Advertisement

ރައީސުލްޖުމްހޫރިއްޔާގެ އަސަރުގަދަ އާދޭސް: އެކަކު އަނެކަކާ ދެމެދު އޯގާތެރިކަމާއި އެކުވެރިކަމާ އެކީގައި މުއާމަލާތް ކުރޭ!

15 Apr 2020 | 16:24

މިހާރު ދިމާވެފައި މިއޮތް ހާލަތުގައި އެކަކު އަނެކަކާ ދެމެދު އޯގާތެރިކަމާއި އެކުވެރިކަމާ އެކީގައި މުއާމަލާތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ހުރިހާ ދިވެހިންގެ ކިބައިން އެދިވަޑައިގަންނަވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ފަރާތެއް ފެނުމާއި ގުޅިގެން ގައުމާއި މުޚާތަބު ކުރައްވާ ވާހަކަދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމީހާ އަށް ބަލި ޖެހުނު ގޮތް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެމީހާއާއި ސީދާގޮތުން ދިމާވި ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ. އެގޮތުން މިހާތަނަށް 11 މީހެއްގެ ސާމްޕަލް ނަގާފައިވާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ މި ކޭސްގެ ކޮންޓެކްޓް ޓްރޭސިން މަސައްކަތް ނިމެންދެން މާލެ ސަރަހައްދު 24 ގަޑިއިރަށް ބަންދުކޮށްފައިވާނެކަމަށެވެ. އަދި ބަލި ޖެހުނު މީހާ އާއި ކޮންޓެކްޓްވި މީހަކު ކ. ކާށިދޫ އަށް ދަތުރުކުރި ކަމަށް ބަލައި، އެ ރަށް މޮނިޓަރިން ހާލަތަށް ލެވިފައިވާކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އާންމު ދިރިއުޅުމުގައި ކަންކަން ކުރަން ބޭނުންވާ އިރު، އެކަންކަން ކުރުމުގައި ދަތިވާނެ ކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

"ކެތްތެރިކަމާއި ހިކުމަތްތެރިކަމާ އެކީގައި އެކުގައި މަސައްކަތް ކުރެވިއްޖެ ނަމަ މިކަމުން އަރައިގަނެވޭ"، ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ކީރިތި ކުރައްވަމުން ރައްޔިތުންގެ ކިބައިން އެކަކު އަނެކަކާ ދެމެދު އޯގާތެރިކަމާއި އެކުވެރިކަމާ އެކީގައި މުއާމަލާތް ކުރުމަށް އެދިވަޑައިގެން، ކެތްތެރިކަން އިސްކޮށް އިސްލާމް ދީނުގެ މަތިވެރި އުސޫލުގެ ތެރެއިން އެކަކު އަނެކަކަށް އެހީތެރިވުމަށް އެދިވަޑައިގަންނަވާފައެވެ.

Advertisement

ކޮމެންޓް