މިހާތަނަށް ބެލެވެނީ މިއީ ކޮމިއުނިޓީ ޓްރާންސްމިޝަންގެ ހާލަތެއް ކަމަށް!

15 Apr 2020 | 20:04

މާލޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވިކަމަށް މިއަދު ބުނި ޕޭޝަންޓްގެ ކޭސް މިހާތަނަށް ބެލެވެނީ ކޮމިއުނިޓި ސްޕްރެޑްއެއްގެ ހާލަތެއްގެ ގޮތަށް ކަމަށް ސަރުކާރުން ހާމަކޮަށްފިއެވެ.

މިއަދު ހަވީރު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން މިއަދު މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްކަމަށް ޓެސްޓް ކުރެވުނު ފަރާތަކީ ދިވެހިރާއްޖެއަށް އައި ޕޮޒިޓިވް ޕޭޝަންޓަކާއި އެކު ކްލޯސް ކޮންޓެކްޓް ވެފައިވާ އަދި ފަހުގެ ތާރީޚެއްގައި ރާއްޖެއިން ބޭރަށް ގޮސްފައިވާ ފަރާތެއް ނޫންކަން އެނގިފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން އެ ބައްދަލުވުމުގައި ވާހަކަދެއްކެވި ޑރ.އަލީ ލަތީފް ވިދާޅުވީ އެހެންކަމުން މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ރިއާޔަތްކޮށް މިއީ ކޮމިއުނިޓީ ޓްރާންސްމިޝަންގެ ހާލަތެއްކަމަށް ބުނެވިދާނެ ކަމަށެވެ. އެބޭފުޅާ ފާހަގަކުރެއްވި ގޮތުގައި ކޮމިއުނިޓީ ޓްރާންސްމިޝަންގެ ހާލަތެއްގެ ގޮތުގައި މި ހާލަތު ބެލެވެނީ ޕޮޒިޓިވް ޕޭޝަންޓްއަކާއި ކޮންޓެކްޓް ވެފައި ނުވާ ފަރާތެއްގެ ކިބައިން ބަލި ފެނިގެން ދިއުމެވެ.

ނަމަވެސް މިކަން ކަށަވަރުކޮށް ދެނެގަނެވޭނީ އިތުރު ތަހުގީގަށް ފަހުގައިކަމަށް ޑރ.އަލީ ލަތީފް ވިދާޅުވިއެވެ.

އެބޭފުޅާ ވިދާޅުވީ މިއީ ސީދާ ފަރުވާއެއް ހޯދިފައި ނުވާ ވައިރަހެއްކަމުން ހުރިހާ ފަރާތްތަކުގެ ކިބައިންވެސް މި ބަލި ޖެހުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން ގޭގައި މަޑުކޮށްގެން ތިބުމަށް އިރުޝާދުދޭ ކަމަށެވެ.

އަދި މިފަދަ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ޑޮކްޓަރުންނާއި ނަރުހުންނަށް އެކަށީގެންވާ ތަމްރީން ފޯރުކޮށްދީ، ބަލި އެނދުތައްވެސް އިތުރުކޮށްފައި ވާނެކަމަށް ޑރ.އަލީ ލަތީފް ވިދާޅުވިއެވެ.

ފޮޓޯ: ސަން

Advertisement

ކޮމެންޓް

Advertisement