ބަންގްލަދޭޝްއިން ރާއްޖެއަށް 100 ޓަނުގެ ހިލޭ އެހީ ފޮނުވަނީ

15 Apr 2020 | 20:55

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކާޑުގެ ބާވަތްތަކާ ބޭހާއި މެޑިކަލް އިކުއިޕްމަންޓްސްގެ ހިލޭ އެހީގެ ގޮތުގައި ބަންގްލަދޭޝްއިން ހަދިޔާ ކޮށްފިއެވެ.

ބަންގްލަދޭޝްއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީގެ ތެރޭގައި ކާޑުގެ ބާވަތްތަކާއި، ރާއްޖޭގައި ކެއުުމަށް އާއްމުކޮށް ބޭނުންކުރާ މޭވާ އަދި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ބޭހުގެ ބާވަތްތައް ހިމެނެއެވެ. އަދި މީގެ އިތުރުން ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ބޭނުންކުރެވޭ ބައެއް މެޑިކަލް އިކުއިޕްމަންޓްސްވެސް ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކުރާނެއެވެ. މި އެހީގެ ޖުމްލަ ބަރުދަން 100 ޓަނަށް އަރައެވެ.

އެހީގެ މި ޝިޕްމަންޓް ހިފައިގެން ބަންގްލަދޭޝްގެ ނޭވީގެ މަނަވަރެއް ރާއްޖެއަށް އައުމަށް މިއަދުވަނީ ފުރާފައެވެ.

ރާއްޖެއަށް ބޭނުންވާ އެހީ ހޯދުމާ ބެހޭ ގޮތުންނާއި، ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާކުދިން އަނބުރާ ރާއްޖެ ގެނައުމާއި ބެހޭ ގޮތުން މިދިޔަ ދެ ހަފްތާ ތެރޭ 2 ފަހަރެއްގެ މަތިން އެޤައުމުގެ ފޮރިން މިނިސްޓަރަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ގުޅުއްވައި މަޝްވަރާކުރައްވާފައިވެއެވެ.

މިފަދަ ދަނޑިވަޅެއްގައި ބަންގްލަދޭޝްއިން ފޯރުކޮށްދޭ މި އެހީތެރިކަމާ ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ބަންގްލަދޭޝްގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިއީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއްކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް