ސައުދީގައި ބާރުމިނުގައި ކޮވިޑް19 ފެތުރެނީ، ދަރިވަރުން އެދެނީ ރާއްޖެ ދަތުރުކުރާ ސައުދީ ފްލައިޓްގެ ޖާގައަކަށް!

11 Apr 2020 | 19:38

ދުނިޔޭގައި ބާރުމިނެއްގައި ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން ސައުދީ އަރަބިއްޔާގެ މަދީނާގެ، މަދީނާ ޔުނިވާސިޓީގައި ތައުލީމް ހާސިލްކުރަމުން އަންނަ ދަރިވަރުންގެ ކަންބޮޑުވުންތައް "ވޮއިސް" އާއި ހިއްސާކޮށްފިއެވެ.

މަދީނާ ޔުނިވާސިޓީގައި ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރެއް "ވޮއިސް" އަށް މަދީނާގެ ހާލަތާއި ގުޅިގެން ކިޔައި ދިން ގޮތުގައި މަދީނާއަކީ ސައުދީ އަރަބިއްޔާގެ އެންމެ ބާރު މިނެއްގައި ކޮވިޑް19 ފެތުރެމުން އަންނަ ޝަހަރުކަން ވަނީ ފާހަގަކޮށްފައެވެ. އަދި ސައުދީ ސަރުކާރުން މިކަމާއި ގުޅިގެން އެ ޔުނިވާސިޓީގައި ތައުލީމް ހާސިލްކުރަމުން އަންނަ ދަރިވަރުންނާއި އަންނަނީ ވަރަށް ގާތުން ހާލުބަލައި، ކަންކަން އޮޅުންފިލުވަމުންކަން އޭނާ ފާހަގަކޮށްފައިވެއެވެ. މިއާއެކު މަދީނާ ޔުނިވާސިޓީގައި ތައުލީމު ހާސިލްކުރަމުން އަންނަ ދަރިވަރުން ދިވެހި ސަރުކާރުގެ އެންބަސީއާއި ވަރަށް ގާތުން މުއާމަލާތްކުރަމުން އަންނަކަމަށްވެސް އޭނާ މައުލޫމާތުދިނެވެ.

ސައުދީގެ ކޮވިޑް ޖެހުނު މީހުންގެ މިއަދުގެ ހިސާބު


ސައުދީ ސަރުކާރުން ޓިކެޓް ހަމަޖައްސައިދޭނެ، ދަރިވަރުން ދިވެހި ސަރުކާރުގެ ފެހި ސިގްނަލްއެއްގެ އިންތިޒާރުގައި

މަދީނާ ޔުނިވަސިޓީގައި ތައުލީމް ހާސިލްކުރަމުން އަންނަ ދަރިވަރު މަޢުލޫމާތު ދިން ގޮތުގައި އޭޕްރީލް މަހުގެ 5 ވަނަ ދުވަހު މަދީނާގައި މިވަގުތު ތިބި 60 ކުދިން ރާއްޖެ އަންނަން ބޭނުންވެގެން އެކަން ސިޓީއެއްގެ ޒަރީޔާއިން އެކުދިންވަނީ އެމްބަސީއަށް އަންގާފައިވާކަމަށް ބުނެފައިވެއެވެ. އެ ދަރިވަރުން މިވަގުތު ރާއްޖެއަންނަން ބޭނުންވަނީ އެކުދިން ދިރިއުޅޭ ޔުނިވަރސިޓީ ކެމްޕަހުގައި އެ ބައްޔަށް ޝައްކުކުރެވޭ ފަރާތްތަކެއް އެކަހެރިކުރެވިފައިވާތީކަމަށާއި، މަދީނާއަކީ މިވަގުތު އެންމެ ބާރަށް ކޮވިޑް-19 ފެތުރެމުން އަންނަ ސަހަރުކަމަށްވުމުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެކުދިން ފޮނުވި ސިޓީގެ ޖަވާބުގައި އެމްބަސީން އެކުދިންނަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، ދިވެހިރާއްޖޭގައި ތިބި ސަޢޫދީ ޢަރަބިއްޔާގެ 115 މީހުން ރާއްޖެއިން އެޤައުމަށް ގެންދިއުމަށް ފުލައިޓެއް ދަތުރުކުރަން ހަމަޖެހިފައިވެއެވެ. އަދި އެކުދިންނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހޮނިހިރު ދުވަހު އެފުލައިޓު ދިވެހިރާއްޖެއަށް ދަތުރުކުރާނެ ކަމުގައެވެ.

