ގެދޮރުނެތް ފަރާތްތަކަށް ކާބޯތަކެއްޗާއި، ވަގުތީ ބޯހިޔާވެހިކަން ފޯރުކޮށްދީފި

16 Apr 2020 | 11:59

މާލެ ސިޓީ 24 ގަޑިއިރުގެ ފުރަބަންދެއް ނުވަތަ ލޮކްޑައުންއެއްގެ ހާލަތަކަށް ގެންގޮސްފައިވާއިރު، މާލޭގަިއ ގެދޮރިނެތް މީހުންނަށް އެހީތެރިވެ ބޯހިޔާވެހިކަމާއި ކާބޯތަކެތި ފޯރުކޮށްދީފިއެވެ.

ފުލުހުން މިކަން ހާމަކުރައްވައި ކުރައްވާފައިވާ ޓުވީޓެއްގައި ވަނީ މިކަމުގެ ތަފްސީލް ދެއްވާފައެވެ. އެގޮތުން މާފަންނު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ އޮފިސަރުން ވަނީ ގެދޮރުނެތި މަގުމަތިވެފައިވާ ފަރާތްތަކަށް ސަރުކާރުން ހަމަޖައްސަވާފައިވާ ކާބޯތަކެތި ބަހާފައެވެ.

މީގެ އިތުރުން ދިވެހި ސަރުކާރާއި މޯލްޑިވިއަން ރެޑްކްރެސެންޓް ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ވެސް މިފަރާތްތަކަށް ހަމަޖައްސާފައި ފުލުހުން ހާމަކުރައްވައެވެ.

މާލެއިން ކޮވިޑް19 އަށް ޕޮސިޓިވްވެފައިވާ މީހެއް އިއްޔެ ފެނުމާއެކު މާލެ ވަނީ 24 ގަޑި އިރަށް ފުރަބަންދުކުރެވިފައެވެ. އަދި މިވަގުތު ތަކުގައި ބޭރަށް ނިކުތުން ވަނީ މަނާކުރެވިފައެވެ.

މި ފުރަބަންދުގެ ތެރޭގައި މާލެ، ހުޅުމާލެ، ވިލިގިލގައި ކާބޯތަކެއްޗާއި އަސާސީ ތަކެތި ފޯރުކޮށްދެވޭނީ ފުލުހުންގެ ހާއްސަ ހުއްދައެއް ލިބިފައިވާ ފަރާތްތަކުންނެވެ.

މީގެއިތުރަށް މާލެ ސަރަހައްދުގައި ދަތުރު ކުރާ ބަހާއި ފެރީގެ ހިދުމަތްވެސް ވަގުތީ ގޮތުން މެދުކަނޑާލައި، މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅަށް މީހުން އަރައި ފޭބުންވެސް ވަނީ މަނާ ކޮށްފައެވެ. 

Advertisement

ކޮމެންޓް

Advertisement