Advertisement

ކޮވިޑް-19ގެ އުސްއަލި: ރައްކާތެރިކަމުގެ ފިޔަވަޅުތައް ނޭޅިނަމަ މާލެ ސަރަހައްދުން އެކަނި 40 ހާހަށްވުރެ ގިނަ މީހުން ޕޮޒިޓިވްވީސް!

15 Apr 2020 | 03:01

ދިވެހިރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 20 އަށް އަރާފައިކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މިރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް 2899 ސާމްޕަލް ނެގިފައިވާ ކަމަށެވެ. އޭގެ ތެރެއިން މިހާތަނަށް ނަތީޖާ ނުލިިބި ވަނީ 183 ސާމްޕަލްގެއެވެ. މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި އެގާރަ މީހުން ތިބިއިރު، ކަރަންޓީން ފެސިލިޓީތަކުގައި ތިބީ 962 މީހުންކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ދިވެހިރާއްޖޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައި މުޖުތަމައުގައި ބަލި ފެތުރޭ ހާލަތަކަށް ގޮސްފިނަމަ ދާނެ ނުރައްކާތެރި ހާލަތުގެ އަންދާސީ ހިސާބުތައް ހާމަކޮށްފައެވެ.

މިއާއި މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރެވުނު އެހެނިހެން ވާހަކަތަކުގެ އުސްއަލިތަކަށް މިހިސާބުން ބަލާލާނަމެވެ.


ކޮމިއުނިޓީ ސްޕްރެޑްގެ ހާލަތަކަށް ގޮސްފިނަމަ ބިރުވެރި އަދަދުތަކެއް

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން ވާހަކަދައްކަވަމުން ޑރ.ނަޒްލާ ރަފީގް ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅެއް ނާޅައި ވަނިކޮށް މުޖުތަމައުގައި މި ބަލި ފެތުރިއްޖެނަމަ 46،000 މީހުން މާލެ ސަރަހައްދުން އެކަނިވެސް ޕޮޒިޓިވްވާނެކަމަށް ދިރާސާއިން އަންދާޒާ ކުރެވޭ ކަމަށެވެ. އަދި އަތޮޅުތަކުން 51،000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވާނެކަމަށް އަންދާޒާ ކުރެވޭނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފިނަމަ މި އަދަދަކީ 2000 މީހުންކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މި ބަލި އެންމެ ބޮޑުވާ ދުވަހުގައި ރައްކާތެރިކަމުގެ ފިޔަވަޅެއް ނެތްނަމަ 1300 މީހުން އަލަށް އެނދުމަތި ކުރަން ޖެހޭނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

އަދި މި ދުވަހުގައި 300 މީހުން އައިސީޔޫގައި އެނދުމަތި ކުރަން ޖެހޭނެކަމަށްވެސް އެޗްޕީއޭގެ ދިރާސާއިން ވަނީ ދައްކާފައެވެ. މީގެ އިތުރުން ރައްކާތެރިވުމަށް ރާއްޖެއިން އެއްވެސް ފިޔަވަޅެއް ނާޅައިފިނަމަ 10،891 މީހުން މަރުވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.


މީހުން އައުމުގެ ފުރުސަތު ދޭން ފްލައިޓް އަންނަ ދުވަސް ލަސްކޮށްދޭން އެދިއްޖެ

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ގަތަރު އެއާވޭޒްއިން މިމަހުގެ 21 ވަނަ ދުވަހުގައި ދިވެހިރާއްޖެއަށް ބާއްވަން އޮތް ފްލައިޓް 23 ވަނަ ދުވަހަށް ލަސްކޮށްދޭން އެދިފައިވާނެ ކަމަށެވެ.

މިގޮތަށް އެދުނީ ކަރަންޓީން ފެސިލިޓީތަކުގައި ޖާގަ އޮތް މިންވަރަކުން މީހުން އައުމުގެ ފުރުސަތު ދޭންކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިއީ އެޕްރީލް 14ވީ ދުވަހުގެ ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ އުސްއަލިތަކެވެ. 

Advertisement

ކޮމެންޓް

Advertisement