މަދީނާ ޔުނިވަރިސޓީގައި ތިބި ކުދިންގެ ސިޓީގައި ފާހަގަކުރި ގޮތުގައި އިސްލާމިކް ޔުނިވަރިސޓީގައި ކިޔަވާ ކުދިން ޤައުމަށް އަނބުރާ ގެންދިއުމަށް އެމްބަސީން އެދިއްޖެނަމަ، އެކަމުގައި ޔުނިވަރސިޓީން އެހީވާނެ ކަމަށް ޔުނިވަރސިޓީން ބުނެފައިވާ ކަމުގައެވެ. އަދި އެކުދިންގެ ތެރެއިން ގިނަ ކުދިން ދިރިއުޅެނީ ޔުނިވަރސިޓީ ކެމްޕަހުގައި ކަމުގައާއި އެތަނުގައި ގިނަ ޢަދަދެއްގެ ކުދިން ދިރިއުޅޭ ކަމުގައިވެސް އެކުދިން ފާހަގަކުރިއެވެ. އެކުދިން ބުނެފައިވާ ގޮތުގައި އެތައްހާސް ކުދިންނެއް ޔުނިވަރސިޓީގައި ފުރަބަންދުގައި ތިބުމަށްވުރެ އެކުދިން ރާއްޖެއަށް އައުމަކީ އެކުދިންނަށް ރައްކާތެރި ގޮތް ކަމުގައި އެކުދިން ޤަބޫލުކުރެއެވެ.

ހަމައެހެންމެ ޟަރޫރީ ބޭނުންތަކަށްވެސް ނުކުމެ އުޅެނިކޮށް އެކަހެރިކުރަންޖެހި ކަރަންޓީނުކުރަންޖެހޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ޢާއިލާ ކަންތައް ބަލަހައްޓާނެ ގޮތެއްވެސް ނުހުންނާނެ ކަމުގައި އެކުދިން ފާހަގަކޮށްފައިވެއެވެ. އަދި އެކުދިން ދިވެހިރާއްޖެއަށް ދާން ބޭނުންވެގެން އެކަން ހަމަޖައްސައިދިނުމަށް އެދިފައިވެއެވެ.

ސައުދީ އަރަބިއްޔާގެ ރައްޔިތުން ބަލާ ރާއްޖެއަށް ފްލައިޓެއް އަންނަނީ:

ސަޢޫދީން ދިވެހިރާއްޖެއަށް އަންނަ ފުލައިޓުގެ މަޢުލޫމާތު އޮޅުން ފިލުވުމަށް އެމްބަސީއަށް ގުޅުމުން ލިބެނީ އެކި ފަހަރު އެކި ޖަވާބު ކަމުގައި އެ ދަރިވަރު މައުލޫމާތު ދިނެވެ. އެގޮތުން އެފުލައިޓު އޮތް ކަން ނޭނގޭ ކަމުގައި ކުރިން ބުނި ނަމަވެސް މިއަދު ބުނެފައިވަނީ އެފުލައިޓަކީ ނޯ ޕެކްސް ނުވަތަ ފަސިންޖަރުން ނުލައި އެއްކޮޅުން ފަސިންޖަރުން އުފުލާ ފުލައިޓެއް ކަމަށް ކަމުގައި އެކުދިން ބުންޏެވެ. އަދި އެމަބްސީން އެކުދިން ގާތުގައި ބުނެފައިވަނީ އެފުލައިޓު އިންފެކްޓުވެދާނެތީ އެފުލައިޓުގައި ދިވެހިން އުފުލުމާ ސަރުކާރުން ދެކޮޅު ހަދާ ކަމުގައެވެ.

ވޮއިސް އިން ބެލި ބެލުމުގައި އަންނަ އާދިއްތަ ދުވަހު ސައުދީގެ އެސްވީ 786 ފްލައިޓް ރާއްޖެއަށް އައުމަށް ވަނީ ޝެޑިއުލްކުރެވިފައެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑައިރެކްޓަރ މިއުވާން މުހައްމަދު "ވޮއިސް" އަށް މައުލޫމާތު ދިންގޮތުގައި ސައުދީ އަރަބީއްޔާގައި ތިބި ދަރިވަރުންގެ ހާލު އެންބަސީން އަންނަނީ ކޮންމެ ދުވަހަކުވެސް ވަރަށް ގާތުން ބަލަމުންކަމަށެވެ. ސައުދީގައި ދިރިއުޅޭ ދަރިވަރުން ގެނައުމާ ބެހޭގޮތުން ވަނީ މިވަގުތު އަދި އެފަދަ މަސައްކަތެއް ކުރެވެމުން ނުދާކަމަށާއި، ނަމަވެސް އެފަދަ ހާލަތެއް އަތުވެއްޖެނަމަ ދިވެހިން ގެނައުމުގެ މަސައްކަތް ކުރާނެކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މަދީނާގައި މިއަދު އެކަނިވެސް 78 މީހުން ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައިކަމަށް ސައުދީ ސަރުކާރުން ހާމަކުރި މައުލޫމާތުން ދައްކައެވެ.

Advertisement

ކޮމެންޓް