މޯލްޑިވިއަންގެ ފްލައިޓްގައި މެލޭޝިޔާއިން ރާއްޖެއަށް ގެނައި ފަރާތްތަކުގެ ތެރޭގައި ހޯމް މިނިސްޓަރގެ އާއިލާ!

15 Apr 2020 | 11:28

އެޕްރީލްމަހުގެ 8ވަނަ ދުވަހުގައި މެލޭޝިޔާގައި ތިބި ދިވެހިން ގެނައުމަށްޓަކައި މޯލްޑިވިއަންއިން ބޭއްވި ޚާއްސަ ފްލައިޓާއި ގުޅޭގޮތުން މިއަދާއި ހަމައަށްވެސް އަންނަނީ ތަފާތު ވާހަކަތައް ދެކެވެމުންނެވެ. އެގޮތުން ޓިކެޓްތައް ދޫކުރުމުގައި ދިވެހި ގައުމީ އެއާލައިނުން ބައެއް މަތީ ފެންވަރުގެ ފަރާތްތަކަށް އިސްކަންދިންކަމުގެ ތުހުމަތުތަކެއް ދިޔައީ ކުރެވެމުންނެވެ. އެގޮތުން ބައެއް ފަރާތްތައް ސަތޭކަ ފަހަރު މޯލްޑިވިއަންގެ ކޯލް ސެންޓަރަށް ގުޅައިގެންވެސް އޭޖެންޓަކު ލައްވާނުލިކަމުގެ ޝަކުވާ ވަރަށް ގިނަބަޔަކު ކުރިއެވެ. 

ނަމަވެސް ޓިކެޓް ދޫކުރުމުގައި ވަކި ފަރާތްތަކަށް އިސްކަންދިންކަމުގެ ތުހުމަތުތަކަށް މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ ފަރާތުން ތަކުރާރުކޮށް ވަނީ އިންކާރުކޮށްފައެވެ. 

މިއަދުގެ ވަގުތެއްގައި ވަނީ މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ހިންގާ ކޮމިއުނިޓީ ވައިބަރ ގްރޫޕެއްގައި ވަނީ މޯލްޑިވިއަންގެ ފަރާތުން ކުއަލަ ލަންޕޫރުން މާލެއަށް ބޭއްވި ފްލައިޓް ނަންބަރު ކިއު2 6435ގެ ޕެސެންޖަރ މެނިފެސްޓް އާންމުކޮށްފައެވެ. މިއީ އާންމު ފަރާތަކުން އާންމުކުރި މެނިފެސްޓެއްކަމުން ބެލެވޭ ގޮތުގައި މިއީ ލީކްވެފައިވާ ޕެސެންޖަރ މެނިފެސްޓެކެވެ. މީގައި އެ ފަރާތްތަކުގެ ނަމާއި ޓިކެޓް ނަންބަރވެސް ހިމެނެއެވެ.

މި ޕެސެންޖަރ މެނިފެސްޓްގެ ސައްހަކަން ކަށަވަރުކުރުމަށް ވޮއިސްގެ ޓީމުން ވާނީ މަސައްކަތްކޮށްފައެވެ. އެގޮތުން މި މެނިފެސްޓްގައި އެ ފްލައިޓުން ދަތުރުކުރިކަން މި ނޫހަށް ޔަގީން ކުރެވިފައިވާ ގިނަ ފަރާތްތަކެއް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

މި ފްލައިޓުން ދަތުރުކުރި ފަރާތްތަކުގެ ތެރޭގައި ސަރުކާރު ހިންގާ ކޯލިޝަންގެ މުހިންމު ބައިވެރިއެއްކަމުގައިވާ އަދާލަތު ޕާޓީގެ ލީޑަރ އަދި ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲގެ އާއިލާގެ މެންބަރުން ހިމެނެއެވެ. އެގޮތުން އިމްރާންގެ އަނބިކަނބަލުންކަމުގައިވާ މަރިޔަމް ރީމް އަދި ފަސް ދަރިން ހިމެނެއެވެ. މި ފްލައިޓުން ޓިކެޓް ހޯދުމަށް އާންމު ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނުއިރު، ސަރުކާރުގެ އިސްވެރިއެއްގެ އާއިލާގެ ފަސް މެންބަރުންނަށް ޓިކެޓްތައް ހަމަޖެހިގެން ދިއުމާއި ގުޅިގެން ގިނަބަޔަކު ދަނީ މިކަމާއި މެދު ސުވާލު އުފައްދަމުންނެވެ.

މިކަމާއި ގުޅޭގޮތުން ވޮއިސްއިން ވާނީ އަދާލަތު ޕާޓީގެ ބަހެއް ހޯދުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ ފަރާތުން ޖަވާބެއް ލިބިފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މެލޭޝިޔާއިން އަދިވެސް ގިނަބަޔަކު ތިބީ ދިވެހިރާއްޖެއަަށް އަންނަން ބޭނުންވެފައެވެ. އޭގެ ތެރޭގައި ބަލިމީހުންނާއި، އެކަނި ކިޔަވަން ތިބި ކުދިންނާއި އަދި މާބަނޑު އަންހެނުންވެސް ހިމެނެއެވެ. އެގޮތުން މީގެ ތެރެއިން މާބަނޑު އަންހެނުންނަށް އަވަސް މުއްދަތެއްގައި ދިވެހިރާއްޖެއަށް އަނބުރާ ނާދެވިއްޖެނަމަ އާއިލާގެ ފަރާތްތަކާއި ދުރުގައި ތިބެގެން ވިހަން ޖެހިދާނެކަމުގެ ބިރުވެސް އެބައޮތެވެ.

Advertisement

ކޮމެންޓް

Advertisement