Advertisement

ކޮވިޑް-19 އާއި ގުޅިގެން މި ސަރަހައްދުން އެންމެ ބޮޑު ގެއްލުމެއްވާނީ ދިވެހި އިގްތިސާދަށް: ވޯލްޑް ބޭންކް

12 Apr 2020 | 15:36

މިހާރު ފެތުރެމުންދާ ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ދެކުނު އޭޝިޔާ ސަރަހައްދުން އެންމެ ބޮޑަށް ނުރަނގަޅު އަސަރެއް ކުރާނީ ދިވެހިރާއްޖޭގެ އިގްތިސާދަށްކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފިއެވެ.

ވޯލްޑް ބޭންކުން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި އިމާރާތްކުރުމުގެ ސިނާއަތަށް ކުރާނެ ނޭދެވޭ އަސަރުގެ ސަބަބުން ދިވެހި އިގްތިސާދީ ކުރިއެރުން ހުންނާނެކަމަށް ލަފާކޮށްފަނީ މައިނަސް 8.5 އިންސައްތަ އާއި މައިނަސް 13 އިންސައްތައާ ދެމެދުގެ މިންވަރެއްގައެވެ. މިއީ މިދިޔަ އަހަރުގެ  އޮކްޓޯބަރު މަހުގައި ދިވެހި އިގްތިސާދު ކުރިއަރާނެކަމަށް ލަފާކުރި މިންވަރާއި ބަލާއިރު ބޮޑު ވެއްޓުމެކެވެ.

އެ ރިޕޯޓްގެ ރާއްޖޭގެ ކަންޓްރީ ބްރީފިންގ ގައި ބުނެފައިވާ ގޮތުގައި މި ހާލަތުގައި ދިވެހިރާއްޖޭގެ ކަރަންޓް އެކައުންޓްގެ ޑެފިސިޓް ރަނގަޅުވުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ ރާއްޖެއިން ބޭރަށް ރެމިޓެންސްގެ ގޮތުގައި ބޭރުވާ ފައިސާ މަދުވުމާއި ތަކެތި އިމްޕޯޓްކުރާ މިންވަރު މަދުވުމެވެ. ނަމަވެސް ތަކެތި އެކްސްޕޯޓްކުރާ މިންވަރުވެސް މަދުވާނެކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފައެވެ.

މި އިގްތިސާދީ ދަތިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ގޭބީސީގެ އާމްދަނީތައް މަދުވެގެން ދާނެކަމަށް ވަނީ ލަފާކޮށްފައެވެ. ސަބަބަކީ މި ހާލަތުގައި ފަތުރުވެރިކަމާއި އެކަމާއި  ގުޅުންހުރި ދާއިރާތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ މުސާރަ ކުޑަކުރުމާއި ވަޒީފާއިން ދާއިމީ ނުވަތަ ވަގުތީ ގޮތުން ދުރުވާން ޖެހުމެވެ. މީގެ ސަބަބުން ރާއްޖޭގެ ފަގީރުކަމުގެ ނިސްބަތް އިތުރުވުމުގެ ފުރުސަތު އެބައޮތްކަމަށް ވަނީ ބުނެފައެވެ.

ވޯލްޑް ބޭންކުން ބުނެފައިވާގޮތުގައި ދިވެހިރާއްޖެއިން މިފަދަ ހާލަތުގައި ޕްރައިވެޓް ސެކްޓަރ ކުރިއެރުމަށް ތަރުހީބުދޭން ޖެހެއެވެ. ސަބަބަކީ އިތުރު ވަޒީފާގެ ފުރުސަތުތައް އުފެދި، ޒުވާނުން ވަޒީފާ އަދާކުރާ މިންވަރު އިތުރުކުރުމަށެވެ.

އެފަރާތުން ލަފާކުރާ ގޮތުގައި މިއީ ފާއިތުވެދިޔަ 40 އަހަރުގެ ތެރޭގައި ދެކުނު އޭޝިޔާ ސަރަހައްދުގެ އިގްތިސާދު އެންމެ ބޮޑަށް ހީނަރުވެގެންދާނެ އަހަރެވެ. އެގޮތުން މިއަހަރު މުޅި ސަރަހައްދުގެ އިގްތިސާދީ ކުރިއެރުން ހުންނާނީ 1.8 އިންސައްތަ އާއި 2.8 އިންސައްތައިގައި ކަމަށް ވަނީ ލަފާކޮށްފައެވެ.

އަދި ކޮވިޑް-19ގެ ހާލަތު މިހާރު އޮތް މިންވަރަށްވުރެ ގޯސްވެއްޖެ ނަމަ ރިސެެޝަނަކަށް ދިއުމުގެ ފުރުސަތު އެބައޮތްކަމުގެ އިންޒާރު ވަނީ ދީފައެވެ.

Advertisement

ކޮމެންޓް