ކޮވިޑް-19ގެ އުސްއަލި: އެންމެފަހުން ޕޮޒިޓިވްވި ދިވެހިމީހާގެ ކިބައިން ބަލީގެ ނިޝާނެއް ނުފެނޭ

12 Apr 2020 | 22:56

ދިވެހިރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 20 އަށް އަރާފައިކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މިރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް 2670 ސާމްޕަލް ނެގިފައިވާ ކަމަށެވެ. އޭގެ ތެރެއިން މިހާތަނަށް ނަތީޖާ ނުލިިބި ވަނީ 38 ސާމްޕަލްގެއެވެ. މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި އެގާރަ މީހުން ތިބިއިރު، ކަރަންޓީން ފެސިލިޓީތަކުގައި ތިބީ 907 މީހުންކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ މިއަދުގެ ވަގުތެއްގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހި ފަރާތުގެ މައުލޫމާތުތައް ހިއްސާކޮށްފައެވެ.

މިއާއި މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކޮށްލެވުނު އެހެން ވާހަކަތަކަށް މިހިސާބުން ބަލާލާނަމެވެ.


ޕޭޝަންޓް 20ގެ ކިބައިން ބަލީގެ އަލާމާތްތައް ނުފެނޭ!

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޑރ.މޫސާ މުރާދު ވިދާޅުވި ގޮތުގައި މިއަދު ކޮވިޑް-19އަށް ޕޮޒިޓިވް ކަމަށް ޓެސްޓް ކުރެވުނީ ފިލިޕީންސްއިން ދިވެހިރާއްޖެއަށް އައުމަށްފަހު ކަރަންޓީން ފެސިލިޓީއެއްގައި ހުރި ފަރާތެކެވެ. އެފަރާތް މި ބައްޔަށް ޕޮޒިޓިވްކަމަށް އެނގުނީ ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުންކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ޑރ.މުރާދު ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން އެފަރާތުގެ ކިބައިން ބަލީގެ އަލާމާތެއް ފެނިފައެއް ނުވެއެވެ. މި ކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަަދި ބަލިމީހާ މިހާރު ވަނީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލު ކުރެވިފައެވެ.


ރަށްރަށުން ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ގޮތް ހަދަނީ

މިރޭ މަބްރޫކް ވިދާޅުވި ގޮތުގައި ކޮވިޑް-19 އާއި ގުޅިގެން ދޭންޖެހޭ ފަރުވާ ދިނުމަށްޓަކައި ފަސް ރަށެއްގެ ހޮސްޕިޓަލްގައި އައިސީޔޫ އެނދާއި އައިސޮލޭޝަން އެނދު ގާއިމްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އެއާއި އެކު އެތަންތަނުން ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

އެގޮތުން ޓީބީ ޓެސްޓްކުރާ މެޝިނަށް ޚާއްސަ ކާޓްރިޖެއް ލައްވައިގެން ކޮވިޑް-19 އަށް ޓެސްޓްކުރެވޭއިރު، އެ ކާޓްރިޖްތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް އެބޭފުޅާ ހާމަކުރެއްވިއެވެ.

މިއީ 12 އެޕްރީލްވީ ދުވަހުގެ ރޭ ބޭއްވުނު ނޫސްވެެރިންގެ ބައްދަލުުވުުމުގެ އުސްއަލިތަކެވެ.

Advertisement

ކޮމެންޓް