ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނަށް ބޭންކްގެ ފަރާތުން ބޮޑެތި ލުއިތަކެއް!

16 Apr 2020 | 17:06

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭން ބޭރުގައި ތަފާތު ދަތިތަކާ ކުރިމަތިވެފައިވާ ދިވެހިންނަށް ބޭންކިން ހިދުމަތް ހޯދުމުގައި އިތުރު ލުއިތަކެއް ދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ.

މިގޮތުން ބޭންކުން މައުލޫމާތުދޭ ގޮތުގައި ރާއްޖޭން ބޭރުގައި ބީއެމްއެލް އިން ދޫކޮށްފައިވާ ޑެބިޓް ކާޑު ބޭނުންކޮށްގެން ދުވާލަކު އޭޓީއެމް އިން ނެގޭ އަދަދު ވަނީ 1000 ޑޮލަރާ ހަމައަށް އިތުރުކޮށްފައެވެ.

މިހާރު ކަސްޓަމަރުންނަށް އޭޓީއެމް މެދުވެރިކޮށް ނެގެނީ ދުވާލަކު 400 ޑޮލަރާ އެއްވަރުގެ އަދަދެކެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި އޭޓީއެމްތަކުން ފައިސާ ނަގާއިރު ބޭންކުން ނަގާފީ މިވަނީ 15 ރުފިޔާއަށް (ކާޑު ނެޓްވޯކްތަކަށް ދައްކާ ފީ) ކުޑަކޮށްފައެވެ. އަދި މީގެ އިތުރުން ކުރިއެކޭ އެއްގޮތަށް ކަސްޓަމަރުންނަށް ޕީއޯއެސް މެދުވެރިކޮށް ދުވާލަކު 600 ޑޮލަރުގެ ވިޔަފާރިކުރެވޭނެއެވެ.

ބީއެމްއެލް މެދުވެރިކޮށް ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމުގައިވެސް މިވަނީ ބަދަލުތަކެއް ގެނެވިފައެވެ. މި ގޮތުން ކޮންމެ ކަސްޓަމަރަކަށްވެސް މަހެއްގެ މައްޗަށް 500 ޑޮލަރާ ހަމަޔަށް ފައިސާ ފޮނުވުމުގައި ދިވެހި ރުފިޔާ އެކައުންޓުން ފައިސާ ފޮނުވޭ ގޮތް މިވަނީ ހަމަޖެހިފައެވެ. މިގޮތަށް ފައިސާ ފޮނުވުމުގައި ބީއެމްއެލް އިން އެއްވެސް ފީއެއް ނުނެގުމަށްވަނީ ނިންމާފައެވެ. ކަސްޓަމަރުން ދައްކަންޖެހޭނީ ހަމައެކަނި ފޮރިން ބޭންކް ޗާޖެވެ.

އަދި މީގެ އިތުރުން ބީއެމްއެލް މޯބައިލް ޕޭ މެދުވެރިކޮށް ރާއްޖޭން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށްވެސް ދިވެހި ފައިސާގެ ޑިޖިޓަލް ވޮލެޓް ބޭނުންކޮށްގެން 500 ޑޮލަރާ ހަމަޔަށް ފައިސާ ފޮނުވޭނެއެވެ. މި ޚިދުމަތް ލިބިގެންދާނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ކަނޑައަޅުއްވާފައިވާ އުސޫލްތަކާ އެއްގޮތަށް ރާއްޖޭން ބޭރުގައި ހުންނަ އެމްބަސީތަކުގައި ރަޖިސްޓަރކޮށްފައިވާ ފަރާތްތަކަށެވެ.

މި ވަގުތަށް ކަނޑައެޅިފައިވާ އުސޫލްގެ ދަށުން މޭ މަހުގެ ނިޔަލަށް މި ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. އަދި ދުވަހެއް ދުވަހަކަށް ބަދަލުވަމުން އަންނަ ހާލަތަށް ބަލައި، ބޭންކުން ދާނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވާނެ ދަތިތަކުން އަރައިގަތުމަށް އެހީވެވޭނެ ގޮތްތައް ބަލަމުންނެވެ.

Advertisement

ކޮމެންޓް

Advertisement