ކޮވިޑް-19ގެ އަލާމާތްތައް ފެނުމުން ސިއްރުކުރާކަމުގެ ތުހުމަތުތަކެއް!

09 Apr 2020 | 23:39

ރިސޯޓްތަކުގައި ތިބި މުވައްޒަފުންގެ ކިބައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނުމުން އެކަން ނާންގާ ސިއްރުކުރާކަމުގެ ތުހުމަތުތަކެއް ސަރުކާރުގެ ފަރާތުން މިރޭ ފެންމަތިކޮށްފިއެވެ.

މިރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ 14 ދުވަސް ވާން ކައިރި ވުމުން ނުވަތަ 14 ދުވަސް ވުމުން މައުލޫމާތު އެއްކުރާއިރުގައި، ބަލީގެ އަލާމާތްތައް ހުންނަ ފަރާތްތަކުން އަވަހަށް ލޮކްޑައުން ނިންމާލުމަށްޓަކައި އެކަން ނާންގާާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިނިސްޓަރ ވަނީ އެފަދައިން އަމަލުނުކުރުމަށް ރިސޯޓްތަކުގެ މުވައްޒަފުންގެ ކިބައިން ޚާއްސަކޮށް އެދިވަޑައިގެންފައެވެ.

އަމީން ވަނީ ބަލީގެ އަލާމާތްތައް ހުރެ އެކަން ސިއްރުކުރުމުގެ ސަބަބުން ގިނަބަޔަކު ނުރައްކަލަށް ހުށައެޅިގެންދާކަމަށް ވިދާޅުވެފައެވެ.

"މި ބަލީގެ އަލާމާތްތައް ހުރި ފަރާތްތަކުން އެކަން ސިއްރުނުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދަންނަވާލަން"، އަމީން ވިދާޅުވިއެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ މިހާރު ދިވެހިރާއްޖެ އޮތް ހާލަތަށް ބަލައި ޕޮޒިޓިވް ކޭސްތައް ރިޕޯޓްނުކުރާތާ ގިނަ ދުވަަސްވުމުން ކޮވިޑް-19 ރާއްޖޭގައި ނެތްކަމަށް ބުނަން ދަތިކަމަށެވެ. އަދި ހާލަތު ރަނގަޅުކަމަށް ބުނަން މާ އަވަސްކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާާތަނަށް ކޮވިޑް-19 ޖެހިފައިވަނީ 19 މީހުންނަށެވެ. އޭގެ ތެރެއިން މިހާރު ރާއްޖޭގައި ފަރުވާދެމުންދަނީ އެންމެ ހަތަރު މީހުންނަށެވެ އެއީ ހުސް ދިވެހިންނެވެ.

Advertisement

ކޮމެންޓް

Advertisement