ރާއްޖެ ހިމެނޭގޮތަށް 13 ގައުމަކަށް މެލޭރިޔާ ބޭސް އެކްސްޕޯޓްކުރުމުގެ ހުއްދަ އިންޑިޔާއިން ދީފި

11 Apr 2020 | 13:00

ދިވެހިރާއްޖެ ހިމެނޭގޮތަށް 13 ގައުމަކަށް މެލޭރިޔާ ބޭސް އެކްސްޕޯޓްކުރުމުގެ ހުއްދަ އިންޑިޔާއިން ދީފިއެވެ.

މެލޭރިޔާއަށް ފަރުވާދިނުމަށް ބޭނުންކުރާ ހައިޑްރޮކްސީކްލޮރޮކީން ބޭހުން ކޮވިޑް-19 އަށް ފަރުވާދިނުމާއި ގުޅޭގޮތުން ތަހުލީލްތައް ދަނީ ކުރެވެމުންނެވެ. ނަމަވެސް އެއީ އެ ބައްޔަށް މުޖައްރިބު ފަރުވާއެއްކަމަށް މިހާތަނަށް ހޯދިފައެއް ނުވެއެވެ.

ދުނިޔޭގެ ހައިޑްރޮކްސީކްލޮރޮކީން އުފެއްދުންތަކުގެ 70 އިންސައްތަ އުފައްދަނީ އިންޑިޔާގައެވެ. ނަމަވެސް މި ބޭހަށް ކުއްލިގޮތަކަށް ޑިމާންޑް ބޮޑުވުމާއި ގުޅިގެން މާޗްމަހުގެ 25ވަނަ ދުވަހުގައި ވަނީ އެ ބޭސް އެކްސްޕޯޓްކުރުން މަނާކޮށްފައެވެ.

ނަމަވެސް ބައިނަލްއަގްވާމީ މުޖުތަމައުގެ ޕްރެޝަރާއި ލީޑަރުންގެ އެދުމުގެ މަތިން އިންޑިޔާއިން ވަނީ ހައިޑްރޮކްސީކްލޮރޮކީން ވަކި ގައުމުތަކަކަށް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފައެވެ. މިކަމާއި ގުޅިގެން އެގައުމުގެ ކުންފުނިތަކުން ވަނީ އެ ބޭހުގެ އުފެއްދުން އިތުރުކޮށްފައެވެ. އަދި އެގައުމުގެ އިދާރާތަކުން ވަނީ ބޭސް ބޭރަށް އެކްސްޕޯޓް ކުރިކަމުގައިވިޔަސް، އިންޑިޔާއަށް ފުދޭނެވަރަށް ހުންނާނެކަމަށް ބުނެފައެވެ.

ހައިޑްރޮކްސީކޮލޮރޮކީން އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފައިވަނީ އެމެރިކާ، ސްޕެއިން، ޖަރުމަނުވިލާތު، ބަހުރެއިން، ބްރެޒިލް، ނޭޕާލް، ބޫޓާން، އަފްޣާނިސްތާނު، ދިވެހިރާއްޖެ، ބަންގްލަދޭޝް، ސީޝެލްސް، މޮރިޝަސް އަދި ޑޮމިނިކަން ރިޕަބްލިކަށެވެ.

Advertisement

ކޮމެންޓް