09 Apr 2020 | 13:21

އިންޑިއާގެ ކޮޗިންއާއި ޓްރިވެންޑްރަމްގައި ތިބި ދިވެހިންނަށް ކެއަރ ޕެކޭޖް ފޮނުވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާާޒްއިން ބުނީ ކޮޗިން އަދި ޓްރިވެންޑްރަމްގައި ދިރިއުޅޭ ގިނަ ދިވެހިންނަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ލިބުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާތީ، އެ ފަރާތްތަކަށް އެހީވުމުގެ ގޮތުން، އެޕްރީލް މަހުގެ އެގާރަވަނަ ދުވަހުގައި ދަތުރުކުރާ މޯލްޑިވިއަންގެ ފްލައިޓެއްގައި ދިވެހި އާއިލާތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެގޮތުން ތަރުތީބު ދެވޭނީ ފޯމް ހުށައަޅާ ތަރުތީބުން ފުރަތަމަ ފޯމް ހުށައަޅާ 600 ފަރާތަކަށް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

މިގޮތުން ފޮނުވާ ތަކެތި ބަލައިގަންނާނީ އެއާޕޯޓުގެ ޑިޕާޗާ ހޯލް ކައިރީގައި ބެހެއްޓޭ ޚާއްސަ ކައުންޓަރުތަކަކުން، 10 އެޕްރީލްވާ ހުކުރު ދުވަހުގެ ހެނދުނު 8 އިިން މެންދުރު 11:00 އަށް އަދި މެންދުރުފަހު 14:00އިން ފެށިގެން 18:00 ދެމެދުގައެވެ.

ފޮރިން މިނިސްޓްރީން އާންމުކޮށްފައިވާ އުސޫލްގައިވާ ގޮތުގައި ކާގޯގެ ގޮތުގައި ކޮންމެ އާއިލާއަކަށް ގިނަވެގެން ފޮނުވޭނީ 15 ކިލޯގެ އެއްޗެހިއެވެ. ކާގޯގެ ގޮތުގައި ފޮނުވޭނީ ކޮޗިން އަދި ޓްރިވެންޑްރަމުން ލިބެން ނެތް ބޭހެއް، ނުވަތަ އެހެނިހެންވެސް ޒަރޫރީ ބޭނުމުގައި ފޮނުވާ ތަކެއްޗެވެ.

އެގޮތުން ފޮނުވޭނެ ބައެއް ތަކެތިކަމަށް ކަނޑައަޅާފައިވަނީ ބޭސް ސިޓީއޮތް ޑޮކްޓަރީ ބޭސް، މަސްދަަޅު ކޭސް، ނޫޑްލްސް ކޭސް، ރިހާކުރު (ހަމައެކަނި މިފްކޯ ނުވަތަ އެންޒީގެ އޮރިޖިނަލް ޕެކިންގގައި ހުންނަ ފުޅި)، އަދި މަސްފަތް، ފަތް ޕެެކެޓުފަދަ ފިހާރަތަކުން ވިއްކާ ބަންދުކުރެވިފައިވާ ކާބޯތަކެއްޗެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި ފައިސާ، ރޯމަސް، ކޭކު، މޭވާ އަދި ތަރުކާރީ ފަދަ ތަކެތި ނުފޮނުވޭނެއެވެ. މިިނިސްޓްރީން ވަނީ ފޮނުވާ ފަރާތް އަދި ލިބެންވީ ފަރާތުގެ މައުލޫމާތު މިނިސްޓްރީން ތައްޔާރުކޮށްފައިވާ ފޯމްގައި ފުރިހަމަކުރުމަށްފަހު ހުށައަޅަން ވާނެއެވެ. މިތަކެއްޗަށް އެއްވެސް އުޖޫރައެއް ނުނަގާާނެއެވެ.

މިތަކެއްޗާއި އިންޑިޔާއިން ހަވާލުވާނީ އެގައުމުގައި ހުންނަ ދިވެހި ހައިކޮމިޝަން އަދި ކޮންސިއުލޭޓުންނެވެ. މިތަކެތި ލިބެންވާ ފަރާތްތަކަށް ރައްދުކުރާާނީވެސް ހައިކޮމިޝަނުންނެވެ.

ކޮޗިން އަދި ޓްރިވެންޑްރަމަށް ތަކެތި ފޮނުވަން ބޭނުންވާ ފަރާތްތައް ފުރިހަމަ ކުރަން ޖެހޭ ފޯމްގެ ލިންކް ތިރީގައި މިވަނީއެވެ.

https://register.foreign.gov.mv/index.php/en/consular/cargo-request-form-india

Advertisement

ކޮމެންޓް