ހޯމަ އަދި ބުރާސްފަތި ދުވަހު ސްޓެލްކޯގެ އޮފީސްތައް ހުޅުވާނެ

12 Apr 2020 | 13:42

"ކޮވިޑް- 19" އާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައިވެސް، ސްޓެލްކޯއާއި ގުޅުންހުރި އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހަކަމާއެކު، ލިބިދިނުމުގެ ގޮތުން މާލެއާއި އަތޮޅުތެރޭގެ އިންޖީނުގެ ތަކުގެ ޚިދުމަތްދޭ ކައުންޓަރުތައް، 13 އެޕްރީލް 2020 ވަނަ ދުވަހުން ފެށިގެން ކޮންމެ ހަފުތާއަކުވެސް ހޯމަ އަދި ބުރާސްފަތި ދުވަހު ހެނދުނު 9:00 އިން 14:00 އަށް ހުޅުވުމަށް ނިންމައިފިއެވެ. 

އަދި ސްޓެލްކޯ ސޭލްސް ސެންޓަރުވެސް މި ގަޑިތަކުގައި ހުޅުވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެކުންފުނިން މައުލޫމާތުދޭ ގޮތުގައި ގޭގައި ތިއްބަވައިގެން ޚިދުމަތްތަކަށް އެދި ފޯމް ހުށަހެޅުއްވުމާއި ފައިސާ ދެއްކެވުމުގެ އިންތިޒާމްތައް ވާނީ ހަމަޖައްސާފައެވެ. އެގޮތުން، ބޭނުންވާ ޚިދުމަތްތަކަށް އެދި އެ ކުންފުނީގެ އީމެއިލް އެޑްރެސް : [email protected] މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމުގެ ފުރުސަތާއި، ސްޓެލްކޯ ސޭލްސް ސެންޓަރު މެދުވެރިކޮށް، ކަރަންޓާއި ގުޅުން ހުރި މުދާ ވިއްކުމާއި، ދޫކުރުމުގެ އިންތިޒާމްވެސް ވަނީ ހަމަޖެހިފަ އެވެ. އެހެންކަމުން އެޚިދުމަތްތައް ބޭނުންފުޅުވާ ފަރާތްތަކުން ސޭލްސް ސެންޓަރުގެ ފޯން ނަންބަރު 9110888 އާ ގުޅުއްވުމުން ނުވަތަ [email protected] އަށް މެއިލް ކުރުމަށް އެކުންފުނިން އެދެއެވެ.

މި ޚާއްޞަ ހާލަތުގައި އެންމެންގެ ރައްކާތެރިކަމަށްޓަކައި، މިވަގުތަށް ކޮންމެހެން ބޭނުން ނުވާ ޚިދުމަތްތައް ލަސްކޮށްލެއްވުމަށް އެކުންފުނިން އެދެއެވެ.

އަދި ބިލަށް ފައިސާ ދެއްކެވުމަށް އެ ކުންފުނީގެ އެޕްލިކޭޝަނާއި، ވެބްސައިޓް ބޭނުން ކުރެއްވުމަށްވެސް އިލްތިމާސްކުރެއެވެ.

Advertisement

ކޮމެންޓް