Advertisement

ރައީސް ޞާލިހް ޤައުމާ މުހާތަބު ކުރައްވަނީ!

15 Apr 2020 | 15:01

މާލެ ތެރެއިން ފުރަތަމަ ފަހަށް ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޤައުމާ މުހާތަބު ކުރައްވަން ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވިގޮތުގައި މިއަދުގެ 3:45 ގައި ރައީސް ސޯލިހު ޤައުމާ މުހާތަބު ކުރައްވާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ޞާލިހް ޤައުމާ މުހާތަބު މިކުރައްވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު މާލެއިން ފެނިފައިވާކަން އެޗްޕީއޭއިން އިއުލާންކޮށްފައިވާ ދަނޑިވަޅެކެވެ.

އެފަރާތުން ކުރި ޓްވީޓެއްގައި ބުނީ ‏މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެއް ކޮވިޑް-19‬⁩ އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއީ މާލެއިން ފެނުނު ފުރަތަމަ ޕޮޒިޓިވްވި މީހާކަމަށް ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވާގޮތުގައި މިކަން ކަށަވަރުވެފައިވަނީ ރޯގާގެ އަލާމާތްތައް ފެނިގެން މިމަހު 14 ވަނަ ދުވަހު މާލެހިޔާ ކައިރީ ހުންނަ ފުލޫ ކްލިނިކަށް ދެއްކި ދިވެއްސެއް ކޯވިޑް-19 އަށް ޓެސްޓުކުރުމުންނެވެ.

މިކަން ކަށަވަރުވުމާއިއެކު ރެޕިޑް ރެސްޕޮންސް ޓީމުން ވަނީ ޙަރަކާތްތެރިވާން ފަށާފައެވެ. މިގޮތުން މިމަޢުލޫމާތު އެމީހާއަށް އެންގުމަށްފަހު ވަގުތީގޮތުން ސަރަޙައްދު ބަންދުކޮށް އޭނާ ދިރިއުޅޭ ގެ ކަރަންޓީނުކޮށް ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

އަދި ޕޮޒިޓިވް ވިފަރާތް މިހާރުވަނީ އައިސޮލޭޝަން ފެސިލިޓީގައި އެކަހެރިކުރެވިފައެވެ. މިހާތަނަށް ބެލިބެލުމުގައި ރާއްޖެއިން ބޭރަށް އެމީހާ ދަތުރުކޮށްފައި ނުވާކަން ފާހަގަކުރަމެވެ.

Advertisement

ކޮމެންޓް