200 ބިދޭސީން ހުޅުމާލެއަށް ބަދަލުކޮށްފި

14 Apr 2020 | 08:46

ކޮވިޑް-19 އިން ރައްކާތެރިވެ އެ ބަލި ފެތުރުނަ ނުދިނުމުގެ ގޮތުން މާލެ ސަރަހައްދުގައި ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅޭ ބިދޭސީން ހާއްސަ ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތްކަތުގެ ތެރެއިން މާލޭގެ ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅޭ 200 ފަރާތެއް ހުޅުމާލެ ބަދަލުކޮށްފިއެވެ.

މާލޭގައި ތޮއްޖެހިގެން ދިރިއުޅެމުންދާ 5000 މީހުން އެހެން ތަންތަނަށް ބަދަލު ކުރަން ހަމަޖެހިފައިވެއެވެ.

އިއްޔެ ބަދަލުކޮށްފައިވާ ބިދޭސީ 200 ފަރާތް ގެންގޮސްފައިވަނީ އަމީން ހިޔާ ލޭބާ އެކޮމޮޑޭޝަން ފެސިލިޓީއަށެވެ. މި ފެސިލިޓީއަކީ 1000 މީހުންގެ ޖާގައިގެ ތަނެއްކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ބިދޭސީން ވަގުތީ ފެސިލިޓީއަށް ބަދަލުކުރުމުގައި ހަރަކާތްތެރިވަމުން އަންނަނީ އެމްއެންޑީއެފް އާއި ފުލުހުންގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިތުރުން މާލޭ ސިޓީ ކައުންސިލުންވެސް ގުޅިގެންނެވެ.

ފެސިލިޓީގައި ތިބޭ ބިދޭސީންގެ ކެއުމާއި ވެލްބީންގެ ކަންތައްތައް ބަލަހައްޓާނީ އެޗްޑީސީއިން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީއެއް އެ ފެސިލިޓީއަށް ގެންދާނެ ކަމަށެވެ. އަދި އިކޮނޮމިކް މިިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ދަށުން ގަވާއިދާ ހިލާފަށް ތިބި ބިދޭސީން ގާނޫނުގެ ތެރެއަށް ވަނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

Advertisement

ކޮމެންޓް