މަޖިލީހުން ފާރަވެރިނުވާނަމަ ސަރުކާރުން ތައްޔާރީތައް ނުވެދާނެ: ރައީސް ނަޝީދު

15 Apr 2020 | 00:37

ރައްޔިތުންގެ މަޖިލިސް ނުބާއްވާ ސަރުކާރުގެ މަސައްކަތްތަކަށް މަޖިލީހުން ފާރަވެރިވެ ނުތިބޭނަމަ މިހާރު ފެތުރިފައިވާ ރޯގާއަށް ތައްޔާރުވުމުގައި ސަރުކާރުން ފުރިހަމަ ކުރަންޖެހޭ ކަންކަން ނުކުރެވިދާނެ ކަމުގެ ބިރު އުފެދިފައިވާ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލިސް ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ އާންމު އުސޫލުން މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ބޭއްވެވި މަޝްވަރާ ބައްދަލުވުމެއްގައެވެ.

"އަޅުގަނޑު ހަގީގަތުގައި މި ތަނަށް އައިސް ތިޔަ އިއްޒަތްތެރި މެންބަރުން އަރިހުގައި މި އިނީ ހަމަ ހަގީގަތުގައި ވެސް މި ތަން ބަންދު ކޮށްފިއްޔާ އަޅުގަނޑުމެން ކިތަންމެ ލޯބި ވިޔަސް މި ތައްޔާރީ ނުވެދާނެ ކަމަށް އަޅުގަނޑުގެ ހިތަށް ބިރު ގަންނާނާތީވެ." ރައީސް ނަޝީދު ވިދާޅުވި އެވެ.

މިއަދުގެ މަޝްވަރާ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ރަށު ތެރޭގައި ކޮވިޑް-19 ގެ ރޯގާ ފެތުރިދާނެ ކަމަށް ތައްޔާރު ވުމަށްޓަކައި ބޭނުންވާ ސިއްހީ ގިނަ ވަސީލަތްތައް ބޭނުންވާ މިންވަރަށް އަދި ގެނެވިފައި ނުވާ ކަމަށެވެ.

"މި މަޖިލީސް މި ހުޅުވަނީ ފާޑު ބުނާން ވެގެން. އަޅުގަނޑު ދެކޭ ގޮތުގައި މި ކަމަށް މިއަދު އަޅުގަނޑުމެން ފާޑު ނުބުނުމަކީ ޒިންމާދާރު ކަމެއް ނޫން، ވާން ޖެހޭ ތައްޔާރީތައް މެންބަރުން ބައްލަވަން ޖެހޭ. ޒިންމާދާރު ކުރުވަން ޖެހޭ، އެއީ މެންބަރުންގެ ގާނޫނީ މަސްއޫލިއްޔަތެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މިފަދައިން ރައީސް ނަޝީދު ވިދާޅުވެފައިވާއިރު މިހާތަނަށް ސަރުކާރުގެ ބައެއް ނިންމުންތަކަށް ފުށުއަރާ ގޮތައް މަޖިލިސް ތަޅުމުގައި ނަޝީދުވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ސިއްހީ މާހިރުންގެ އިރުޝާދާ ދެކޮޅަށް ކަރަންޓީން ކުރުމާއި ދެކޮޅަށް ނަސީދު ވަނީ ބަސްވިދާޅުވެފައެވެ. އަދި ޗޮވިޑް19 ގެ ނުރައްކާތެރި ނޫން އާދައިގެ ރޯގާއެއްކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައިވެއެވެ.

މީގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބު 3 ފޫޓް ދުރުން ވިޔަސް ބޭއްވުމަށް ނަޝީދު ގެންދެވީ ބާރު އަޅައި މަޖިލިސް ގައި އެވާހަކަ ދައްކަވަމުންނެވެ. 

Advertisement

ކޮމެންޓް